ކ. މާލެ
|
8 މެއި 2018 | އަންގާރަ 16:42
މީގެކުރިން ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތިތަކެއް (ފައިލް ފޮޓޯ)
މީގެކުރިން ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތިތަކެއް (ފައިލް ފޮޓޯ)
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށް އެމީހުންގެ މައުލޫމާތު ހާމަކޮށްފި
ތަފާތު ތިން އޮޕަރޭޝަނުގައި ހަތް މީހަކު ހައްޔަރު ކޮށްފައިވޭ
މި ތިން އޮފަރޭޝަނުގައިވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވޭ
ހައްޔަރުކުރި މީހުންގެ ކުށުގެ ރެކޯޑްތައް ވެސް އެބަހުރި

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓަލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީ ތިން އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށް، އެމީހުންގެ މައުލޫމާތު ފުލުހުން ހާމަ ކޮށްފި އެވެ.

އެގޮތުން މިދިއަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގެ ރޭ 20:00 ހާއިރު، މަސްތުވާތަކެތީގެ މުއާމަލާތެއް ކުރަންއުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގައި، ދެ ދިވެހިން ބަލާފާސްކޮށް، އަދި އެ މީހުން މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް ބެލެވޭ ގ. ވެގާ ބަލާފާސްކުރި ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާ އަވަށް، ސަމަން، ސަދޫހު ސާމިއު (21އ) އަދި  ގދ. ފަރެސްމާތޮޑާ، މާތޮޑާ އަވަށް، މީނާޒު، ވިސާމް ސަމީރު (26އ)  ކަމަށް ފުލުހުން ބުނެއެވެ.

ފުހުން ބުނީ އެ ދެ މީހުންނަކީ ވެސް މާރާމާރީ ހިންގުމާއި ވައްކަންކުރުމާއި ބަނގުރާ ބޭނުންކޮށް ގެންގުޅުމުގެ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށެވެ. އެ ދެ މީހުން ވެސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްއެސްއީއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާއި ގުޅިގެން ގ. ވެގާ ބަލާ ފާސްކޮށް، އެގޭ ތެރެއިން ފެނުނު ފޮށިގަނޑެއްގެ ތެރެއިން ބަރުދަނުގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. މީގެއިތުރުން އެ ފޮށިގަނޑުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ އާލާތް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ގޮތުން، އެ ދެ މީހުންނަކީ މަސްތުވާތަކެތި ރައްކާކޮށް، އެކި ސަރަހައްދުތަކަށް މަސްތުވާތަކެތި ޑެލިވަރީ ކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރި ދެމީހުން ކަމަށެވެ.

ދެ ވަނަ އޮޕަރޭޝަނުގެ ދަށުން މިދިއަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ރޭ 20:15 ހާއިރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އަދި އެތަކެތިން ވިޔަފާރި ކުރާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެންނެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ ހަޒާރުމާގޭ، ލީވާން އަލީ ނާސިރު (21އ) އާއި ސ. ހިތަދޫ ލީޒަން، އާލާ އިބްރާހީމް ރަޝީދު (26އ) އަދި ޏ. ފުވައްމުލަށް ހޯދަޑު، ބޯގަންވިލާ، ސާމީ އަބްދުލްހަމީދު (27އ) އެވެ.

އެ ތިން މީހުން ހުއްޓުވާ ބަލާފާސްކޮށްފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުން ކަމަށް ފުލުހުން ބުނެއެވެ. ސާމީ އާއި އާލާ އަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮތް ދެމީހުންކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންވެސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްއެސްއީއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ލީވާންގެ ހަށިގަނޑު ބަލާ ފާސްކުރިއިރު، އޭނާ ލައިގެންހުރި ޖީންސްގެ ޖީބުން ރަބަރު ޕެކެޓަކަށް ލާފައިވާ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 246.6 ގްރާމް ހުރިކަމަށްވެސް ފުލުހުން ބުނެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ ސާމީއާއި އާލާ އަކީ މާލެއާއި ހުޅުމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިއަ ދެ މީހުން ކަމަށާއި ލީވާނަކީ އެމީހުންގެ އަތުން މަސްތުވާތަކެތި ހޯދުމަށްފަހު އެއްތަނުން އަނެއްތަނަށް މަސްތުވާތަކެތި ޑެލިވަރީ ކުރުމުގެ މަސައްކަތުގައި އުޅެފައިވާ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ތިން ވަނަ އޮޕަރޭޝަން ފުލުހުން ހިންގާފައި ވަނީ މއ. އަނޫމާގޭގައި މަސްތުވާތަކެތި ވިއްކާ، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވިގެން ނެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ކ.މާލެ، މއ. އަނޫމާ، ރާމިޒު އިބްރާހީމް (33އ) އަދި ހަމަ އެގޭ ފައިސަލް އިބްރާހީމް (27އ) ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ރާމިޒަކީ މާލެ ތެރޭގެ އާއްމު މަސްލަހަތު ނަގާލަން މަސައްކަތްކުރުމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. ފައިސަލަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް، އަދި މަސްތުވާތަކެތި ބޭނުން ކުރަމުންދާކަމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ.

މީގެއިތުރުން ފައިސަލަކީ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފުލުހުން ކުރަމުންދިޔަ ތަހުގީގަށް ހުރަސްއަޅައި މާލެ ތެރޭގެ އަމާންކަން ނަގާލައި ސުލްހަމަސަލަސްކަން ނަގާލަން މަސައްކަތް ކުރުމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. އަދި މިޑްރަގް ނެޓްވޯކް ހިންގުމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަރާތަކީވެސް ފައިސަލްކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މިމަހުގެ ހަތް ވަނަ ދުވަހު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން މއ. އަނޫމާ ބަލާ ފާސްކުރެވިފައިވާ ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގައި މއ. އަނޫމާ ބަލާފާސްކޮށް، އެގޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު އެއް ރަބަރުގަނޑު، ދެ ރަބަރު ޕެކެޓް އަދި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތައް އެގޭތެރެއިން ފެނިފައިވާ ކަމަށެވެ.

މއ. އަނޫމާ ގެއިން ފެނިފައިވަނީ ކެނަބިސްކަމަށް ޝައްކުކުރެވޭ އެއްޗެއްކަމަށް ވެސް ފުލުހުން ބުނެއެވެ. އޭގެ ބަރުދަނުގައި 530 ގްރާމް ހުރި ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ހެރޮއިން ކަމަށް ޝައްކުކުރެވޭ އެއްޗެއްގައި 9.9 ގްރާމް ހުރިކަމަށްވެސް ފުލުހުން ބުނެއެވެ.

މިތަކެތީގެ މަގުމަތީ އަގު ލަފާކުރެވޭ ގޮތުގައި 500,000ރ އަށްވުރެ މައްޗަށް އަރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ތިން މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހާދީފައިވާ ކަމަށެވެ. އަދި އަވަސް މުއްދަތެއްގައި މިމައްސަލަތަކުގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ދައުވާ ކުރުމަށް ފޮނުވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް