އިރާނާއެކު އެމެރިކާ އާއި އަދިވެސް ދުނިޔޭގެ ބައެއް ބާރުގަދަ ގައުމުތަކުން ހަދާފައިވާ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ އިން ބޭރުވާނީތޯ ނުވަތަ ނޫންތޯ ރައީސް ޓްރަމްޕް ނިންމާ ނިންމުން އަންގާރަ ދުވަހު ނިންމަވާނެއެވެ.
2015 ވަނަ ވަނައަހަރު އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އިރާނާއެކު ގާއިމު ކުރެވުނު ނިއުކްލިއާ އެއްބަސްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ވަރަށް ފާޑުވިދާޅުވަމުން ކަމަށްވާއިރު، މި އެއްބަސްވުމުގެ ދަށުން އިރާނުންގެ ނިއުކްލިއާ ހަރަކާތްތައް ވަނީ ލިމިޓުކުރެވިފައެވެ. އަދި އޭގެ ބަދަލުގައި އިރާނަށް ވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބިފައެވެ. އެމެރިކާ އިން އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން ބޭރުވާން ނިންމައިފިނަމަ އަލުން އެމެރިކާ އިން އިރާނަށް ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިޔާދަ ކުރާނެއެވެ.
އިރާނާއި ދުނިޔޭގެ ބައެއް ބާރުތަކާ ދެމެދު ވެވުނު ނިއުކްލިއާ އެއްބަސްވުން ނެތިނުކޮށްލުމަށް ނުވަތަ އެ އެއްބަސްވުުމުގައި ދެތިބުމަށް އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޮންސަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ދާދިފަހުން ވަނީ ގޮވާލައްވާފައެވެ. 2015 ގައި އިރާނާއެކު ވެވުނު އެއްބަސްވުމުގައި ހިމެނޭ ގައުމުތަކަކީ އެމެރިކާ، ޔޫކޭ، ރަޝިއާ، ފްރާންސް، ޗައިނާ އަދި ޖަރުމަނެވެ. އިރާނުގެ ނިއުކްލިއާ އެއްބަސްވުމާމެދު ފްރާންސުން ބުނެފައި ވަނީ ޔޫކޭ އާއި ޖަރުމަނާއި އަދި ފްރާންްސްއިން ދެމިތިބޭނެ ކަަމަށެވެ.
އިރާނާ އެކު ހަދާފައިވާ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ބޭރު ވާނީތޯ ނުވަތަ ނޫންތޯ އަންގާރަ ދުވަހު އެމެރިކާ ނިންމާއިރު ކޮންމެ ގޮތަކަށް އެމެރިކާ އިން ނިންމިޔަސް އީރާނުން ކަންބޮޑު ނުވާނެ ކަމަށް އީރާނުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ، މިކަމުން ކޮންމެ ކަމެއް ކުރިމަތި ވިޔަސް ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އެކަމުން އީރާން އަރައިގަންނާނެ ކަމަށެވެ.