އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮމް އުން ބާއްވަވާ ބައްދަލުވުމުގެ ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އުތުރު ކޮރެއާއަށް ވަޑައިގެންފިއެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އާއި ޕޮމްޕެއޯ ބައްދަލުކުރައްވާއިރު، ކިމް އާއި ޓްރަމްޕްއާއި ދެމެދު ބާއްވާ މަޝްވަރަތަކަށް ތައްޔާރުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރައްވާނެއެވެ. އެގޮތުން ކޮރެއާ ސަރަހައްދުން ނިއުކްލިއަރ ހަތިޔާރު ހުސްކުރުމާއި ބެހޭ ގޮތުން ވާހަކަތައް ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އުތުރު ކޮރެއާގައި ހައްޔަރު ކޮށްފައިވާ އެމެރިކާގެ 3 ރައްޔިތަކު މިނިވަންކުރުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އެ 3 މީހުން މިނިވަން ކުރުމަށް އެމެރިކާއިން އެދެމުންދާތާ 17 މަސް ދުވަސް ވަނީ ވެފައެވެ.
މިއީ ޕިޔޮންގްޔަންގަށް ޕޮމްޕެއޯ ކުރައްވާ 2 ވަނަ ދަތުރުފުޅެވެ. އޭނާ ވަނީ ޚާރިޖީ ވަޒީރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން މިިދިޔަ މަހުވެސް އުތުރު ކޮރެއާއަށް ވަޑައިގެންފައެވެ. އޭރު އޭނާ ހުންނެވީ އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ ސީއައިއޭގެ ޑިރެކްޓަރުގެ މަޤާމުގައެވެ. އެޕްރީލް މަހު ބޭއްވި ބައްދަލުވުމަށް ފަހު ކިމް އާއިއެކު އޮންނަ ގުޅުން ރަނގަޅު ކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވާކަން އިއުލާން ކުރައްވަމުން ވެސް ޓްރަމްޕް ވަނީ ޕޮމްޕެއޯގެ ދަތުރުފުޅަށް އިޝާރާތް ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ ކިމް އާއިއެކު ބާއްވާ ބައްދަލުވުން އޮންނަ ތަނާއި ވަގުތު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް މާގިނަ ތަފްޞީލުތަކެއް ޓްރަމްޕް ނުދެއްވައެވެ. ޓްރަމްޕް އާއި ކިމްގެ ބައްދަލުވުން އޮންނާނެ ކަމަށް ބޮޑަށް ބެލެވެނީ ސިންގަޕޫރުގައެވެ.
އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ މި ބައްދަލުވުމަކީ ދެޤައުމުގެ މެދުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ. ސީދާ ވާހަކަތަކަށް ދިޔުމަށް އުތުރު ކޮރެއާއިން ދިން ދައުވަތު އެމެރިކާއިން ޤަބޫލުކުރުމުން ބައިނަލްއަޤްވާމީ މުޖްތަމައަށް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. ޓްރަމްޕް އޭރު ވިދާޅުވީ ބައްދަލުވުން އޮންނާނީ ޖޫން މަހުގެ ކުރީކޮޅު ނުވަތަ އޭގެ ކުރިން ކަމަށެވެ. ބޮޑަށް ބެލެވޭ ގޮތުގައި ބައްދަލުވުން އޮންނާނީ މެއި މަހުގެ ފަހުކޮޅުއެވެ.