ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ މައްޗަށް އުފުލާފައިވާ 2 ދައުވާއެއްގެ އަޑުއެހުން އަންގާރަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.
ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އެއްކޮށް އުފުލާފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މެންދުރު ފަހު 3:00ގައި ބޭއްވުމަށް ތާވަލުކޮށްފައިވާއިރު ރައީސް މައުމޫނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް ބޭއްވުމަށް ހަމަ ޖައްސާފައިވަނީ ވެސް ހަމަ އެ ގަޑީގަ އެވެ.
ނަމަވެސް ވަކި ވަކިން ކުރިއަށް ގެންދާ ދެ މައްސަލަ ކަމަށްވާތީ ކުރިން އޮންނާނީ ކޮން މައްސަލައެއް ކަމަށް އަދި ނޭނގެ އެވެ. އަދުލު އިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ ދައުވާ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކޮށްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އެ ބޭފުޅުން ގެންދިއުމަށްފަހު ފޯނު ދޭން އެދުމުން ފޯނު ދީފައިނުވާ ކަމަށް ބުނެ އެވެ.
އަދި ރައީސް މައުމޫނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ފަނޑިޔާރުންނަށް ރިޝްވަތުދީގެން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން މަސައްކަތްކޮށް، ފުލުހުންގެ ތެރޭގައި ހަމަ ނުޖެހުން ހިންގަވަން މަސައްކަތްކުރެއްވި ކަމަށް ތުހުމަތުކޮށެވެ.
ރައީސް މައުމޫނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުން އަންގާރަ ދުވަހު ބާއްވަން ތާވަލު ކޮށްފައިވާއިރު އެ މައްސަލަތަކުގެ އަޑުއެހުންތައް ވަރަށް ބާރަށް ގޮސް، މަޑު ޖެހިފައިވަނީ އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވަން ޖެހިވަޑައިގަތުމުންނެވެ.
ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ވަކި ގޮތަކަށް ނިމެންދެން ދޫނިދޫގައި ހައްޔަރުކޮށްފައި ހުންނެވި ރައީސް މައުމޫނު ވަނީ އެމަނިކުފާނު ބަންދުން ދޫކޮށް ނުލެވޭނަމަ ގެއަށް ބަދަލުކޮށްދޭން އެދިވަޑައިގެންފަ އެވެ.
ރައީސް މައުމޫނުގެ އިތުރުން އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އަހްމަދު ފާރިސް އާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އަދި އެ ބޭފުޅުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާއިރު މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނުގެ މައްޗަށްވެސް ވަނީ ރިޝްވަތު ދީގެން ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުކޮށްފަ އެވެ.