މެލޭޝިއާގެ އާއްމު އިންތިޚާބު އިދިކޮޅު ޕަކަޓަން ހަރަޕަންއިން ކާމިޔާބުކޮށް، ބަރިސަން ނޭޝަނަލްގެ ވެެރިކަން 61 އަހަރަށްފަހު ނިމުމަކަށް ގެނެސްފިއެވެ.
މެލޭޝިއާގައި ދިގު މުއްދަތަކަށް ބަރިސަން ނޭޝަނަލްގެ ވެރިއްގެ ގޮތުގައި ބޮޑުވަޒީރުކަން ކުރެއްވި، މަހާތީރު މުހައްމަދު އިދިކޮޅު ލީޑަރަކަށް ހުންނަވައި އޭނާގެ އައު ކޯލިޝަން ޕަކަޓަން ހަރަޕަންއިން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 112 ގޮނޑިއަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް، ޤާނޫނު ހަދާ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ ނަގާފައެވެ. އިންތިޚާބަށްފަހު ބޮޑުވަޒީރު ނަޖީބު ރައްޒާޤް މީޑިއާއި ބައްދަލުކުރައްވަން ކުރިން ހަމަޖެހިފައި އޮތްނަ،މަވެސް، ބުރާސްފަތި ދުވަހަށް ވަނީ ބައްދަލުކުރުން ލަސްކޮށްފައެވެ.
ބަރިސާން ނޭޝަނަލް އުފެދިގެން އައި މެލޭޝިއާގެ ޖޮހޯރް ސްޓޭޓުންވެސް އެކޯލިޝަނަށް މިފަހަރު ލިބުނީ ނާކާމިޔާބީއެވެ. މީގެ އިތުރުން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށްވެސް އިންތިޚާބުގައި ކުރިމަތިވީ ނާކާމިޔާބީއާއެވެ. ބޮޑުވަޒީރު ނަޖީބު ރައްޒާޤް މީޑިއާއާއި ބައްދަލު ނުކުރެއްވިނަމަވެސް ބަރިސަން ނޭޝަނަލްގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އަދި ބޮޑުވަޒީރު ނަޖީބު ރައްޒާޤްގެ ޕާޓީ އަމްނޯގެ ޒުވާނުންގެ ގޮފީގެ ރައީސް ޚައިރީ ޖަމާލުއްދީން ވިދާޅުވީ މެލޭޝިއާގެ ރައްޔިތުން އެމީހުންގެ ބަސް އިއްވައިފިކަމަށާއި، ރައްޔިތުންގެ ބަހަށް އިހްތިރާމްކުރައްވާކަމަށެވެ. އަދި ވޯޓުލާން ނިކުތް ރައްޔިތުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. މި އިންތިޚާބު ކާމިޔާބު ކުރެއްވި މަހާތީރަކީ އަމްނޯގެ ކުރީގެ ލީޑަރެވެ.
އަމްނޯ ދޫކުރައްވައި، ކުރިން އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރެއްވި ނަޖީބު ރައްޒާޤްގެ ސަރުކާރާއި ދެކޮޅަށް މަހާތީރު ތެދުވެވަޑައިގަތީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް މައްޗަށް ދިޔުމާއި ގުޅިގެންނެވެ
އައު ސަރުކާރެއް އެކުލަވާލުމަށް މެލޭޝިއާގެ ރަސްގެފާނު ސުލްތާން މުހައްމަދު ފަސްވަނަ، މަހާތީރަށާއި، އޭނާގެ ނައިބަކަށް ވަޑައިގަންނަވާ ވަން އަޒީޒާ ވަން އިސްމާއީލަށް އަންގަވާފައިވާކަމަށް މައުލޫމާތު ލިބެއެވެ. ވަން އަޒީޒާއަކީ މަހާތީރުގެ ކުރީގެ ނައިބަކަށް ހުންނެވި އަންވަރު އިބްރާހިމްގެ އަނބިކަނބަލުންނެވެ. އަންވަރާއި މަހާތީރާއި ދެމެދު މައްސަލަތަކެއް ޖެހި، ދެބޭފުޅުންގެ ގުޅުން ކެނޑުނު ނަމަވެސް، މިހާރު އަނެއްކާވެސް ގުޅުން ވަނީ ރަނގަޅުވެފައެވެ. ބޮޑުވަޒީރު ނަޖީބު ރައްޒާޤްގެ ވެރިކަމުގައި އަންވަރު ވަނީ ޖަލުގައި ބަންދުކޮށްފައެވެ.
ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މެލޭޝިއާގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް ހާޝިމް އަބްދުﷲ ވިދާޅުވީ ވޯޓުގެ ހުރިހާ ނަތީޖާތަކެއް އަދި އިލެކްޝަންސް ކޮމިޝަނަށް ނުލިބޭކަމަށެވެ.
އާއްމު އިންތިޚާބުގެ އިތުރުން މެލޭޝިއާގެ 12 ސްޓޭޓެއްގެ، ސްޓޭޓް އިންތިޚާބުވެސް ބުދަ ދުވަހު ބޭއްވިއެވެ. އެ އިންތިޚާބުތަކުގައިވެސް ޕަކަޓަން ހަރަޕަން އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ޖޮހޯރް، މަލައްކާ އަދި ނެގެރި ސެމްބިލަންގައި ކުރިން ބަރިސަން ނޭޝަނަލްގެ ބާރު އޮތް ނަމަވެސް، އެސްޓޭޓްތައް މިހާރު ވަނީ ޕަކަޓަން ހަރަޕަން އަށް ލިބިފައެވެ. އަދި ޕަކަޓަން ހަރަޕަންގެ ބާރު އޮތް ޕިނަންގް އަދި ސެލެންގޯރްގައި ބާރު ދެމެހެއްޓިއެވެ.
ބަރިސަން ނޭޝަނަލް އިން ވަނީ ޕަރލިސް އަދި ޕަހާންގް ގައި އެކޯލިޝަންގެ ބާރު ދަމަހައްޓާފައެވެ. އަދި މެލޭޝިއާގެ އިސްލާމިކް ޕާޓީއިން ވަނީ ކެލަންޓަން އާއި ޓެރެންގަނުގެ ސަރަހައްދީ ސަރުކާރުގެ ބާރު ނަގާފައެވެ.
އިންތިޚާބުގެ ކާމިޔާބީއާއިއެކު މަހާތީރުވަނީ ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް އަންގަވާފައެވެ.
2013ވަނަ އަހަރު އާއްމު އިންތިޚާބުގައި ވޯޓުލުމަށް މެލޭޝިއާގެ ވޯޓުލެވޭ އާބާދީކަމަށްވާ 15 މިލިއަން މީހުންގެ ތެރެއިން 85 އިންސައްތަ ނިކުތް ނަމަވެސް، މިފަހަރު ނިކުތީ 76 އިންސައްތައެވެ.
ބުރާސްފަތި ދުވަހު ހުވާ ކުރެއްވުމުން މަހާތީރުވެވަޑައިގަންނަވާނީ މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ އުމުރުން ދުވަސްވީ ބޮޑުވަޒީރަށެވެ.