އެމެރިކާއިން އުޅެނީ އުތުރު ކޮރެއާ ސުލްހަވެރިކަމާއި ދިމާލަށް މިސްރާބް ޖަހާފައިވާތީ ޖެއްސުން ކުރުމަށް ކަމަށް އެގައުމުން ތުހުމަތުކޮށްފިއެވެ.
އެމެރިކާއިން ކުރިމަގުގައި ޕްރެޝަރ ނުކުރުމަށާއި އަސްކަރީ ބިރުތައް ނުދެއްކުމަށް އެގައުމުން ވަނީ އިންޒާރުދީފައެވެ. ދެގައުމުގެ މަޝްރަހު މިދުވަސްވަރު ކުރިއާ އަޅާބަލާއިރު ވަނީ ވަރަށް ރަނގަޅުވެފައެވެ. އެއާއެކު ދެގައުމު ވެރިންގެ ބައްދަލުވުން ބޭއްވޭ ތާރީޚުވެސް ވަނީ ވަރަށް ކައިރިވެފައެވެ. މި ބައްދުލުވުމަކީ ދެގައުމުގެ ވެރިން ތާރީޚުގަވެސް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
އުތުރު އަދި ދެކުނު ކޮރެއާގެ ލީޑަރުން ވަނީ މިދިޔަ މަހު ޑިމިލިޓަރީ ޒޯންގައި ބައްދަލުކޮށް އެބައްރުން ނިއުކިލިއާގެ ހުރިހާ ބާވަތެއް ފުހެލުމަށް އެއްބަސްވެފައެވެ. ދެގައުމުން ނިންމި ނިންމުމަށް މުޅި ދުނިޔެއިން ވަނީ ވަރަށް ބޮޑަށް ތަރުހީބު ދީފައެވެ. އުތުރު ކޮރެއާއިން މިދުވަސްވަރު ދަނީ ބޭރު ދުނިޔެއާއި ފަހުގެ ތާރީޚެއްގައި ނުގުޅޭ މިންވަރަކަށް ގުޅުމުގެ އިތުރުން އެގައުމުގެ ސިޔާސަތުތައް ވެސް ބަދަލު ކުރަމުންނެވެ.
އުތުރު ކޮރެއާގެ ރަސްމީ ނޫސް އިދާރާއިން (ކޭ.ސީ.އެން.އޭ) ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން ދަނީ އެގައުމުގެ އާންމުނަށް ނިއުކިލިއަރ ޕްރޮގްރާމް ހުއްޓާލި ސަބަބު އޮޅުވާލަމުން ކަމަށެވެ. އަދި އެމެރިކާއިން ދަނީ އާންމުންކައިރީގައި އުތުރު ކޮރެއާއިން އެކަން ހުއްޓާލީ އިންޓަނޭޝަންލް ޕްރެޝަރާއި ފިއްތުންތަކުގެ ސަބަބުން ކަމަށް ބުނަމުންނެވެ.
އުތުރު ކޮރެއާގެ ސިޔާސަތުތަކާއި ސަރަހައްދުގެ މަސްލަހަތައް ފައިދާވާ ގޮތަށް އަމަލު ބަހައްޓަމުންދާއިރު އެމެރިކާއިން ދަނީ ސިފައިން ދެކުނު ކޮރެއާއަށް ފޮނުވަމުން ކަމަށް އުތުރު ކޮރެއާއިން ބުނެއެވެ.