ގަވަމެންޓް އީލެޓަރ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިތުވާކަމަށް ކަނޑައަޅައި، އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އުއްތަމަފަނޑިޔާރު ޖަލަށް ލުމަށް ހުކުމް ކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީއެވެ. މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެންމެ މަތީ ކޯޓުގެ، އެންމެ މަތީ ފަނޑިޔާރު ކަމަށްވާ އުއްތަމަފަނޑިޔާރަކު ހައްޔަރުކޮށްގެން، ޝަރީއަތް ހިންގުމަށްފަހު ހުކުމް ކުރި ފުރަތަމަ ފަހަރެވެ.
އަންގާރަ ދުވަހުގެ ހެނދުނު 10:30ގެ ފަހުން ފެށި ޝަރީއަތުގައި ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ ފެބްރުއަރީ 4 ވަނަ ދުވަހާއި 5 ވަނަ ދުވަހު ޖެމްސްގެ ހިދުމަތް ސުޕްރީމް ކޯޓުން މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އުއްތަމަ ފަނޑިޔާރު އެންގެވިކަން ހެކިންގެ ހެކި ބަހުން އެކަށީގެންވާ ވަރަށް ސާބިތުވާ ކަމަށެވެ.
އެ ކުށަކީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ، ކުށެއް ކަމަށާއި އެ ކުށުގެ ދަރަޖަ ދަށް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ، ހަތަރު މަހާއި 24 ދުވަހަށް އުއްތަމަފަނޑިޔާރު ޖަލަށްލުމަށް ހުކުމް ކުރެއްވީ އެމަނިކުފާނަށް މީގެ ކުރިން ކުށެއް ސާބިތުވެފައި ނުވާތީ ކަމަށް ގާޒީ ވިދާޅުވިއެވެ. އެގޮތަށް ގާޒީ ހުކުމް ކުރެއްވީ ކުށުގެ ދަރަޖަ ދަށް ކުރުމަށް ދިފާއީ ވަކީލުން އެދިވަޑައިގެންފައިވަނިކޮށެވެ. ދިފާއީ ވަކީލުން އެދިވަޑައިގެންނެވީ އެއް މަހާއި ހަ ދުވަހަށް އަދަބު ކުޑަކޮށްދެއްވުމަށެވެ.
އުއްތަމަފަނޑިޔާރު ޖަލަށްލުމަށް ހުކުމްކޮށް ޝަރީއަތް ނިންމާލެއްވީ މެންދުރު ކުރި 11:13ގައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ވެސް، ރޭގަނޑު 11:13ގައެވެ.
އުއްތަމަފަނޑިޔާރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ ދައުލަތުން ހުށަހެޅި ހަތަރު ހެކިންނާއި އެންސީއައިޓީގެ ސިއްރު ތިން ސިޓީއަކާއި ފުލުހުންގެ ސިއްރު ސިޓީއަކާއި ރައީސް އޮފީހުގެ ދެންނެވުމަކާއެކު، ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކަށް ރިޔާއަތް ކުރެއްވުމަށްފަހު އެވެ. ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން، އުއްތަމަފަނޑިޔާރާ ދެކޮޅަށް ހެކިބަސް ދެއްވީ އެންމެ މީހެކެވެ. އުއްތަމަފަނޑިޔާރާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ތިން މުވައްޒަފަކު ހިމެނެއެވެ.
ދިފާއުގައި އުއްތަމަފަނޑިޔާރުގެ ފަރާތްޕުޅުން ފަސް މީހަކު ހެކިންގެ ގޮތުގައި ހުށަހެޅިއެވެ. ނަމަވެސް އުއްތަމަފަނޑިޔާރުގެ ދިއާއުގައި ހެކިބަސް ދެއްވުމަށް ކްރިމިނަލް ކޯޓަށް ވަޑައިގެންނެވީ، އެ ކޯޓުގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ވަހީދު އެކަންޏެވެ. ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ފާތުމަތު ޔުމްނާ އާއި ޑިވިޝަން ހެޑު، އާތިކާ އިބްރާހިމް ހެކިބަސް ދެއްވަން ކޯޓަށް ވަޑައިނުގަންނަވައެވެ. އެ މީހުން ކޯޓަށް ހާޒިރު ކުރުމަށް ގާޒީ ބާރުއަޅުއްވާފައެއް ވެސް ނުވެއެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ހެކިން ވަޑައިނުގެންނެވުމުން، ކޯޓަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.
ދިފާއީ ހެކިންގެ ގޮތުގައި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ ނަން ހުށަހެޅުމުން، ގާޒީ ވިދާޅުވީ އެ ބޭފުޅުންނަކީ އެ ބާވަތުގެ އެހެން މައްސަލަތަކުގައި ޝާމިލުވާ ބަޔަކަށްވާތީ، އެ ބޭފުޅުން ކޯޓަށް ހާޒިރުކުރެވެން ނެތް ކަމަށެވެ.
ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އެންގެވި ކަމުގެ ދައުވާ އުއްތަމަފަނޑިޔާރުގެ މައްޗަށް އުފުލިއިރު، އެ ހިދުމަތް މެދުކެނޑުމުގައި އަމަލީ ގޮތުން ބައިވެރިވި މުވައްޒަފު ވެސް ހެކިބަސް ދީފައިވެއެވެ. އޭނާ ވެސް ވިދާޅުވެފައި ވަނީ ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އުއްތަމަފަނޑިޔާރު ނާންގަވާ ކަމަށާއި އެކަން ކުރަން އެންގެވީ ސުޕްރީމް ކޯޓުގެ އިދާރީ އިސް މުވައްޒަފަކު ކަމަށެވެ. ނަމަވެސް އެ މުވައްޒަފެއްގެ ނަން އޭނާ ވިދާޅެއް ނުވެއެވެ.
ޖެމްސްގެ ހިދުމަތް މެދުކަނޑާލި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ދެ ފަހަރެއްގެ މަތިން ކުރިއަށް ގެންގޮސްފައިވެއެވެ. މާޗު މަހުގެ ތެރޭގައި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް، ގާޒީ އަހުމަދު ހައިލަމް ކުރިއަށް ގެންގޮސްފައިވާއިރު، އެހެން ސެކްޝަނަކަށް އެ މައްސަލަ ބަދަލުކޮށް، އަލުން އެ މައްސަލަ ކުރިއަށް ގެންދެވީ ގާޒީ އިބްރާހިމް އަލީއެވެ. ސަބަބެއް ބަޔާން ކުރުމެއް ނެތި، މައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ދިފާއީ ވަކީލުން ފާހަގަ ކުރެއްވި ނަމަވެސް، ހުކުމް އިއްވިއިރު، ގާޒީ އެކަންކަމަށް ރިޔާއަތް ކުރައްވާފައެއް ނުވެއެވެ.
ޖެމްސްގެ ހިދުމަތް މެދުކެނޑުމަކީ އެއްވެސް ގާނޫނެއްގައި އަދި ގަވާއިދެއްގައި ކުށެއް ކަމަށް ބަޔާންކޮށްފައި ނުވާ ކަމަކަށްވާއިރު، އެ އަމަލު ކުށަކަށްވާ ސަބަބު ދައުލަތަށް ސާފުކޮށްދެވިފައި ނުވާ ކަމަށް ދިފާއީ ވަކީލުން ފާހަގަ ކުރެއްވި ނަމަވެސް ގާޒީ އެކަމަށް ރިޔާއަތް ކުރައްވާފައެއް ނުވެއެވެ. ޖެމްސްގެ ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން 2010 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ބޭނުންކުރުން ލާޒިމުކޮށްފައިވާ ސިސްޓަމަކަށްވާއިރު، ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ސުޕްރީމް ކޯޓު ނުހިމެނޭ ކަމަށާއި ސުޕްރީމް ކޯޓަކީ ދައުލަތުގެ މިނިވަން މުއައްސަސާއެއް ކަމަށް ވިދާޅުވެ، ދިފާއުގައި އުއްތަމަފަނޑިޔާރުގެ ވަކީލުން ދެއްކެވި ވާހަކަތަކަށް ވެސް ގާޒީ ހުކުމް ކުރެއްވިއިރު ރިޔާއަތް ކުރައްވާފައެއް ނުވެއެވެ.
އުއްތަމަފަނޑިޔާރުގެ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއިދުކޮށްފިނަމަ، އެމަނިކުފާނުގެ އުއްތަމަފަނޑިޔާރުކަމުގެ މަގާމު ގެއްލޭނެއެވެ. އަދި އިސްތިއުނާފު ކުރަން ޖެހޭ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކޮށްފިނަމަ ވެސް އެމަނިކުފާނުގެ އުއްތަމަފަނޑިޔާރުކަމުގެ މަގާމު ގެއްލޭނެއެވެ. އިސްތިއުނާފު ކުރަން ލިބޭނީ 10 ދުވަހުގެ މުއްދަތެކެވެ