ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ރައީސް މައުމޫންގެ ފެކްޝަންގެ ނައިބް ރައީސް އައިމިނަތު ނާދިރާ ޕިޕީއެމްއިން ވަކިކުރުމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ ކަމަށް އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލް ހުސްނު ސޫދު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ސޫދު ވިދާޅުވީ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް އޑުއެހުންތައް ބޭއްވުމަށް މިހާތަނަށް ތިން ފަހަރެއްގެ މަތިން ކޯޓުގައި ޝެޑިއުލް ކޮށްފި ކަމަށާއި ނަމަވެސް އެއިން އެއްވެސް ފަހަރަކު ޕީޕީއެމް އިން ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށެވެ.
ސުއޫދު ވިދާޅުވީ ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ އެންމެ ފުރަތަމަ ދިޔައީ "ޑިސްޕިއުޓް ރިޒޮލިއުޝަން" މަރުހަލާއަށް ކަމަށެވެ. އެމަރުހަލާއަށް ފަހު މިހާރު ތިން ފަހަރެއްގެ މަތިން ކޯޓުގައި ތާވަލް ކުރި ކަމަށެވެ.
އޭނާ ވިދާޅުވީ އެންމެ ފަހުން އެމައްސަލަ ކޯޓުގައި ތާވަލްކުރީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 11:0 އަށް ކަމަށާއި އެދުވަހު ވެސް މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ނުވީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވުމާ ގުޅިގެން ކަމަށެވެ. އަދި ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވަނީ ގަސްތުގައި މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ކަމަށް ސޫދު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޖުލައިމަހު ފާރިސް މައުމޫނު ޕީޕީއެމުން ވަކިކުރީ އިއުލާން ކުރުމެއް ނެތި ޓޫރިޒަމްގެ މަސައްކަތްތަކަށް ރާއްޖޭގެ ރަށްތައް ކުއްޔަށް ދޫކުރާ އިސްލާހު ފާސްކުރަން ތްރީ ލައިން ވިޕެއް އެޕާޓީން ނެރެފައި ވަނިކޮށް، އެ ނިންމުމާ އޭނާ ހިލާފުވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ހާޒިރުވެވަޑައިގެން އިންނަވައި ފާރިސް ވޯޓު ދެއްވީ ބިލް ފާސްކުރަން ނުފެންނަ ކަމަށެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ފާރިސް ޕާޓީން ވަކިކުރަން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް މައުމޫނު ވަނީ ފާރިސް އެޕާޓީން ވަކިނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.