ކ. މާލެ
|
6 މެއި 2018 | އާދީއްތަ 23:10
ޓެރަރިޒަމްގެ ދައުވާ ލިބޭ މެމްބަރު އިލްހާމާއި ސިނާން: އެ ދައުވާގެ އަޑުއެހުންތައް މާދަމާ އޮންނާނެ
ޓެރަރިޒަމްގެ ދައުވާ ލިބޭ މެމްބަރު އިލްހާމާއި ސިނާން: އެ ދައުވާގެ އަޑުއެހުންތައް މާދަމާ އޮންނާނެ
މިހާރު
ކްރިމިނަލް ކޯޓް
ނަދީމް، އަރީފު، އިލްހާމް އަދި ސިނާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން މާދަމާ
ނަދީމްގެ މައްސަލަ އޮތީ 9:00ގައި
އިލްހާމް މައްސަލަ އޮތީ 11:00ގައި
އަރީފުގެ މައްސަލަަ އޮތީ 13:00ގައި

ފެބްރުއަރީ 1ގެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހަތަރު ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.  

ހޯމަ ދުވަހު އެންމެ ފުރަތަމަ ބޭއްވުމަށް ހަމަ ޖެހިފައިވަނީ ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްއާ ދެކޮޅަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ އަމަލެއްް ހިންގަން އުޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ. މި އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ ހެނދުނު 9:00ގައި އެވެ. މިމައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ނަދީމަށް ވަކީލަކު އައްޔަން ކުރުމަށް ދެ ދުވަހުގެ މުހުލަތެއް ވަނީ ދީފަ އެވެ.

ދެން ބޭއްވުމަށް ހަމަ ޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ދައުވާގެ އަޑުއެހުމެކެވެ. މި އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:00ގައެވެ. މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފު:- އަރީފުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ އޮންނާނެ 

އަދި އޭގެ ފަހުން މެންދުރު ފަހު 1:00ގައި ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު އަރީފުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައިވެއެވެ. އަރީފަށް ވެސް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ދައުވާއާ ގުޅިގެން މައްސަލަ ކުރިއަށް ގެންދިއުމަށް ވަކީލުން އައްޔަން ކުރުމަށް ފުރުސަތު ދީފަ އެވެ.

އާދިއްތަ ދުވަހު އެންމެ ފަހުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާގެ އަޑުއެހުމެކެވެ. ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. މިއަޑުއެހުން އޮންނާނީ ހޯމަ ދުވަހުގެ މެންދުރު ފަހު 3:00ގައެވެ. 

ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް:- އޭނާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ އޮންނާނެ  

އެބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި އެ ބޭފުޅުން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި ރިޝްވަތު އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ގާނޫނު އަސާސީއިން ދައުލަތް ހިންގުމަށް ވަކިވަކި ބާރުތައް ލިބިދީ، އުފައްދާފައިވާ މުވައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްލަހަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުމުގައި އެ ބޭފުޅުންގެ ބައިވެރިވުން އޮތް ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ. އޭގެ އިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު އަރީފް މެދުވެރިވެގެން ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީއާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް މެދުވެރިކުރުވާފައިވާ ކަމަށް ވެސް މި ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް