ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 11:08
އިންތިޚާބުން ބަލިވެވަޑައިގެންނެވި ބޮޑުވަޒީރު ނަޖީބު ރައްޒާގު
އިންތިޚާބުން ބަލިވެވަޑައިގެންނެވި ބޮޑުވަޒީރު ނަޖީބު ރައްޒާގު
އިންޑިއަން އެކްސްޕްރެސް
މެލޭޝިއާ އާއްމު އިންތިޚާބު
މެލޭޝިއާގެ އިންތިޚާބުން ބަލިވެވަޑައިގެންނެވި ބޮޑުވަޒީރު ނަޖީބު ރައްޒާގު ނަތީޖާ ގަބޫލުފުޅު ކުރައްވައިފި
އިދިކޮޅު ކޯލިޝަނުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 112 ގޮނޑިއަށްވުރެ ގިނަ ގޮނޑި ވަނީ ކާމިޔާބުކޮށްފައި

 

މެލޭޝިއާގެ އިދިކޮޅު ކޯލިޝަން (ޕަކަޓަން ހަރަޕަން) ބުދަ ދުވަހު ބޭއްވުނު އެގަައުމުގެ އިންތިޚާބު ކާމިޔާބު ކޮށްފައިވާއިރު، ބަލިވެވަޑައިގެންނެވި ބޮޑުވަޒީރު ނަޖީބު ރައްޒާގު ނަތީޖާ ގަބޫލުފުޅު ކުރައްވައިފިއެވެ. 

ބުރާސްފަތި ދުވަހު ދެއްވި ތަގުރީރެއްގައި ބޮޑުވަޒީރު ރައްޒާގު ވަނީ ބަލިގަބޫލުކުރެއްވުމުގެ އިތުރަށް އިންތިޚާބުގައި އޮޅުވާލުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. މެލޭޝިއާގައި ދިގު މުއްދަތަކަށް ބަރިސަން ނޭޝަނަލްގެ ވެރިއެއްގެ ގޮތުގައި ބޮޑުވަޒީރުކަން ކުރެއްވި، މަހާތީރު މުހައްމަދު އިދިކޮޅު ލީޑަރަކަށް ހުންނަވައި އޭނާގެ އައު ކޯލިޝަން (އިދިކޮޅު ކޯލިޝަން) ޕަކަޓަން ހަރަޕަންއިން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 112 ގޮނޑިއަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް، ޤާނޫނު ހަދާ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ ނަގާފައެވެ. 

ބޮޑުވަޒީރު ނަޖީބު ބުރާސްފަތި ދުވަހު ވިދާޅުވީ އެއްވެސް ޕާޓީއަކަށް ސިމްޕަލް މެޖޯރިޓީ ލިބިފައިނުވުމުގެ ސަބަބުން ގައުމުގެ ރަސްގެފާނަށް އާ ބޮޑުވަޒީރަކީ ކޮންބޭފުޅެއްކަން ކަނޑަނޭޅުއްވޭނެ ކަަމަށެވެ. ނަޖީބު އިތުރަށް ވިދާޅުވީ ގައުމަށް ބަދަލުއަންނާނެ ކަން އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށާއި ކަންކަން ރަނގަޅަށް ގެންދަން އެއްބަސްވުމަކަށް އަންނަން ތައްޔާރު ކަމަށެވެ. 

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ލީޑަރުކަމުގެ ހުވާ މަހާތީރު މުހަންމަދު ކުރައްވަން ހަމަޖެހިފައިވާއިރު މަހާތީރުގެ އުމުރުފުޅަކީ 92 އަހަރެވެ. 

ބަރިސާން ނެޝަނަލް އާއި، އެކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އަމްނޯ)ގެ މަޤްބޫލުކަން ފާއިތުވި އަހަރުތަކުގައި ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ވެރިކަމުގައި ވަނީ ކުޑަވެފައެވެ. މިހާރުގެ އިދިކޮޅު ލީޑަރު މަހާތީރު މުހައްމަދަކީ އަމްނޯގެ ކުރީގެ ލީޑަރެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު އެމަނިކުފާނު އަމްނޯ ދޫކުރައްވައި، ބޮޑުވަޒީރު ނަޖީބު ރައްޒާގައި ދެކޮޅަށް ތެދުވެވަޑައިގަތީ ސަރުކާރާއި ބޮޑުވަޒީރު އިންތިހާއަށް ކޮރަޕްޓްވެފައިވާ ކަމަށް ތުހުމަތު ކުރައްވައެވެ. ކުރިން ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު މަގާމުން ވަކިވެވަޑައިގެން ހުންނެވި އުމުރުފުޅުން މިހާރު 92 އަހަރުވެފައިވާ މަހާތީރު އަނެއްކާ ވެސް ސިޔާސީ މައިދާނަށް ނިކުމެވަޑައިގެން، އަނެއްކާވެސް ބޮޑު ތާޢީދެއް ހޯއްދެވިއެވެ. 

 

 

- ކޮމެންޓް