ރަސްމީ ހައިސިއްޔަތަކުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް މާދަމާ (ބުދަ ދުވަހު) ހުކުމް ކުރަން ނިންމައިފިއެވެ.
ހުރިހާ އަޑުއެހުމެއްވެސް ސިއްރުކޮށްގެން ކުރިއަށްގެނދިޔަ އެ މައްސަލައިގެ ހުކުމް މާދަން އިއްވުމަށް ނިންމާފައިވަނީ މިއަދު (އަންގާރަ) ދުވަހު ބޭއްވި އަޑުއެހުމުގައެވެ. އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި މި މައްސަލައިގައި ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ ޝަރީއަތުގެ މަޖިލީހުން ވެސް ނެރެފައެވެ.
އެ މައްސަލާގައި އެ ދެބޭފުޅުންނާ ދެކޮޅަށް ސިއްރު ދެ ހެއްކަކު ހެކި ބަސް ދީފައިވާ އިރު ކޯޓު އަމުރުތަކެއް ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ޝަހީދު ދީފައިވާ ބަޔާނެއް ވެސް ހިމެނެއެވެ. ނަމަވެސް ގާޒީގެ މަސްލަހަތު ފުށޫ ނާރާ ކަމަށްވަނީ ނިންމާފައެވެ.
ސިއްރުން ހެކިބަސް ނަގާފައިވާއިރު ސިވިލް ކޯޓުގެ ޤާޒީ މުހައްމަދު ހަލީމާއި ކްރިމިނަލް ކޯޓުގެ ޤާޒީ އާދަމް އާރިފް ވަނީ އެޤާޒީންނަށް އުއްތަމަ ފަނޑިޔާރާއި ޢަލީ ހަމީދު ނުފޫޒް ފޯރުވިކަމަށް ބުނެ ތަހުގީގަށް ބަޔާން ދީފައެވެ.
އެ މައްސަލައިގެ ހުކުމް މާދަމާ އިއްވާ އިރު ޖެމްސް ހުއްޓުވި ކަމަށް ބުނާ މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް މިއަދުވަނީ ހުކުމް އިއްވާފައެވެ.
އެ މައްސަލާގައި އަބްދުﷲ ސައީދަށް ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް އިއްވާފައިވާ އިރު އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ދަނީ އިތުރު ދައުވާތަކެއް ކުރަމުންނެވެ. އޭގެތެރޭގައި ޓެރަރިޒަމްގެ ދައުވާއާއި ރިޝްވަތުގެ ދައުވާ ހިމެނެއެވެ.