ހޫނުގަދަ ކެމްޕޭންގެ ދުވަސް ތަކަކަށް ފަހު މެލޭޝިއާގައި މެއި މަހުގެ 9 ވާ ބުދަ ދުވަހު ރައްޔިތުން ވޯޓު ލުމަށް ނުކުންނާނެއެވެ.
މިއީ އެ ގައުމުގެ 14 ވަނަ އާއްމު އިންތިޚާބެވެ.
އިންތިޚާބުގެ ނަތީޖާ އާ މެދު އެކި ގޮތްގޮތައް ނޫސްވެރިންނާ އެނެލިސްޓުން ގެންދަނީ ރިޕޯޓުތައް ފަތުރަމުންނެވެ. ބޮޑު ސުވާލަކީ މިހާރުގެ ބޮޑު ވަޒީރަށް 3 ވަނަ ދައުރަކަށް މަގާމު ދިފާއު ކުރެއްވިދާނެ ހެއްޔެވެ؟
ބޮޑު ވަޒީރު ނަޖީބު ރައްޒާގަކީ މެލޭޝިއާގައި ސިޔާސީ ގޮތުން ބާރުގަދަ ބޭފުޅެކެވެ. ވެރިކަމުގެ އާއިލާއަކުން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާގެ ޕާޓީ ބަރިސާން ނެސަނަލް (ނޭޝަނަލް ފްރަންޓް) އަކީ މެލޭޝިއާ އަށް މިނިވަންކަން ލިބުނީއްސުރެ ވެރިކަމުގައި އޮތް ޕާޓީއެވެ.
ނަޖީބް އިންތިޚާބަށް ނުކުންނެވި އިރު އޭނާ އަށް ވަނީ ކަރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކުން ވަރަށް ބޮޑަށް ހިޔަނި އެޅިފައެވެ. ދައުލަތުގެ އިންވެސްޓްމަންޓް ފަންޑުން 4.5 ބިލިއަން ޑޮލަރު ގެއްލިފައިވާ އިރު އޭގެ ތެރެއިން ބައެއް ފައިސާ ސީދާ ނަޖީބުގެ އަމިއްލަފުޅު އެކައުންޓަށް ވަދެފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. ތަހުގީގު ރިޕޯޓު ތަކުން ހާމަވާ ގޮތުގައި މީގެ ތެރެއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނަޖީބުގެ އަކައުންޓަށް ވަނީ ވަދެފައެވެ.
މި ތުހުމަތު ތަކާ ގުޅޭ ގޮތުން ނަޖީބު ވިދާޅު ވެފައިވަނީ އޭނާގެ އަކައުންޓަށް ވަތް ފައިސާ އަކީ ސައުދީ ޝާހީ އާއިލާ އިން ދިން ހަދިޔާ އެއް ކަމަށާއި މިހާރު އެ ފައިސާ ވެސް އަނބުރާ ރައްދު ކުރައްވައިފި ކަމަށެވެ.
އެކި އެކި ސަބަބުތައް ދައްކަވާ ތުހުމަތުން ބަރީއަވެ ވަޑައިގެން ވެރި ކަމުގައި ނަޖީބު މިހާތަނަށް ހުންނެވި ނަމަވެސް، އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ނަޖީބުގެ ސިޔާސީ ހަޔާތައް ބޮޑެތި ލޮޅުން ތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ވެރިކަން ލިބިއްޖެ ނަމަ މި ބޮޑު ކަރަޕްޝަން އަލުން ތަހުގީގު ކުރާނެ ކަމަށެވެ.
އިންތިޚާބުގެ ނަތީޖާ ނުކުމެދާނެ ގޮތަކާ މެދު ނަޖީބު ކަންބޮޑުވެ ވަޑައިގަންނަވާނެ އެއް ކަމަކީ މި ދިޔަ ދެ އިންތިޚާބުގައި ވެސް އިދިކޮޅު ފަރާތްތަކުން ހޯދާފައިވާ ކުރި އެރުމެވެ. 2008 ވަނަ އަހަރާ ހަމަ އަށް ގާނޫނު ހަދާ މަޖިލީހުގައި ނަޖީބުގެ ޕާޓީ އަށް އޮތް ތިން ބައިކުޅަ ދެބައި މެޖޯރިޓީ އެ އަހަރުގެ އިންތިޚާބުގައި ގެއްލުނެވެ. އަނެއްކޮޅުން 2013 ގެ އިންތިޚާބުގައިވެސް އަދަދުން ބަލާއިރު އެންމެ ގިނަ ވޯޓު ހޯދީ އިދިކޮޅު ފަރާތްތަކުންނެވެ.
އިންތިޚާބުގައި ނަޖީބް އާ ދެކޮޅަށް ނުކުންނަ ކޯލިޝަންގެ ހުންގާނުގައި ހުންނެވީ އުމުރުން 92 އަހަރުފުޅުގެ މަހާތީރު މުހައްމަދެވެ. އެއީ ކުރިން ނަޖީބު އެދުރެއްގެ ގޮތުގައި ބަލަމުން އައި ފަރާތެވެ. މެލޭޝިއާގައި ގިނަ ދުވަސްތަކަކަށް ބޮޑު ވަޒީރު ކަން ކުރެއްވި ފަރާތެކެވެ.
މަހާތީރުގެ ކޯލިޝަން އަކީ ޕަކަތަން ހަރަޕަން އެވެ. މާނަ އަކީ އުއްމީދުގެ ކޯލިޝަން އެވެ.
ކެމްޕޭން ރެލީ ތަކުގައި މަހާތީރަށް ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން ދިޔަކަން ފާހަގަ ކުރެވެއެވެ.
އެއާ އެކު މަހާތީރު ގެންދަވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެރިކަމުގައި ތިއްބެވި ފަރާތްތަކަށް އަމާޒު ކުރައްވާ ދެއްވަމުންނެވެ.
މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ކުއަލަލަމްޕޫރުގައި އޮތް އެއްވުމެއްގައި މަހާތީރު ވިދާޅުވީ:
"އަހަރެމެން އެމީހުން ބަލި ކުރަންޖެހެނީ ކީއްވެގެން؟ އެއީ ވަގުންގެ ސަރުކާރަކަށް ވާތީ"
އެއްވެފައި ތިބި އެތައް ހާސް ސަޕޯޓަރުންގެ ހޫނު ތަރުހީބެއް އެއާ އެކު މަހާތީރަށް ލިބިވަޑައިގަތެވެ.
ވެރިކަމުގައި ހުންނެވި ނަޖީބަށް މިހާތަނަށް އެންމެ ބޮޑު ތާއީދެއް އޮތީ މެލޭޝިއާގެ ރަށްފުށުގެ ސަރަހައްދު ތަކުގައެވެ. އެކަމަކު މިހާރު އެ ތާއީދު އެ ގޮތައް އޮވެދާނެ ކަމާ މެދު ވަނީ ޝައްކު އުފެދިފައެވެ. މައްސަލައަކީ ތަކެތީގެ އަގު ބޮޑުވުމާއި، އަނގަޔާއި އަތާ ދިމާނުވާ މީހުންގެ އަދަދު އިތުރު ވުމެވެ. އެމީހުން ދެކޭ ގޮތުގައި މި އުނދަގޫތައް ދިމާވީ، މީގެ 3 އަހަރު ކުރިން ތައާރުފް ކުރި ޖީއެސްޓީ ގެ ސަބަބުންނެވެ.
އަނެއް ކޮޅުން ގެއްލެމުންދާ ތާއީދު ކުޑަ ކުރެއްވުމަށް ބޮޑު ވަޒީރު ނަޖީބު ގެންދަވަނީ ފައިސާގެ ހަދިޔާ ތައް ބައްސަވަމުންނެވެ. އަދި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ކޮށްދެއްވާނޭ ކަމަށް އޭނާ ވަނީ ވައުދުވެ ވަޑައިގެންފައެވެ.
އިންތިޚާބުގެ ވަގުތު ކުޑަތަން ވެފައިވާ އިރު މިހާތަނަށް ހެދިފައިވާ ބައެއް ސާވޭ ތަކުގެ ނަތީޖާ އަށް ބަލާއިރު އިދިކޮޅު ކޯލިޝަން އަށް އަދިވެސް ޕާލިމެންޓުގެ ފުރިހަމަ ކޮންޓްރޯލް ލިބިދާނެ ކަމަކަށް ނުފެނެއެވެ. އެކަމަކު ކޯލިޝަން އަށް ކުރި އެރުންތައް ލިބިފައިވާ ކަންވެސް ސާވޭ ތަކުން ފާހަގަ ވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނަނީ އިންތިޚާބުގައި ކެމްޕޭން ކުރުމަށް ސަރުކާރުން ބޮޑެތި ހުރަސްތަކެއް ކުރިމަތި ކޮށްފައިވާ ކަމަށާއި، އަދި ނަތީޖާ ސަރުކާރާ އެއްކޮޅަށް ނެރުމަށް އެކިއެކި ސަރަހައްދު ތަކުގެ ބައުންޑަރީ ވެސް އަލުން ކަނޑައަޅަމުން ދާ ކަމަށެވެ. އަދި އެކަންތައް ލަދުގަންނަ މިންވަރަކަށް މިފަހަރުގެ އިންތިޚާބުގައި ސަރުކާރުން ކުރަމުންދާ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ރަށްފުށު ހިސާބުގައި އިދިކޮޅު ކޯލިޝަން އަށް ތާއީދު ކުދި ކުދި ސަރަހައްދު ތައް ބޮޑެތި ސަރަހައްދުތަކާ މައްސުނި ކުރުން ފަދަ ކަންކަން ސަރުކާރު ކޮޅަށް ބުރަވެފައިވާ އިލެކްޝަން ކޮމިޝަނުން ދަނީ ކުރަމުންނެވެ.
އަނެއް ކޮޅުން ވޯޓު ލާން އަންނަ މީހުންގެ އަދަދު މަދު ކުރުމަށް ވެސް އެކި އެކި އުކުޅުތައް ސަރުކާރު އަޑީގައި އޮވެގެން ކުރަމުންދާ ކަމުގެ ތުހުމަތުތައް ވަނީ އުފުލިފައެވެ. އިލެކްޝަން ކޮމިޝަނުން ގެންދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ.
އިންތިޚާބުގެ ވޯޓުލާން މެލޭޝިއާގެ ރައްޔިތުން ނުކުންނަ އިރު ކުރެވޭ އެންމެ މުހިންމު ސުވާލު ކަމުގައިވާ މޮޅުވާނީ ކޮން ކޮޅެއްތޯ ގެ ޖަވާބުގައި ބުނެވެނީ އިންތިޚާބު ކާމިޔާބު ކުރާނީ މިހާރުވެސް ވެރިކަމުގައި އޮތް ބަރިސާން ނެސަނަލް ޕާޓީން ކަމުގައެވެ.
ބައެއް ފަރާތްތަކުގެ ނަޒަރުގައި އެންމެ ފަހުން އޮތް އިންތިޚާބެކޭ އެއް ގޮތައް އެންމެ ގިނަ ވޯޓު މިފަހަރުވެސް އިދިކޮޅު ފަރާތްތަކަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ގިނަ ވޯޓު ލިބުމަކީ މެލޭޝިއާގެ ބަރުލަމާނީ ނިޒާމުގައި އަދި ވެރިކަމަށް އާދެވޭ ގޮތެއް ނޫނެވެ.
ވެރިކަމަށް އައުމަށް ޖެހޭނީ މަޖިލީހުގެ ގިނަ ގޮނޑި ކާމިޔާބު ކުރާށެވެ.