ކ. މާލެ
|
7 މެއި 2018 | ހޯމަ 17:53
ޕީޖީ އޮފީހުގެ ވަކީލަކު ކޯޓުން ނުކުމެވަޑައިގަންނަވަނީ
ޕީޖީ އޮފީހުގެ ވަކީލަކު ކޯޓުން ނުކުމެވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ޕްރޮސެކިއުޓާ ޖެނެރަލް
ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
ރެކޯޑިން އިއްވީ ދައުލަތުން ބުނި އެއްޗެއް ސާފު ނުވެގެން

ގަވަމެންޓް އީލެޓާ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް މެދުކަނޑާލުމަށް އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އެންގެވި ކަމަށް ބުނެ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އެންމެ ފަހު އަޑުއެހުމުގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފި އެވެ.

ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ ޝަރީއަތުގައި ދެ ފަރާތަށް ފުރުސަތު ދީފައި ވަނީ ހުލާސާ ބަޔާން ހުށަހެޅުމަށެވެ. ހުލާސާ ބަޔާން ހުށަހަޅަން ދިން ފުރުސަތުގައި ދައުލަތުގެ ވަކީލުން ކޯޓުގައި ނުބުނާ ވާހަކަތަކެއް، ދިފާއީ ވަކީލުން ފާހަގަ ކުރެއްވުމާ ގުޅިގެން އެކަން ސާފު ކުރުމަށް، މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ ވަކީލުން ދެއްކި ވާހަކަތަކުގެ ރެކޯޑިން ޝަރީއަތަށް އިއްވަވާފައެވެ.

ރެކޯޑިން އިއްވަވަން ޖެހުނީ އުއްތަމަފަނޑިޔާރުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ފާހަގަ ކުރެއްވި ނުކުތާއަކާ ގުޅިގެންނެވެ. ހިސާން ވިދާޅުވީ ހުލާސާ ބަޔާން ހުށަހަޅަން ދިން ފުރުސަތުގައި ހުލާސާ ބަޔާން އިއްވައި ނިމުނީ ކަމަށް ވިދާޅުވެ، އިތުރު ވާހަކަތަކެއް ދައުލަތުގެ ވަކީލާ ދައްކަމުންގެންދާ ކަމަށެވެ.

އެކަމާ ގުޅިގެން އެ މައްސަލާގައި ދައުލަތް ތަމްސީލު ކުރައްވާ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ ޝަމްރާ ޝަމީމް ވަނީ ހިސާނަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. ހިސާންއާ ދިމާލަށް ބަލަހައްޓަވައިގެން ހުންނަވައި، ޝަމްރާ ވިދާޅުވީ ހިސާން ހައްދަވަނީ އިތުރުފުޅު ކަމަށާއި ރެކޯޑިން އަޑުއައްސަވައި އޭނާއަށް ކުރިން ދެއްކެވިފައި ހުރި ވާހަކަތައް އޮޅުން ފިލުވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހިސާން ވެސް އެގޮތަށް އެދިވަޑައިގެންނެވުމުން ގާޒީ ވަނީ އިދާރީ މުވައްޒަފުން މެދުވެރިކޮށް، ޝަރީއަތް އަޑުއަހަން ވަދެ ތިބި މީހުންނަށް ވެސް އަޑުއިވޭ ގޮތަށް ވަކީލުން ޝަރީއަތުގައި ދެއްކި ވާހަކަތަކުގެ ރެކޯޑިން އިއްވަވާފައެވެ.

ރެކޯޑިން އިއްވުމުން، އެނގުނު ގޮތުގައި ހިސާން ވިދާޅުވި ގޮތަށް، ޝަމްރާ ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ. ގާޒީ ވިދާޅުވީ ޝަމްރާ އެގޮތަށް ވާހަކަފުޅު ދައްކަވާފައި ނުވާ ކަމަށާއި އެހެންކަމުން ހުލާސާ ބަޔާން ހުށަހަޅަން އިތުރު ފުރުސަތު ދައުލަތަށް ލިބޭނެ ކަމަށެވެ.

ގާޒީ އިޒުނަ ނުދެއްވަނީސް ގޮނޑިން ތެދުވެވަޑައިގެން ޝަމްރާ ވިދާޅުވީ ދިފާއީ ވަކީލުން މަސައްކަތް ކުރައްވަނީ ޝަރީއަތުގައި ހިނގާކަންކަން އޮޅުވާލުމަށް ކަމަށެވެ. ޝަމްރާ އެގޮތަށް ވާހަަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް، ގާޒީ ވިދާޅުވީ ރައްދު ދެއްވުމުގެ ގޮތުން ވާހަކަފުޅު ނުދެއްކެވުމަށާއި އެކަމުގައި ގާޒީ ހައްލެއް ހޯއްދަވައި ދެއްވާފައިވާ ކަމަށެވެ.

ޝަމްރާގެ ވާހަކައިގެ ރާގު ހުރިގޮތާ ގުޅޭ ގޮތުން އުއްތަމަފަނޑިޔާރުގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ޝަމްރާ ވާހަކަފުޅު ދައްކަވަނީ ރުޅި އިސްކުރައްވައިގެން ކަމަށާއި އެފަދަ ކަންކަން ޝަރީއަތުގައި ހިނގަމުންދާއިރު، ގާޒީ އެފަދަ ކަންކަމަށް ސަމާލުވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ޝަރީއަތުގައި ހިސާން ކަންބޮޑުވުންފާޅު ކުރެއްވީ ހުލާސާ ބަޔާން ހުށަހަޅަން ދިން ފުރުސަތުގައި ހެކިންގެ ހެކިބަހާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި އެންސީއައިޓީގެ ސިއްރު ތިން ސިޓީ އަކާއި ފުލުހުންގެ ސިއްރު ސިޓީއަކާ ގުޅޭ ވާހަކަތަކެއް ދައްކަވަން ފެއްޓެވުމުންނެވެ. ނަމަވެސް އެ ލިޔުންތަކުގެ ވާހަކަތައް ދައުލަތުން ޝަރީއަތުގައި ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ.

ހުލާސާ ބަޔާން ހުށަހަޅަން ދިން ފުރުސަތުގައި އުއްތަމަފަނޑިޔާރު ވެސް ވަނީ އެމަނިކުފާނުގެ އުދާސްތައް ބަންޑުން ކޮށްލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓަށް ވަޑައިގަތީ ވަގަށް ނޫން ކަމަށާއި އެމަނިކުފާނު ކުށްވެރިއަކަށް ނުހެދޭނެ ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ހިންގުމަކީ ވަރަށް ނުރައްކާތެރި ހުޟޫރަތްތެރި ކަމެއް ކަމަށާއި ބާރުތައް ވަކިވެފައިވާ ނިޒާމުގައި އަމަލު ކުރަންޖެހޭ އުސޫލާ ހިލާފަށް ދައުލަތުގެ ނަމުގައި ޕްރޮސެކިއުޓާ ޖެނަރަލް އަމަލު ކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ވަރަށް ނުތަނަވަސްވެވަޑައިގެން ހުންނަވައި އުއްތަމަ ފަނޑިޔާރު ވިދާޅުވި "ސ. މީދޫ، އަލިވާގޭ، އަބްދުﷲ ސައީދު" ކުރެއްވި ކުށެއް ނޯންނާނެ ކަމަށާއި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ދުސްތޫރީ އިމުގެ ތެރެއިން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ އެންމެ މަތީ ބާރަކީ ސުޕްރީމް ކޯޓު ކަމަށާއި ސުޕްރީމް ކޯޓުގެ އެންމެ މަތީ ފަނޑިޔާރަކީ އުއްތަމަ ފަނޑިޔާރު ކަމަށެވެ. ސުޕްރީމް ކޯޓުގެ ޕްރޮސީޖަރަލް ކަމެއް އަދި ސުލޫކީ ކަމެއް ހިނގިޔަސް، އެކަން ބަލާނީ ސުޕްރީމް ކޯޓުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެމަނިކުފާނު އިޝާރާތް ކުރެއްވި ގޮތުގައި ދައުލަތުގެ ނަމުގައި ޕީޖީއަށް އެމަނިކުފާނުގެ މައްޗަށް ދައުވާ ނުކުރެވޭނެ އެވެ. އުއްތަމަފަނޑިޔާރު ވިދާޅުވީ ޕީޖީއަކީ މާ ކުޑަކުޑަ ބައެއް ކަމަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް