ގަވާމެންޓް އީ ލެޓާ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް)، މެދުކަނޑާލަން އެންގެވި ކަމަށް ބުނެ، އުއްތަމަފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައި އެ މައްސަލައިގެ ހުކުމް ކުރުން އަންގާރަ ދުވަހަށް ޝެޑިއުލްކޮށްފިއެވެ.
އުއްތަމަފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ހިންގަވާ ގާޒީ އަބްދުﷲ އަލީ ވިދާޅުވީ އެ މައްސަލައިގެ ހުކުމް ކުރަން ތާވަލުކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00އަށް ކަމަށެވެ.
އުއްތަމަފަނޑިޔާރުގެ މައްޗަށް އެ ކުށް ސާބިތުވެއްޖެނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން އެންމެ ދިގު މުއްދަތަކަށް އެމަނިކުފާނު ޖަލަށް ލެވޭނީ ހަތަރު މަހާއި 24 ދުވަހަށެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުން އެ ހުކުމަށް ތާއިދުކޮށްފިނަމަ، އެމަނިކުފާނުގެ އުއްތަމަފަނޑިޔާރުގެ މަގާމު ގެއްލޭނެއެވެ. އަދި އިސްތިއުނާފު ކުރަންޖެހޭ މުއްދަތުގެ ތެރޭގައި ހުކުމް އިސްތިއުނާފު ނުކޮށްފިނަމަ ވެސް އެ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައެޅިގެންދާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމަނިކުފާނުގެ ފަނޑިޔާރުކަން ގެއްލޭނެއެވެ.
ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާ، އުއްތަމަފަނޑިޔާރުގެ މައްޗަށް ސާބިތު ކުރުމަށް ހުށަހެޅި ހަތަރު މީހެއްގެ ހެކިބަސް ޝަރީއަތުން ވަނީ ނަގާފައެވެ. އޭގެ ތެރެއިން ތިން މީހަކު ހެކިބަސް ދީފައި ވަނީ އަޑުބަދަލުކޮށްގެން، ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ސިއްރުންނެވެ. ސިއްރުން ހެކިބަސް ދިން ސުޕްރީމް ކޯޓުގެ އިސް މުވައްޒަފަކު ބުނީ ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށެވެ.
ހެކި ބަސް ދިން މީހުންގެ ތެރޭގައި ޖެމްސްގެ ހިދުމަތް މެދުކަނޑާލުމަށް އަމަލީ ގޮތުން އުޅުނު މުވައްޒަފަކު ވެސް ސިއްރުން ހެކިބަސް ދީފައިވެއެވެ. ސުޕްރީމް ކޯޓުގެ އައިޓީ ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އެ މުވައްޒަފު ބުނެފައި ވަނީ ޖެމްސްގެ ހިދުމަތް ސުޕްރީމް ކޯޓަށް ލިބޭ ގޮތަށް ރައުޓަރުގެ ވާގަނޑު އުފުރާލީ އިދާރީ އިސް މުވައްޒަފަކު އަންގައިގެން ކަމަށާއި ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އުއްތަމަފަނޑިޔާރު އޭނާއަށް ނާންގަވާ ކަމަށެވެ.
ދިފާއުގައި އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ފަސް މީހެއްގެ ނަން، ހެކިންގެ ގޮތުގައި ހުށަހެޅުއްވިއެވެ. ނަމަވެސް ޝަރީއަތުން ހެކިބަސް ނަގާފައި ވަނީ އެންމެ މީހެއްގެއެވެ. ހެކިންގެ ގޮތުގައި ސުޕްރީމް ކޯޓުގެ ތިން މުވައްޒަފެއްގެ ނަން އުއްތަމަފަނޑިޔާރު ހުށަހެޅުއްވިއިރު، ދެ މުވައްޒަފަކު ގަސްތުގައި ހެކިބަސް ދެއްވަން ކްރިމިނަލް ކޯޓަށް ވަޑައިނުގެންނެވިއެވެ.
ހޯމަ ދުވަހު ބޭއްވީ އެ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމުމެވެ. ދެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުއްވިއިރު، ދައުލަތުގެ ވަކީލުންނާއި އުއްތަމަފަނޑިޔާރުގެ ވަކީލުންގެ ޓީމުން ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވާފައެވެ.