ކ. މާލެ
|
7 މެއި 2018 | ހޯމަ 17:40
ޔުމްނާ ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ވަޑައިގަންނަވަނީ
ޔުމްނާ ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ޔުމްނާ މައުމޫނު
ވަކީލަކާއިއެކު ހާޒިރުވުމަށް ޔުމްނާއަށް ފުރުސަތު ދީފި
ވަކީލަކު އައްޔަން ކުރަން ދިނީ އެއް ދުވަސް
އެއް ދުވަސްތެރޭ ވަކީލަކު ހޯދަން އުނދަގޫ ވާނެކަމަށް ދެންނެވި
އަންގާރަ ދުވަހުގެ 4:30 އަށް އަނެއްކާވެސް ހާޒިރުވާން ވަނީ އަންގާފައި

އަންގާރަ ދުވަހު ހަވީރު 4:30 އަށް ޤާނޫނީ ވަކީލަކާއިއެކު ފުލުހުންގެ އިދާރާއަށް އަނެއްކާވެސް ހާޒިރުވުމަށް އަންގައި، ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް އަނެއްކާވެސް ޗިޓް ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހުގެ ހަވީރު 4:00 އަށް ފުލުހަށް ހާޒިރުވާން އެންގުމުން ޔުމްނާ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެން، މައްސަލައިގައި ކުރިއަށްދާން ބޭނުންވެވަޑައިގަންނަވަނީ ޤާނޫނީ ވަކީލަކާއިއެކު ކަމަށް ވިދާޅުވުމުން، ފުލުހުން ވަނީ އެއް ދުވަހުގެ ފުރުސަތު ދީފައެވެ. އެހެން ނަމަވެސް އެއް ދުވަހުން ޤާނޫނީ ވަކީލެއް ހޯދުމަށް ދަތިވާނެކަމަށް ފުލުހުންނަށް ދެންނެވިކަމަށް ޔުމްނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން އެކަމަކު އެއް ދުވަހުން އަޅުގަނޑަށް ޤާނޫނީ ވަކީލުން ހަމަނުޖެއްސިދާނެއޭ. އެނގިވަޑައިގަންނަވާނެ ގޮތުގައި އަޅުގަނޑުގެ އާއިލާގެ 3 ބޭފުޅުން މިހާރުވެސް ތިއްބެވީ ބަންދުގައި. ޤާނޫނީ ވަކީލުން ވަރަށް ބިޒީކޮށް އެއުޅުއްވަނީ. ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ، އެހެންވީމަ ވަރަށް ބުރަކޮށް ޤާނޫނީ ވަކީލުން އެއުޅުއްވަނީ"، ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވިއެވެ. 

ޔުމްނާ ވިދާޅުވީ ވަކީލުން ހަމަޖެހޭތޯ މަސައްކަތް ކުރައްވާނެކަމަށާއި، ހަމަނެޖެހިއްޖެނަމަ ލިޔުމުން އެންގުމަށް ފުލުހުން ދެންނެވިކަމަށެވެ. 

ޔުމްނާ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވިއިރު ގުޅިފައިވާ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންނާއި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުންގެ އިތުރުން، ހައްޔަރުކޮށްފައިވާ ބައެއް ފަރާތްތަކުގެ އަނބިކަނބަލުން އެކަމަނާ އާއިއެކު ފުލުސް އޮފީހަށް ވަޑައިގަތެވެ. 

ހޯމަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފުލުހުން ޗިޓް ފޮނުއްވުމުން އާއިލީ ކަންތައް ހުރި ގޮތުން ފުލުހަށް ހާޒިރުވެވަޑައިގަތުން އަންގާރަ ދުވަހުގެ ހަވީރަށް ލަސްކޮށްދެއްވުމަށް އެދިވަޑައިގެން ޔުމްނާ ފުލުހުންގެ އެކްޓިންގ ކޮމިޝަނަރ އަބްދުﷲ ނަވާޒަށް ސިޓީފުޅެއް ފޮނުއްވިނަމަވެސް، ފުލުހުން ބުނީ ދުވަސް ބަދަލުކޮށްދެވެން ނެތްކަމަށެވެ. 

ޔުމްނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ ރިޝްވަތުގެ މައްސަލަތަކަކާއި ސަރުކާރު ވައްޓާލަން އުޅުނު މައްސަލައެއްކަމަށް ބުނެ ފުލުހުން ތަހުޤީގުކުރަމުންދާ މައްސަލައެއްގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް