ޔަމަނުގެ ވެރިރަށް ސަންޢާގައި ހުންނަ ރިޔާސީ ގަނޑުވަރަށް ސަޢޫދީ ވައިގެ ސިފައިން ބޮން އަޅައިފިއެވެ.
ޙޫޘީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަންޢާގައި ހުންނަ ރިޔާސީ ގަނޑުވަރު ހޫޘީން ބޭނުން ކުރަނީ އިދާރީ އޮފީހެއްގެ ގޮތުގައެވެ.
ސަޢޫދީ ސިފައިން އިއްޔެ މެންދުރު ފަހު ސަންޢާގެ އެކި ހިސާބުތަކަށް ވަނީ ބޮން އަޅާފައެވެ. ރިޔާސީ ގަނޑުވަރަށް ދިން ޙަމަލާގައި 6 މީހަކު މަރުވެ، 30 މީހުން ޒަޚަމްވެފައިވެއެވެ. ސަންޢާގެ ބައެއް އާއްމުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެއިމާރާތަށް 2 ފަހަރު ބޮން އަޅާފައިވެއެވެ. ރިޔާސީ ގަނޑުވަރު ހުންނަ ސަރަހައްދުގައި ހޮޓަލަކާއި، ބޭންކެއްގެ އިތުރުން، ފިހާރަތަކެއް ވެސް ހުރެއެވެ. އަދި ޔަމަނުގެ މަރުކަޒީ ބޭންކް ވެސް ހުންނަނީ ރިޔާސީ ގަނޑުވަރާއި މާދުރު ނޫން ހިސާބެއްގައެވެ.
ސަންޢާއަށް ސަޢޫދީއިން ބޮން އަޅާފައި މިވަނީ ހޫޘީ ހަނގުރާމަވެރިން ސަޢޫދީ ފޮނުވާލި މިސައިލްތަކެއް ވައްޓާލާފައިވާ ކަމަށް ސަޢޫދީ ސިފައިން ހާމަކުރި ފަހުންނެވެ. ސަޢޫދީ ސިފައިންގެ ތަރުޖަމާނު ކާނަލް ތުރުކީ އަލް މާލިކީ ވިދާޅުވީ ސަޢޫދީގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި 2 ބެލެސްޓިކް މިސައިލް ވައްޓާލާފައިވާ ކަމަށެވެ. ޔަމަނުގެ އުތުރުގެ ސަރަހައްދަކުން އުދުއްސާލި މިސައިލް ދަތުރު ކޮށްފައިވަނީ ސަޢޫދީގެ އާބާދީ ބޮޑު ބައެއް ހިސާބުތަކަށްކަމަށް މާލިކީ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސަޢޫދީއަށް މިސައިލް ހަމަލާދިނުން ހޫޘިން ވަނީ އިތުރުކޮށްފައެވެ. ސަޢޫދީއިން 2015ވަނަ އަހަރު ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަނީ ހޫޘީން ވެރިރަށް ސަންޢާ ހިފައި، ބައިނަލްއަޤްވާމީ މުޖްތަމައު ޤަބޫލުކުރާ ޔަމަނުގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ވެރިކަމުގެ ބާރު ކަނޑުވާލުމާއި ގުޅިގެންނެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި މިހާތަަށް 10 ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ގިނަ ބަޔަކު ވަނީ ބަނޑަށް ޖެހިފައެވެ. އދ އިން ސިފަކުރާ ގޮތުގައި ޔަމަނަށް މިހާރު ދިމާވެފައިވަނީ އިންސާނީ ކާރިސާއެކެވެ.