ކ. މާލެ
|
7 މެއި 2018 | ހޯމަ 15:04
ފްލެޓް ފޯމް ނެގުމަށް އެތަށް ހާސް ބަޔަކު ކިޔޫގައި
ފްލެޓް ފޯމް ނެގުމަށް އެތަށް ހާސް ބަޔަކު ކިޔޫގައި
މުހައްމަދު ޝަރުހާން
ހިޔާ މަޝްރޫއު
ފްލެޓް ކެޓަގަރީ ތަކުގައި މާލޭގައި އުޅޭތާ ގިނަ ދުވަސްވީ މީހުން ނުހިމެނުމުން ކަންބޮޑުވުން އިތުރުވެއްޖެ!
މާލޭގައި ދިރިއުޅޭތާ އެތައް އަހަރުތަކެއް ވޭތުކޮށްފައިވާ މީހުން އެއްވެސް ކެޓަގަރީއެކަށް ނުފެތޭ
17 ކެޓަގަރީގެ ތެރެއަށް ނުފެތޭނެ އާއިލާއެއް ނުހުންނާނެކަމަށް މިނިސްޓްރީން ބުނޭ

ފްލެޓް ކެޓަގަރީ ތަކުގައި މާލޭގައި އުޅޭތާ ގިނަ ދުވަސްވީ މީހުން ނުހިމެނުމުން ކަންބޮޑުވުން އިތުރުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ 7،000 ފްލެޓް ދޫކުރާ ކެޓަގަރީ ތަކުގައި މާލޭގައި ދިރިއުޅޭތާ އެތައް އަހަރުތަކެއް ވޭތުކޮށްފައިވާ މީހުން އެއްވެސް ކެޓަގަރީއަކަށް ނުފެތެއެވެ.

ރާއްޖެ.އެމްވީއާއި މައުލޫމާތު ހިއްސާކުރި ގިނަ ބަޔަކު ވަނީ، އެކަމާއި މެދު ކަންބޮޑުވުން ހިއްސާކޮށްފައެވެ. އެފަރާތްތަކުން ބުނި ގޮތުގައި މާލޭގައި އުޅެ ގިނަ ދުވަސްވީ ކޮންމެ މީހަކީ މާލޭގެ ދަފްތަރުގައި ޖެހެން ބޭނުންވާނެ ބައެއް ނޫނެވެ. އެހެން އެކަން އޮވެމެ، އެފަރާތްތަކުން ފާހަގަކުރި ގޮތުގައި ބޯހިޔާވަހިކަމަކީ އަސާސީ ހައްގަކަށް ވާއިރު، އެއްވެސް ރައްޔިތަކު ކެޓަގަރީއަކަށް ނުފެތި ބާކީ ވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.

މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ބުނީ، ކޮންމެވެސް ގޮތަކުން 17 ކެޓަގަރީގެ ތެރެއަށް ނުފެތޭނެ އާއިލާއެއް ނުހުންނާނެކަމަށެވެ. އަދި މި ފަހަރު ނުލިބުނު ކަމުގައި ވިޔަސް އެފަރާތްތަކަށްވެސް މި ސަރުކާރުން ފްލެޓް ދޭނެކަމަށެެވެ.

ފްލެޓް ދޫކުރުން އިފްތިތާހުކުރުމަށް އާދިއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދޫކުރާނީ އިންސާފުން، ހައްގުވެރިންނަށް ކަމަށެވެ.

ހިޔާ މަޝްރޫއުގެ 7،000 ފްލެޓާއި ބެހޭގޮތުން މައުލޫމާތު ދެއްވުމަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 17 ކެޓަގަރީއަކަށް ބަހާލައިގެން ހުޅުވާލާ ފުރުސަތަކީ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކެއްކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓާއި، 18 އަހާރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި، ދަފުތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި، ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1044 ފްލެޓެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓާއި، ޓީޗަރުންނަށް 625 ފްލެޓާއި، އެކަނިވެރި މައިންނާއި ބައިފައިންނަށް 500 ފްލެޓާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 200 ފްލެޓެވެ. މީގެއިތުރުން ފުލުހުންނާއި ސިފައިންނަށް 600 ފްލެޓާއި ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކައި ފްލެޓް ނުލިބުނު ފަރާތްތަކާއި، ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް 300 ފްލެޓް އަދި މާފަންނު ހުޅަނގުގައި ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް 256 ފްލެޓްކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.

މިކެޓަގަރީތަކުގެ ތެރެއިން ފޯމު ލެވޭނީ ބޭނުންވާ ކޮންމެވެސް އެއް ކެޓަގަރީއަކަށެވެ.

ފޯމު ދޫކުރުން 6 މެއިން ފެށިގެން ކުރިއަށްދާއިރު އެންމެ ފަހު ދުވަހެއްގެ ގޮތުގައި ފޯމު ދޫކުރާނީ ޖުލައި މަހުގެ 31 އަށެވެ. އަދި ޖޫން މަހުގެ 3 އިން ފެށިގެން ޖުލައި 31 އާއި ހަމައަށް ފޯމު ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް