ކ. މާލެ
|
9 މެއި 2018 | ބުދަ 15:32
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ ކުނޫޒުގައި ބެއްވި ޖަލްސާއެއްގެ ތެރެއިން (ފައިލް ފޮޓޯ)
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ ކުނޫޒުގައި ބެއްވި ޖަލްސާއެއްގެ ތެރެއިން (ފައިލް ފޮޓޯ)
ރާއްޖެ އެމްވީ
ގުޅިފައިވާ އިދިކޮޅު ޕާޓީތައް
އިދިކޮޅު ޕާޓީތަކުގެ ކޮންގްރެސް ބާއްވަން ތަނެއް ނުލިބުނު، އެކަމަކު ޕީޕީއެމަށް ތަންތަން 'ހިތަކަށް' ލިބޭ!
އެމްޑީޕީން އެޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތަނެއް ލިބޭތޯ މަސައްކަތް ކުރަމުންދާތީ ދުވަސްތަކެއް ވެއްޖެ
ޖޭޕީން އެޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތަނެއް ލިބޭތޯ ދަނީ މަސައްކަތް ކުރަމުން
ޕީޕީއެމުން މާލޭގެ އެކިތަންތަނުގައި އެއްވެސް ދައްޗެއްނެތި ދަނީ ހަރަކާތްތައް ހިންގަމުން

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމަށް ހަރަކާތްތައް ހިންގުމަށް އެެއްވެސް ދައްޗަކާ ނުލައި ތަންތަން ލިބެމުންދާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ ކޮންގްރެސް ބާއްވާނެ ތަނެއް ނުލިބިގެން މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ އެކްޓިވިޓީ ކޮމެޓީގެ ޗެއާރ ޑރ. އަބްދުﷲ މައުސޫމްއާއި އެޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް މާލެއިން ތަނެއް ހޯދުމަށް މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި މިހާތަނަށް އެއްވެސް ތަނެއް ހަމަޖެހިފައި ނުވާކަމަށެވެ. 

މައުސޫމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތަނެއް ލިބޭތޯ ކަމާބެހޭ އިދާރާތަކަށް ސިޓީތައް ފޮނުވިނަމަވެސް މިހާތަނަށް އެއްވެސް ތަނެއް ހަމަޖެހިފައި ނުވާކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ލިބޭތޯ ވެސް މަސައްކަތް ކުރިކަމަށެވެ. 

"ޖުމްހޫރީ ޕާޓީގެ ކޮންގްރެސް މަގުމަތީ ނަމަވެސް ބާއްވާނަން،" މައުސޫމް ވިދާޅުވި އެވެ. 

ޖުމްހޫރީ ޕާޓީން ބުނީ ހުރިހާ ބޭފުޅުންނަށް ވެސް ސިޔާސީގޮތުން ކުރިއަށް ދިއުމަށް ފުރުސަތު އެ ޕާޓީގައި އެބައޮތް ކަމަށާއި ޕާޓީގެ ކަންކަން އިސްލާހުކުރުމަށް ޕާޓީގެ މެންބަރުން ބޭނުންވާނަމަ ގައުމީ ހިންގާ ޖަލްސާއަށް އިސްލާހުތައް ހުށަހަޅައިގެން ޕާޓީގެ ކަންކަން އިސްލާހުކުރަން ފުރުސަތު އޮންނާނެ ކަމަށެވެ.

ނަމަވެސް މިވަގުތު ޕާޓީގެ އަސާސީ ގަވާއިދު އޮތް ގޮތުން ޕާޓީގެ ލީޑަރަކީ ވެސް އަދި ރިޔާސީ ކެންޑިޑޭޓަކީ ވެސް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށްވެސް ޖުމްހޫރީ ޕާޓީން ބުނެއެވެ.

ޖޭޕީން އެޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތަނެއް ހޯދަމުންދާއިރު، އެމްޑީޕީން ވެސް އެޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެމްޑީޕީން ވެސް ބުނެފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ލިޔެގެންވެސް މިހާތަނަށް އަދި ތަނެއް ހަމަޖެހިފައި ނުވާކަމަށެވެ. 

އެމްޑީޕީން ދަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމުގެ ތައްޔާރީތައް ވަމުންނެވެ. އެމްޑީޕީގެ ޕަރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ހަރަކާތްތައް ހިންގުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފުރުސަތުތައް ފަހިކޮށް ދިނުމުގެ ބަދަލުގައި ދަތިތައް ކުރިމަތި ކުރުވަމުންދާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެއެވެ.

ސަރުކާރުން ހިންގާ ޕާޓީން މާލޭގައި ޖަލްސާތަކާއި އެކިއެކި ހަރަކާތްތައް ހިންގަމުންދާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖަލްސާތަކާއި އެއްވުންތައް ބާއްވަން ޖެހިފައިވަނީ އެ ޕާޓީތަކުގެ ހަރުގެ ތެރޭގަ އެވެ. ގުޅިފައިވާ ޕާޓީތަކުން ހަރުގެ ތެރޭގައި ހަރަކާތްތައް ހިންގަމުންދާއިރުވެސް ފުލުހުންގެ ފަރާތުން ދަތިތައް ކުރުވަމުންދާ ކަމަށް އެޕާޓީތަކުން ދަނީ ބުނަމުން ނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް