ކ. މާލެ
|
7 މެއި 2018 | ހޯމަ 08:15
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން
ރޮއިޓަރސް
ރަޝިޔާގެ ސިޔާސީ މަސްރަހު
ޕުޓިން 4 ވަނަ ދައުރަކަށް މިއަދު ހުވާ ކުރައްވަނީ
ޕުޓިން ހުވާ ކުރައްވަނީ 4 ވަނަ ދައުރަކަށް
އިންތިޚާބު ކާމިޔާބުކުރީ 76 އިންސައްތައިން
އިދިކޮޅު މުޒާހަރާތައް މިއަދުވެސް ކުރިއަށްދޭ

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މަޤާމުގެ 4ވަނަ ދައުރަކަށް މިއަދު ހުވާ ކުރައްވާނެއެވެ. 

މޮސްކޯގައި މިއަދު އޮންނަ ހުވާ ކުރުމުގެ ރަސްމިއްޔާތު، 2012ވަނަ އަހަރު ޕުޓިން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުހާ ކުލަ ގަދައެއް ނުވާނެއެވެ. އެހެން ނަމަވެސް ކެމްޕޭންގައި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކާއި ޕުޓިން ބައްދަލުކުރައްވާނެއެވެ. 

ޕުޓިން މިއަދު މަޤާމުގެ ހުވާ ކުރައްވާއިރު، އެމަނިކުފާނާއި ދެކޮޅަށް ރަޝިޔާގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރާނެކަމަށް ބެލެވެއެވެ. ހަފްތާ ބަންދުގައި ރަޝިޔާގެ 19 ސަރަހައްދެއްގައި ޕުޓިންގެ ވެރިކަމާއި ދެކޮޅަށް މުޒާހަރާ ކުރެވުނުއިރު، މުޒާހަރާތަކުން 1،000 އަށް ވުރެ ގިނަ މީހުން ރަޝިޔާ ފުލުހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ވެސް ހިމެނިވަޑައިގަންނަވައެވެ. 

ޕުޓިން ވެރިކަމުގައި ހުންނަވާތާ މިހާރު ވަނީ 18 އަހަރުވެފައެވެ. 2000 ވަނަ އަހަރު ރަޝިޔާގެ ރައީސްކަމާއި ހަވާލުވެވަޑައިގެންނެވިފަހުން 4 އަހަރުގެ 2 ދައުރު އޭނާ ފުރިހަމަ ކުރެއްވިއެވެ. އޭރުގެ ޤާނޫނުތައް ބުނާ ގޮތުން ވެރިކަމުގައި ހުންނެވޭނީ ޖެހިޖެހިގެން 2 ދައުރުގައެވެ. އެހެން ކަމުން 2008ވަނަ އަހަރު ޕުޓިން ވެވަޑައިގަތީ ރަޝިޔާގެ ބޮޑުވަޒީރަށެވެ. އެ ދައުރުގައި ރައީސްކަމުގެ މަޤާމުގައި ޑިމިޓްރީ މެޑްވެޑޭވް ހުންނެވި ނަމަވެސް، ހަޤީގަތުގައި ބާރު އޮތީ ޕުޓިންގެ އަތްޕުޅުގައިކަމަށް ގިނަ ބަޔަކު ދެކުނެވެ. 

ޕުޓިން އަނެއްކާ ވެސް ރައީސް ކަމަށް ވަޑައިގަތީ 2012 ވަނަ އަހަރުއެވެ. ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކާއިއެކު، މިފަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ 6 އަހަރުގެ ދައުރަކަށެވެ. 

އިދިކޮޅު ފަރާތްތަކުން ބުނަނީ ޕުޓިން ވެރިކަން ކުރައްވަމުން ގެންދަވަނީ ރަސްކަލެއްގެ އުޞޫލުން ކަމަށެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބު 76 އިންސައްތައިން ޕުޓިން ކާމިޔާބު ކުރެއްވިއިރު، އެމަނިކުފާނާއި އިދިކޮޅަށް މަޝްހޫރު ކެންޑިޑޭޓަކަށް ނިކުމެވިފައެއް ނުވެއެވެ. ޕުޓިންއަށް ރިޔާސީ އިންތިޚާބުގައި ޗެލެންޖަކަށް ވެދާނެ ކޮންމެ މީހަކު ހުރީ އިންތިޚާބުގައި ވާދަނުކުރެވޭނެ ގޮތް ހަދާފައެވެ. 

- ކޮމެންޓް