މެލޭޝިއާގެ އާންމު އިންތިޚާބު، އިދިކޮޅު ލީޑަރު މަހާތީރް މުހަންމަދު ލީޑު ކުރައްވާ ޕަކަޓަން ހަރަޕަން ކޯލިޝަނުން ކާމިޔާބު ކުރައްވައިފި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޗެނަލް ނިއުސް އޭޝިއާ އިން ރިޕޯޓު ކުރާ ގޮތުން ޕަކަޓަން ކޯލިޝަނުން ވަނީ ގާނޫނުހަދާ މަޖިލީހުގެ 112 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ އާ ސަރުކާރެއް އެކުލަވާލެވޭނެ ފަދަ ގޮނޑީގެ އަދަދެކެވެ. މީގެ އިތުރުން މަހާތީރް މުހަންމަދާ ހަވާލާދީ ޗެނަލް ނިއުސް އޭޝިއާ އިން ރިޕޯޓު ކުރާގޮތުން މައި ހަ ސްޓޭޓެއް ވަނީ އިދިކޮޅު ކޯލިޝަނުން ކާމިޔާބުކޮށްފައެވެ. އެއީ ޕެނަންގް، ސެލަންގޯރް، މެލަކާ، ނެގެރި ސެމްބިލަން، ޖޮހޯރް އަދި ކެޑާ އެވެ.
މެލޭޝިއާގެ ތާރީހީ އިންތިޚާބުގައި ވޯޓްލާން ފަށާފައިވަނީ ބުދަ ދުވަހު ރާއްޖެ ގަޑިން ފަތިހު 05:00 ގައެވެ. ވޯޓް ފޮށިތައް ރާއްޖެ ގަޑިން މެންދުރުފަހު 14:00 ގައި ބަންދުކޮށްފައެވެ. މި އިންތިޚާބަކީ ބޮޑުވަޒީރު ނަޖީބު ރައްޒާޤްއާއި އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ ވަރުގަދަ ކުރިމަތިލުމަކަށްވާއިރު މިއީ މެލޭޝިއާއަށް މިނިވަންކަން ލިބުނުފަހުން މިދިޔަ 61 އަހަރު އެގައުމުގައި ވެރިކަން ކުރި ބަރިސާން ނެޝަނަލް ކޯލިޝަނަށް ކުރިމަތިވާ އެންމެ ބޮޑު ޗެލެންޖެވެ.
ބަރިސާން ނެޝަނަލް އާއި، އެކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީކަމަށްވާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އަމްނޯ)ގެ މަޤްބޫލުކަން ފާއިތުވި އަހަރުތަކުގައި ބޮޑުވަޒީރު ނަޖީބް ރައްޒާޤްގެ ވެރިކަމުގައި ވަނީ ކުޑަވެފައެވެ. މިހާރުގެ އިދިކޮޅު ލީޑަރު މަހާތީރު މުހައްމަދަކީ އަމްނޯގެ ކުރީގެ ލީޑަރެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު އެމަނިކުފާނު އަމްނޯ ދޫކުރައްވައި، ބޮޑުވަޒީރު ނަޖީބު ރައްޒާޤާއި ދެކޮޅަށް ތެދުވެވަޑައިގަތީ ސަރުކާރާއި ބޮޑުވަޒީރު އިންތިހާއަށް ކޮރަޕްޓްވެފައިވާ ކަމަށް ތުހުމަތުކުރައްވައެވެ. ކުރިން ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު މަޤާމުން ވަކިވެވަޑައިގެން ހުންނެވި އުމުރުފުޅުން މިހާރު 92 އަހަރުވެފައިވާ މަހާތީރު އަނެއްކާވެސް ސިޔާސީ މައިދާނަށް ނިކުމެވަޑައިގެން، އަނެއްކާވެސް ބޮޑު ތާޢީދެއް ވަނީ ހޯއްދަވާފައެވެ.
2013 ވަނަ އަހަރު ބޭއްވި އާއްމު އިންތިޚާބުގައިވެސް އިދިކޮޅު ފަރާތްތަކުން ވަނީ އޭގެ ކުރިން ނުހޯދޭ މިންވަރުގެ ކާމިޔާބީއެއް ހޯދާފައެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު އިލެކްޝަންސް ކޮމިޝަން ވަކި ފަރާތަކަށް ޖެހިފައިވާކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ.
A