ކ. މާލެ
|
9 މެއި 2018 | ބުދަ 18:44
މެލޭޝިއާގެ އިންތިހާބުގައި ވޯޓްލާން ގޮސްތިބި އެ ގައުމުގެ ބައެއް ރައްޔިތުން
މެލޭޝިއާގެ އިންތިހާބުގައި ވޯޓްލާން ގޮސްތިބި އެ ގައުމުގެ ބައެއް ރައްޔިތުން
ގެޓީ އިމޭޖަސް
މެލޭޝިއާގެ އާއްމު އިންތިޚާބު
މެލޭޝިއާގެ އާއްމު އިންތިހާބު: ފޮށިތައް ބަންދުކޮށް ވޯޓް ގުނަން ފަށައިފި
ވޯޓްލުމަށް 15 މިލިއަން މީހުން ރެޖިސްޓްރީކޮށްފައިވާއިރު ޖުމްލަ 8253 ވޯޓިން ސްޓޭޝަން ގާއިމުކޮށްފައިވޭ

މެލޭޝިއާގެ އާއްމު އިންތިހާބުގައި ވޯޓް ފޮށިތައް ބަންދުކޮށް ވޯޓް ގުނުމުގެ މަސައްކަތް ފަށައިފިއެވެ.

މި ތާރީހީ އިންތިހާބުގައި ވޯޓްލާން ފަށާފައިވަނީ ބުދަ ދުވަހު ރާއްޖެ ގަޑިން ފަތިހު 05:00 ގައެވެ. ވޯޓް ފޮށިތައް ރާއްޖެ ގަޑިން މެންދުރުފަހު 14:00 ގައި ބަންދުކޮށްފައިވާއިރު މިހާރު ވަނީ ވޯޓް ފޮށިތައް ގުނަން ފަށާފައެވެ.

ވޯޓްލުމަށް 15 މިލިއަން މީހުން ރެޖިސްޓްރީކޮށްފައިވާއިރު ޖުމްލަ 8253 ވޯޓިން ސްޓޭޝަން ގާއިމުކޮށްފައިވެއެވެ. ބައެއް ސަރަހައްދުތަކުގައި ކިއު ބޮޑުވުމުގެ ސަބަބުން ބައެއް މީހުން ތިން ގަޑިއިރު ވަންދެން ވޯޓްލުމަށް ކިއުގައި ތިބެން ޖެހިފައިވެއެވެ. މިކަމާއި ގުޅިގެން އިދިކޮޅު ލީޑަރު މަހާތީރު މުހައްމަދު ވަނީ ވޯޓް ލެވޭ ވަގުތުތައް އިތުރުކުރުމަށް ގޮވާލައްވާފައެވެ. އެހެން ނަމަވެސް މެލޭޝިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ވަގުތު އިތުރު ނުކުރުމަށް ނިންމާފައެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 69 އިންސައްތައަށް ވުރެ ގިނަ މީހުން ވޯޓް ލާފައިވާއިރު މި އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވޯޓްލި މީހުންގެ އަދަދަށްވުރެ މިއަހަރު ވޯޓްލާން ނުކުތް މީހުންގެ އަދަދު މަދުވާނެ ކަމަށް ބެލެވެއެވެ.

މި އިންތިހާބަކީ މެލޭޝިއާއަށް މިނިވަންކަން ލިބުނުފަހުން އެ ގައުމުގެ ވެރިކަންކުރާ ބަރިސާން ނެޝެނަލް ކޯލިޝަނަށް ކުރިމަތިވާ އެންމެ ބޮޑު ޗެލެންޖަށްވާއިރު އިންތިހާބުގައި ވޯޓް ލެއްވުމަށްފަހު އެ ގައުމުގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް ވިދާޅުވީ ގައުމުގެ ކުރިމަގާއި މެދު ގޮތެއް ނިންމަން ޖެހޭނީ ރައްޔިތުން ކަމަށާއި އަދި އެކަން ނިންމާއިރު ފެންނަންހުރި ހެއްކަށް ބެލުމަށްފަހު ވޯޓް ދިނުމަށް އެދޭ ކަމަށެވެ.

މި އިންތިޚާބުގައި މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑިއާއި، އެޤައުމުގެ 13 ސްޓޭޓްގެ ތެރެއިން 12 ސްޓޭޓެއްގެ ސްޓޭޓް ސަރުކާރުތަކުގެ އެސެމްބްލީތަކަށްވެސް މެމްބަރުން އިންތިޚާބުކުރާނެއެވެ.

އިންތިޚާބުގައި މެލޭޝިއާގެ މުސްލިމް އާބާދީއަށް ނަޖީބް ރައްޒާޤްގެ ކޯލިޝަނުން ބޮޑަށް އަމާޒު ހިފާފައިވާއިރު، މުސްލިމުންގެ އިތުރުން ބައިމަދު ޗައިނާ އަދި އިންޑިއާ ދަރިކޮޅުގެ ވޯޓު ލިބޭނެކަމަށް ބެލެވެނީ މަހާތީރުގެ ކޯލިޝަނަށެވެ.

- ކޮމެންޓް