ކ. މާލެ
|
7 މެއި 2018 | ހޯމަ 19:07
ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕުޓިން ހުވާކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަނީ
ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕުޓިން ހުވާކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަނީ
ގެޓީ އިމޭޖަސް
ރަޝިޔާގެ ސިޔާސީ މަސްރަހު
ހަތަރު ވަނަ ދައުރަކަށް ޕުޓިން ހުވާކުރައްވައިފި
ޕުޓިން ހުވާކުރެއްވި ރަސްމިއްޔާތަށް 5000 މެހެމާނުން ކްރެމްލިންގެ އެލްގްޒެންޑަރ ހޯލަށް ޖަމާވި
މި ދައުރުގެ ދިގުމިނަކީ ވެސް 6 އަހަރު
ޕުޓިން ވެރިކަމުގައި ހުންނަވާތާ މިހާރު ވަނީ 18 އަހަރުވެފައި

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން މަގާމުގެ ހުވާ ހަތަރު ވަނަ ދައުރަކަށް ކުރައްވައިފިއެވެ.

ކްރެމްލިންގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ރައީސްކަމުގެ ހުވާ 4 ވަނަ ދައުރަކަށް ކުރައްވާފައިވާއިރު މި ދައުރުގެ ދިގު މިނަކީ ވެސް 6 އަހަރެވެ. އެމަނިކުފާނު މި މަގާމަށް 4 ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތީ މާާޗު މަހު ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. ޕުޓިން ހުވާކުރެއްވި ރަސްމިއްޔާތަށް 5000 މެހެމާނުން ކްރެމްލިންގެ އެލެގްޒެންޑަރ ހޯލަށް ޖަމާވިއެވެ.

އުމުރުން 65 އަހަރުގެ ޕުޓިން މަގާމުގެ ހުވާކުރެއްވި މަންޒަރާއި ހުވާކުރެއްވުމަށް ވަޑައިގެންނެވި މަންޒަރު އެ ގައުމުގެ ސްޓޭޓް ޓީވީއިން ވަގުތުން ދައްކާފައިވެއެވެ. އެމަނިކުފާނު ހުވާކުރެއްވި ރަސްމިއްޔާތަށް ޖަރުމަނުގެ ކުރީގެ ޗާންސެލަރ ގޭހާޑް ޝްރޯޑާ އަދި ރަޝިއާގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވޭޑްވެސް ހާޒިރުވެވަޑައިގެންނެވިއެވެ. ހަމައެހެންމެ މި ރަސްމިއްޔާތުގައި ޕުޓިންގެ އަރިސް ބޭފުޅެއް ކަމަށްވާ އަދި ހޮލީވުޑްގެ ތަރި ސްޓީވެން ސެގާލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިފަހަރު ވެސް ޕުޓިން ވަނީ ޑިމިޓްރީ މެޑްވެޑޭވްގެ ނަންފުޅު ބޮޑުވަޒީރެއްގެ ގޮތުގައި ރުހުން ހޯއްދެވުމަށް ރަޝިއާގެ ޤާނޫނު ހަދާ މަޖިލީހަށް ފޮނުއްވާފައެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ ރައީސްގެ ހައިސިއްޔަތުން ރަޝިއާގެ ހާލަތު ރަނގަޅުކޮށް ދުނިޔޭގައި ގަދަ ބާރަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ޕުޓިން މަގާމުގެ ހުވާކުރެއްވުމާ ދިމާކޮށް ރަޝިއާގެ އެކި ސިޓީތަކުގައި ވަނީ އެމަނިކުފާނާއި ދެކޮޅަށް މުޒާހަރާކޮށްފައެވެ. މި މުޒާހަރާތަކުގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި އެގައުމުގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ވެސް ހިމެނިވަޑައިގަންނަވައެވެ.

ޕުޓިން ވެރިކަމުގައި ހުންނަވާތާ މިހާރު ވަނީ 18 އަހަރުވެފައެވެ. 2000 ވަނަ އަހަރު ރަޝިޔާގެ ރައީސްކަމާއި ހަވާލުވެވަޑައިގެންނެވިފަހުން 4 އަހަރުގެ 2 ދައުރު އޭނާ ފުރިހަމަ ކުރެއްވިއެވެ. އޭރުގެ ޤާނޫނުތައް ބުނާ ގޮތުން ވެރިކަމުގައި ހުންނެވޭނީ ޖެހިޖެހިގެން 2 ދައުރުގައެވެ. އެހެން ކަމުން 2008ވަނަ އަހަރު ޕުޓިން ވެވަޑައިގަތީ ރަޝިޔާގެ ބޮޑުވަޒީރަށެވެ. އެ ދައުރުގައި ރައީސްކަމުގެ މަޤާމުގައި ޑިމިޓްރީ މެޑްވެޑޭވް ހުންނެވި ނަމަވެސް، ހަޤީގަތުގައި ބާރު އޮތީ ޕުޓިންގެ އަތްޕުޅުގައިކަމަށް ގިނަ ބަޔަކު ދެކުނެވެ.

ޕުޓިން އަނެއްކާ ވެސް ރައީސް ކަމަށް ވަޑައިގަތީ 2012 ވަނަ އަހަރުއެވެ. ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކާއިއެކު، މިފަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ 6 އަހަރުގެ ދައުރަކަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ ޕުޓިން ވެރިކަން ކުރައްވަމުން ގެންދަވަނީ ރަސްކަލެއްގެ އުޞޫލުން ކަމަށެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބު 76 އިންސައްތައިން ޕުޓިން ކާމިޔާބު ކުރެއްވިއިރު، އެމަނިކުފާނާއި އިދިކޮޅަށް މަޝްހޫރު ކެންޑިޑޭޓަކަށް ނިކުމެވިފައެއް ނުވެއެވެ. ޕުޓިންއަށް ރިޔާސީ އިންތިޚާބުގައި ޗެލެންޖަކަށް ވެދާނެ ކޮންމެ މީހަކު ހުރީ އިންތިޚާބުގައި ވާދަނުކުރެވޭނެ ގޮތް ހަދާފައެވެ.

- ކޮމެންޓް