އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ޗައިނާގެ އިރުއުތުރުގެ ސިޓީއެއް ކަމަށްވާ ޑާލިއާންގައި ހޯމަ ދުވަހާއި އަންގާރަ ދުވަހު ބައްދަލުކުރައްވާފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ އާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މިއީ ކިމް ޖޮން އުން އާއި ޝީ ޖިންޕިން ވޭތުވެދިޔަ ދެމަސްދުވަސްތެރޭ ބައްދަލު ކުރެއްވި ދެވަނަ ފަހަރެވެ. މާޗް މަހު ފަހުކޮޅުވެސް ދެގައުމުގެ ވެރިން ޗައިނާގެ ވެރިރަށް ބެއިޖިންގ ގައި ސިއްރު ބައްދަލުވުމެއް ބޭއްވިއެވެ. މިއަހަރުގެ މާޗް މަހު ކިމް ޗައިނާ އަށް ކުރެއްވި ދަތުރުފުޅަކީ، 2011 ގައި އެމަނިކުފާނުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެެވެ.
މިހަފްތާގައި ކިމް ޗައިނާ އަށް ވަޑައިގެން ޗައިނާގެ ރައީސްއާ ބައްދަލު ކުރެއްވިއިރު، ކިމް އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން ވަނީ އޭޕްރީލްގައި ތާރީޚީ ސަމިޓެއް ބާއްވާފައެވެ. އުުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެއި ފަހުކޮޅު ނޫނީ ޖޫން ކުރީކޮޅު ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފައެވެ.
ދާދިފަހުން އުތުރު ކޮރެއާ އިން ވަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލިކަން އިއުލާން ކޮށްފައެވެ. އެކަމާ ގުޅިގެން ބައިނަލްއަގްވާމީ ދުނިޔެއިން އެގައުމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އުތުރު ކޮރެއާ އިން ދިޔައީ ކެނޑިނޭޅި އެގައުމުގެ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސް މިސައިލްތައް ޓެސްޓް ކުރަމުންނެވެ. މިކަމާ ގުޅިގެން އދ އާއި އެހެނިހެން ގައުމުތަކުން ވަނީ އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެވެ.