އިރާނުގެ އަސްކަރިއްޔާ އިން ސީރިޔާގައި ތިބެ އިސްރާއީލަށް ހަމަލާދެވޭނެ މަގު ސީރިޔާ އިން އިރާނަށް ތަނަވަސްކޮށްދީފިނަމަ ސީރިޔާގައި ރައީސް ބައްޝާރުލް އަސަަދު ވެރިކަމުން ވައްޓާލާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ސަލާމަތާ ބެހޭ ކެބިނެޓުގެ މިނިސްޓަރަކު ދީފިއެވެ.
ޔުވަލް ސްޓެއިނިޓްޒް ސީރިޔާގެ ރައީސް އަށް އިންޒާރުދެއްވަމުން ވިދާޅުވީ އިރާނުގެ އަސްކަރިއްޔާ އިން ސީރިޔާގައި ތިބެ އިސްރާއީލަށް ހަމަލާދެވޭނެ މަގު ސީރިޔާ އިން އިރާނަށް ތަނަވަސްކޮށްދީފިނަމަ "އަސަދުގެ ނިމުން އައީ ކަމަށް އޭނާ ގަބޫލު ކުރަން ޖެހޭ ކަމަށާއި އަދި ވެރިކަންވެސް ނިމުމަކަށް އައީ ކަމަށް ބަލަން ޖެހޭ ކަަމަށެވެ."
ޔުވަލް ސްޓެއިނިޓްޒް މިހެން ވިދާޅުވިއިރު ދާދިފަހުން ރިޕޯޓުތައް ބުނެފައި ވަނީ އިސްރާއީލުން ދަނީ އިރާނުގެ ނުވަތަ އިރާނުގެ ފާރާތުން ބަޔަކު ދީފާނެ މިސައިލް ހަމަލާ އަކަށް ތައްޔާރުވަމުންކަމަށެވެ.
ސީރިޔާގައި ހުންނަ އިރާނުގެ އެކި އަސްކަރީ މަރުކަޒުތަކަށް ދާދިފަހުން ދިން ހަމަލާތައް ދީފައިވަނީ އިސްރާއީލުން ކަމަށް އިރާނުން ތުހުމަތުކުރާއިރު، އިރާނުން ވަނީ މިކަމުގެ ބަދަލުހިފާނެ ކަމަށް ބުނެފައެވެ. ސީރިޔާގައި ހުންނަ އިރާނުގެ އަސްކަރީ މަރުކަޒުތަކަށް އިސްރާއީލުން ހަމަލާދިންކަން އިސްރާއީލުން ކަށަވަރުކޮށްދީފައިނުވާއިރު މިކަން ދޮގުކޮށްފައިވެސް ނުވެއެވެ.
ސީރިޔާގައި ގިނަ ދުވަސްވީ ދާހިލީ ހަނގުރާމައިގައި އިރާނުން ތާއިދުކޮށް މަދަދުވެރިވަމުންދަނީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށެވެ.