މާލެ އާއި ހުޅުލެއާދެމެދު ތަރައްގީކުރަމުން އަންނަ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނިންމައި، ޗައިނާއާއެކު ކުލަގަދަ ރަސްމިއްޔާތެއް ބޭއްވޭނެ ކަމަށް ހައުންސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅަކަށް ފުރާ ވަޑައިގެންނެވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި ހުންނަވާ ސަރުކާރުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވެފައި ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ހުޅުވުން ކުރިއަށްދާނީ ދެ ސަރުކާރުގެވެސް ފުރިހަމަ އެއްބާރުލުމާއެކު ކުލަގަދަ ރަސްމިއްޔާތަކާއެކު ކަމަށެވެ. އަދި ބްރިޖުގެ މަސައްކަތް ހަލުވިކަމާއެކު ރޭވިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގޮސް، އޮގަސްޓް މަހުގެ ނިޔަލަށް ނިންމައި، ރަސްމީކޮށް ހުޅުވިގެންދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
Minister @MMuizzu departs on an official visit to China pic.twitter.com/K8TcoWvpK1
— housing.gov.mv (@HousingGovMv) May 6, 2018
މުއިއްޒު ވިދާޅުވީ ބްރިޖަކީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުން ވަރަށް ވަރުގަދައަށް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. ދެގައުމުގެ ރައީސުންގެ އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ މަޝްރޫއަކަށްވާއިރުގައި، މި މަޝްރޫއުގެ ނިމުން ފާހަގަކޮށް ބްރިޖު ހުޅުވުމަކީ ވަރަށް ކުލަގަދަ ގޮތެއްގައި ކުރަންޖެހޭކަމެއް ކަމަށް ދެގައުމުގެ ސަރުކާރަށްވެސް ޤަބޫލުކުރެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިދަތުރުފުޅުގެ މައިގަނޑު އަމާޒަކީވެސް ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބޭއްވުމަށް މަޝްވަރާކުރުން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ބްރިޖް ހުޅުވުމަށްފަހު، ބްރިޖްގެ މެއިންޓަނެންސް ކަންތައްތަކާއި އޮޕަރޭޝަންސް ކަންތައްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.