ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 09:00
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު
މުހައްމަދު ޝަރުހާން
ކްރިމިނަލް ކޯޓް
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ހުކުމް ކުރުން ބުރާސްފަތި ދުވަހުގެ މެންދުރުފަހު!
ތިން ފަހަރަށް ޝަރީއަތް ފަސްކުރި
އަލީ ހަމީދު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައި
ޝަރީއަތް ކެންސަލްކުރީ ހަ ގަޑިއިރަށް ވުރެ ގިނައިރު ކޮށްފައި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދައުލަތުން އުފުލި، ރަސްމީ ހައިސިއްޔަތަކުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާއާ ގުޅިގެން ހުކުމް ކުރަން ބުދަ ދުވަހު ބާއްވަން އުޅުނު ޝަރީއަތުގެ މަޖިލިސް ނުބޭއްވި ފަސްކޮށްފި އެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ހުކުމްތަކެއް ނެރުވި ކަމަށް ބުނެ ކޮށްފައިވާ މި ދައުވާގެ އަޑުއެހުންތައް ނިމި، ހުކުމް ކުރުމަށް ބާއްވަން އުޅުނު ޝަރީއަތުގެ މަޖިލިސް ބާއްވަން ތިން ފަހަރަށް ފަސްކޮށްގެން ވެސް ނުބޭއްވުމުންނެވެ.

މި ޝަރީއަތުގެ މަޖިލިސް ބޭއްވުމަށް އެންމެ ފުރަތަމަ ހަމަ ޖެއްސެވީ ބުދަ ދުވަހުގެ ހަވީރު 4:00ގައި އެވެ. އެހެން ނަމަވެސް އިރުއޮއްސި 7:00ގައި ޝަރީއަތުގެ މަޖިލިސް ފަސްކުރުމަށްފަހު 8:00ގައި ބާއްވަންވެސް ހަމަ ޖެއްސެވި އެވެ. އަދި އޭގެ ފަހުން 9:30ގައި ބާއްވަން ވެސް ހަމަ ޖެއްސުމަށްފަހު އެންގީ މައްސަލައިގެ އަޑުއެހުން ބުދަ ދުވަހުގެ 3:00ގައި ބޭއްވުމަށެވެ. ޝަރީއަތުގެ މަޖިލިސް ކެންސަލް ކުރީ ކީއްވެ ކަމެއް ކޯޓުން ރަސްމީކޮށް ނުބުނި ނަމަވެސް އަލީ ހަމީދަށް ސިއްހީ މައްސަލަތަކެއް ދިމާވެގެން އެމަނިކުފާނު އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު ކަން ކޯޓުން އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ދިފާއީ ވަކީލު މަހްފޫޒު ސައީދު ވިދާޅުވި އެވެ. އެހެން ކަމުން ޝަރީއަތުގެ މަޖިލިސް ކުރިއަށް ނުގެންދެވުނީ އަލީ ހަމީދުގެ ސިއްހީ ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗަށް ގެންދަވަން ޖެހުމުންކަމަށް ބެލެވެ އެވެ. އަދި ގިނަ އިރުތަކަކަށް ޝަރީއަތުގެ މަޖިލިސް ފަސްކުރަމުން ދިޔައީ އެމަނިކުފާނު ކޯޓަށް ހާޒިރުކުރެވިއްޖެ ނަމަ ހުކުމް ކުރުމަށް ކަމަށް ވެސް ބެލެވެ އެވެ.

އަލީ ހަމީދަށް އައިޖީއެމްއެޗްގައި އޮކްސިޖަން ގުޅައިގެން ފަރުވާ ދީފައިވާއިރު މީގެ ކުރިން ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި އަލީ ހަމީދުގެ ދިފާއީ ވަކީލު ވިދާޅުވީ މާފުށީގައި އަލީ ހަމީދު ކޮންމެ ރެއަކުވެސް ނިދިކުރައްވަނީ އޮކްސިޖަން ގުޅައިގެން ކަމަށެވެ. 

ހަ ގަޑިއިރަށް ވުރެ ގިނައިރަށްފަހު މި ޝަރީއަތުގެ މަޖިލިސް ކެންސަލްކުރިއިރު ދައުވާ ލިބޭ އުއްތަމަ ފަނޑިޔާރު މެންދުރު ފަހު 3:00 ފެށިގެން އިންނެވީ ކްރިމިނަލް ކޯޓުގައި ގޮނޑިއެއްގައި ކަމަށް އެމަނިކުފާނުގެ ދިފާއީ ވަކީލު ހިސާން ހުސެއިން ވިދާޅުވި އެވެ. 10:40 ހާއިރު ޝަރީއަތުގެ މަޖިލިސް ކެންސަލްވިކަން ކޯޓުން އަންގާފައިވާއިރު އެކަމާމެދު އާއިލާއާ ހަވާދީ ވަކީލުން ވަނީ ކަންބޮޑުވުން ބާއްވާފަ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ސިއްރުން ކުރިއަށް ގެންދިޔަ ނަމަވެސް ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ހުޅުވާލައިގެން ބާއްވަން ޝަރީއަތުން ވަނީ ނިންމަވާފަ އެެވެ.

އަބްދުﷲ ސައީދުގެ މައްޗަށް އުފުލި ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް މިދިޔަ އަންގާރަ ކޮށްފައިވާއިރު ތިން މައްސަލައެއްގައި މިހާރުވެސް ހުކުމް ނުކޮށް އަދި އެބަ އޮތެވެ. އަދި އަލީ ހަމީދުގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފައިވާއިރު އެއިން އެއްވެސް މައްސަލައެއްގައި އަދި ހުކުމް ނުކުރެ އެވެ. އެހެން ނަމަވެސް މި ދެ ބޭފުޅުންވެސް ތިބީ އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ.     

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް