ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 05:47
ާއާއްމު އިންތިޚާބުގައި މަހާތީރު ވޯޓު ލަައްވަނީ
ާއާއްމު އިންތިޚާބުގައި މަހާތީރު ވޯޓު ލަައްވަނީ
ގެޓީ އިމޭޖަސް
މެލޭޝިއާގެ އާއްމު އިންތިޚާބު
މެލޭޝިއާގެ އިންތިޚާބު މަހާތީރު ކާމިޔާބުކުރެއްވުމުން މަޖިލިސް މެމްބަރުން މަރުހަބާ ދަންނަވަނީ
ޕަކަޓަން ހަރަޕަން ވަނީ 222 ގޮނޑި ހިމެނޭ ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ނަގާފައި

މަހާތިީރު މުހައްމަދާއި ޕަކަޓަން ހަރަޕަން ކޯލިޝަނުން މެލޭޝިއާގެ އާއްމު އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަރުހަބާ ދަންނަވަމުން އެބަ ގެންދަވައެވެ. މަޖިލިސް މެމްބަރުން ވަނީ މެލޭޝިއާގެ ސިޔާސީ މަސްރަހާއި ރާއްޖޭގެ ސިޔާސީ މަސްރަހާއި ހުރި އެއްގޮތްކަން ފާހަގަ ކުރައްވައި، ކޮރަޕްޝަނަށް ރައްޔިތުން އާނ ބަސް ނުބުނާނެކަން މެލޭޝިއާއިން ފެނިގެން ހިނގައްޖެކަމަށް ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެލޭޝިއާގެ ރައްޔިތުންގެ ހިތްވަރަށް ސާބަސް ދެއްވާކަމަށެވެ. އަދި އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން ލޯމަތީ މިދަނީ ފެންނަމުންކަމަށާއި، ރައްޔިތުންގެ ހިތުގެ ވިންދުގައި އަތް ނޭޅޭނެކަން މިދަނީ ފެންނަމުންކަމަށް ޝާހިދު ވިދާޅުވިއެވެ. ހަމައެއާއިއެކު ޔާމީންގެ ޚުދުމުޚުތާރު ވެރިކަންވެސް ރައްޔިތުން ބަދަލުކުރާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ މެލޭޝިއާގެ އާއްމު އިންތިޚާބުން ދިވެހިންނަށް އުއްމީދެއް ގެނެސްދީފިކަމަށެވެ. އައު ބޮޑުވަޒީރު މަހާތީރު މުހައްމަދާއި، ބޮޑުވަޒީރުގެ ނައިބުކަމަށް އަލަށް ވަޑައިގަންނަވާ ވަން އަޒީޒާއަށް މަރުހަބާ ދަންނަވަމުން މިހާރު ޖަލުގައި ހުންނެވި ވަން އަޒީޒާގެ ފިރިކަލުން އަންވަރު އިބްރާހިމް ޖަލުން މިހާރު  ނިކުމެވަޑައިގަންނަވާ ވަގުތު ޖެހުނީކަމަށް މަހުލޫފު ވިދާޅުވިއެވެ.

ޕަކަޓަން ހަރަޕަންއަށް މަރުހަބާ ދަންނަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މެލޭޝިއާގެ ރައްޔިތުން 'ރަތްލާޖެހި ވަގަކަށް' ނޫނެކޭ ބުނެފިކަމަށެވެ. އަދި 'ދެން އޮތީ އަހަރެމެންގެ ފަހަރު' ކަމަށްވެސް އިމްތިޔާޒް ވިދާޅުވިއެވެ. 

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މެލޭޝިއާގެ އިންތިޚާބުގެ ނަތީޖާއިން ދިވެހިންނަށް އުއްމީދު ލިބިގެން ހިނގައްޖެކަމަށެވެ. އަދި ޖޮއިންޓް އޮޕޮޒިޝަނުން ޔާމީނުގެ ކޮރަޕްޓް ސަރުކާރުގެ ދިވެހިން ސަލާމަތްވާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މެލޭޝިއާގެ އިންތިޚާބާއި ގުޅޭ ގޮތުން ބީބީސީގައިވާ ލިޔުމަކަށް އިޝާރާތްކުރައްވައި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ އެވާހަކަތަކަކީ ދިވެހިންނާއިވެސް ގުޅޭ ވާހަކައެއްކަމަށެވެ. އަދި އެއިންތިޚާބަކީ ދިވެހިންނަށް ފެނުނު އުއްމީދުގެ އަލިގަދަ ހުޅުކޮޅެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.

 

މަހާތީރު މުހައްމަދާއި އެމަނިކުފާނުގެ ޕަކަޓަން ހަރަޕަންއިން ވަނީ ބަރިސާން ނެޝަނަލް އިން މެލޭޝިއާގައި 61 އަހަރު ވަންދެން ކުރަމުން އައި ވެރިކަމަށް ތާރީޚީ ނިމުމެއް ގެނެސްފައެވެ. އުމުރުފުޅުން 92 އަހަރުގެ ޑރ. މަހާތީރު މުހައްމަދު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ ހުވާ  ކުރައްވާނީ ބުރާސްފަތި ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް