ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 07:16
ޓްރަމްޕް (ކ) އާއި ކިމް (ވ) ގެ ބައްދަލުވުން އޮންނާނީ މިމަހު ފަހުކޮޅުކަމަށް ބެލެވޭ
ޓްރަމްޕް (ކ) އާއި ކިމް (ވ) ގެ ބައްދަލުވުން އޮންނާނީ މިމަހު ފަހުކޮޅުކަމަށް ބެލެވޭ
ގޫގުލް
އުތުރު ކޮރެއާ - އެމެރިކާ
ސަރަހައްދީ ރޮނގުގައި ކިމް އާއި ބައްދަލު ނުކުރާނަން: ޓްރަމްޕް
ޑީއެމްޒީ ފިޔަވައި ދެން ބައްދަލުވުން ބާއްވަން ރަނގަޅު ތަނެއްކަމަށް ޓްރަމްޕް ކުރިން ފާހަގަކުރެއްވީ ސިންގަޕޫރު
ސިންގަޕޫރުގައި ބައްދަލުވުން ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ސްޓޭޓް ޑިޕާޓްމަންޓުން ދަނީ ވަމުން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއިއެކު ބާއްވަވާ ބައްދަލުވުން ދެކޮރެއާ ގުޅޭ ސަރަަހައްދީ ރޮނގު (ޑީއެމްޒީ)ގައި ނުބާއްވާނެކަމަށާއި، ބައްދަލުވުން ބާއްވާނެ ތަނެއް 3 ދުވަސް ތެރޭ އިއުލާންކުރައްވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އުުތުރު ކޮރެއާ އާއި އެމެރިކާގެ ލީޑަރުންގެ މެދުގައި ފުރަތަމަ ފަހަރަށް ބާއްވާ މަޝްވަރާތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ޑީއެމްޒީ އަކީ މިބައްދަލުވުން ބާއްވާނެކަމަށް މުހައްލިލުން ލަފާކުރި އެއް ސަރަހައްދެވެ. ދާދިފަހުން ކިމް އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އާއި ދެމެދު މަޝްވަރާތައް ކުރިއަށް ދިޔައީވެސް ޑީއެމްޒީގައެވެ. 

ޑީއެމްޒީގައި މަޝްވަރާތައް ބޭއްވުމަށް ޓްރަމްޕް ވަނީ ކުރިން ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް އެސަރަހައްދުގައި ބައްދަލުވުން ނޯންނާނެކަމަށް ޓްރަމްޕް އިއުލާން ކުރެއްވުމުން، މިބައްދަލުވުން ބޭއްވުން އެންމެ ގާތް ޤައުމަކީ ސިންގަޕޫރެވެ. ސިންގަޕޫރުގައި ބައްދަލުވުން ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް އެމެރިކާގެ ޚާރިޖިއްޔާއަށް އަންގާފައިވާކަމަށް ސްޓޭޓް ޑިޕާޓްމަންޓްގެ މަސްދަރުތަކާއި ހަވާލާދީ ސީއެންއެން އިން ބުނެއެވެ. ޑީއެމްޒީ ފިޔަވައި ދެން މިބައްދަލުވުން ބާއްވާނެ ތަނެއްގެ ގޮތުގައި ޓްރަމްޕް އިޝާރާތްކުރައްވާފައި ވަނީވެސް ހަމައެކަނި ސިންގަޕޫރެވެ. 

ބައްދަލުން ބާއްވާނެ ތަނެއް އިއުލާން ނުކުރިނަމަވެސް، ބައްދަލުވުން ބާއްވާނެ ތަނަކާއި ވަގުތު މިހާރު ފައިނަލްކޮށްފައިވާކަމަށް ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާނު ސާރާ ހަކަރބީ ސެންޑަރސް ވިދާޅުވިއެވެ. 

މިބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ މިހަފްތާގައި އުތުރު ކޮރެއާއަށް ވަޑައިގެން ކިމް އާއި ބައްދަލުކުރައްވާފައެވެ. ޕޮމްޕެއޯ ވަނީ މިދިޔަ މަހު، އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާގެ ވެރިޔާގެ ހައިސިއްޔަތުންވެސް އުތުރު ކޮރެއާއަށް ވަޑައިގެން ކިމް އާއި ބައްދަލުކުރައްވާފައެވެެ.

 

- ކޮމެންޓް