ދިވެހިރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ އެންމެ ބޮޑު ޖަމާޢަތްކަމަށްވާ ދިވެހި ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބަރެއްގެ ގޮތުގައި ބައިވެރިވެ އިންސާނިއްޔަތައްޓަކައި އެޖަމާޢަތުން ދޭ ހިދުމަތްތަކުގައި އެހީތެރިވުމަށް ދިރާގުން ނިންމައިފިއެވެ.
ކުރިންސުރެވެސް ދިރާގުން އަންނަނީ، ރެޑް ކްރެސެންޓަށް އެކިގޮތްގޮތުން އެހީތެރިވަމުންނެވެ. ދިރާގުން މިހާރު ވަނީ، އެޖަމާޢަތުގެ ޕްލެޓިނަމް މެމްބަރ އަކަށް ވެފައެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބަރޝިޕަކީ ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާ އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
މި މެމްބަރޝިޕް ފާހަގަކުރުމުގެ ގޮތުން، ދިރާގުގެ މައި އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު ނޫރާ ވިދާޅުވީ، ދިރާގުގެ މި މެމްބަރޝިޕްގެ ސަބަބުން، ރެޑް ކްރެސެންޓުން ރާއްޖޭގެ އެކި ކަންކޮޅުގައި ދަރުމަވެރިން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން، ހަރުދަނާ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި ދިރާގުން އަބަދުވެސް ދެއްވާ އެއްބާރުލުމާއި އިސްނެންގެވުން ފާހަގަކޮށް ޝުކުރު އަދާކުރެވިއެވެ.
ޤާނޫނު ނަންބަރު 7/2009 ގެ ދަށުން ދިވެހި ރެޑް ކްރެސެންޓް އުފެދިފައިވަނީ 16 އޮގަސްޓް 2009 ގައެވެ. ދިވެހި ރެޑް ކްރެސެންޓުގެ އަސާސީ މަޤުޞަދަކީ ހާލުގައިޖެހިފައިވާ ފަރާތްތަކާއި ނާޒުކު ނިކަމެތި ފަރާތްތަކަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުސްތަޤިއްލުކަމާއިއެކު މަސައްކަތްކޮށް، އެފަރާތްތައް އެފަދަ ހާލަތްތަކުން ރައްކާތެރިކުރުމަށް މަސައްކަތް ކުރުމެވެ.
އިންސާނިއްޔަތަށްޓަކައި ހިދުމަތް ފޯރުކޮށްދޭތާ 9 އަހަރު ވާއިރު، ރާއްޖޭގެ 20 ރަށެއްގައި 2000 އަށް ވުރެ ގިނަ ދަރުމަވެރިން، މެމްބަރުން އަދި މުވައްޒަފުންނާއެކު ދިވެހި ރެޑް ކްރެސެންޓުން މައިގަނޑު 3 ދާއިރާއަކުން ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. އެއީ ސިއްޚަތާ ދުޅަހެޅޮކަން އިތުރުކުރުމާ، ކާރިޘާތަކަށް ތައްޔާރުވެ އިޖާބަ ދިނުމާ، ޒުވާނުންގެ ގާބިލްކަން އިތުރުކޮށް ބާރުވެރިކުރުމުގެ ދާއިރާއިންނެވެ.