ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަރުވާއަށް ނަމަވެސް މިނިވަންކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން އިލްތިމާސްކޮށްފިއެވެ.
ހޮނިހިރު ދުވަހުގެރޭ ރައީސް މައުމޫންގެ ހާލުކޮޅު ގޯސްވުމާއި ގުޅިގެން އާދީއްތަ ދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުމުރުން 82 އަހަރުގައި ރައީސް މައުމޫން ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ ތިން މަސް ދުވަސް ވެފައިވާ ކަމަށެވެ. އުމުރުން އެހާ ދޮށީ ބޭފުޅަކު އަލާސްކަންފުޅުގައި ޖަލުގައި ދުވަސްތައް ހޭދަކުރަންވަން ޖެހުމަކީ ޖުމްހޫރީ ޕާޓީން ކަންބޮޑުވާކަމެއް ކަމަށް ގާސިމްގެ ޓްޥީޓްގައި ފާހަގަކޮށްފަވެއެވެ.
Miadhakee R Maumoon ( 82 aharu ) umurun mihaa dhoshee beyfulheh thuhumatheh gai jalugai bandhukohgen genguheytha 3 mas hama vaa dhuvas mihaaru RM ah bodu aalaskanfulheh jehi varah serious vefai vumunJPin MPS aa PG ah ilthimaas koh edhen R M faruvaa ah namaves minivan kohdhehva
— Qasim Ibrahim (@qasimibrahim) May 6, 2018
އެހެންކަމުން ޖުމްހޫރީ ޕާޓީގެ ފަރާތުން ރައީސް މައުމޫން ފަރުވާއަށް ނަމަވެސް މިނިވަންކޮށްދެއްވުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށާއި، ފުލުހުންގެ އިދާރާއަށް ގާސިމް ވަނީ އިލްތިމާސްކޮށްފައެވެ.
ރައީސް މައުމޫންގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވަނީ އެމަނިކުފާނަށް ސިއްހީ މައްސަލައެއްކަމަށްވާ 'ބިނައިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވަރޓިގޯ' (ބީ.ޕީ.ޕީ.ވީ) ޖެހިފައިވާތީއެވެ. މިބައްޔަށް މިދިޔަ ޑިސެމްބަރު މަހުވެސް ރައީސް މައުމޫނަށް ފަރުވާދެއްވާފައިވާކަމަށް އައިޖީއެމްއެޗް ގެ އީއެންޓީ ސްޕެޝަލިސްޓެއް ވިދާޅުވެ، ދެއްވާފައިވާ ލިޔުމެއް އާއިލާއިން ވަނީ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ.