ކ. މާލެ
|
6 މެއި 2018 | އާދީއްތަ 17:57
ޓޯޓަލް ކުންފުންޏަކީ ތެލުގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި
ޓޯޓަލް ކުންފުންޏަކީ ތެލުގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި
ގެޓީ އިމޭޖަސް
ސްރީލަންކާ
ލަންކާއިން ތެޔޮ ފެނޭތޯ އަނެއްކާވެސް ބަލަނީ
މަސައްކަތް ހަވާލުކުރަނީ ފްރާންސްގެ ޓޯޓަލް ކުންފުންޏާއި

އަވަށްޓެރި ސްރީލަންކާއިން އަނެއްކާވެސް ތެޔޮ ފެނޭތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ.

ލަންކާ ސަރުކާރުގެ އޮފިޝަލަކާއި ޙަވާލާދީ ރޮއިޓަރސް އިން ބުނީ ލަންކާއިން ތެޔޮ ފެނޭތޯ ބެލުމަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފަރަންސޭސިވިލާތުގެ ތެޔޮ ކުންފުނި ޓޯޓަލްއާއި އެމެރިކާގެ ޝްލަމްބަރގަރ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏަކާއެވެ. ލަންކާއިން ތެޔޮ ފެނޭތޯ ބަލާނީ އެޤައުމުގެ އިރުމަތީފަރާތު އައްސޭރިފަށާއި ދިމާލުން، އެޤައުމުގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުންނެވެ.

ލަންކާގެ ޕެޓްރޯލިއަމް ރިސޯސަސް ޑިވެލޮޕްމަންޓް ސެކްރެޓޭރިއެޓްގެ ޑިރެކްޓަރ ޖެނެރަލް ވަޖީރާ ޑަސަނަޔަކަ ވިދާޅުވީ 2016 ވަނަ އަހަރުވެސް ތެޔޮ ހޯދުމަށް ޓޯޓަލް ކުންފުންޏާއިއެކު އެއްބަސްވުމަކަށް އައިކަމަށާއި، އެހެން ނަމަވެސް އެފަހަރު ދިމާވި މައްސަލަތަކެއްގެ ސަބަބުން އެމަސައްކަތް ކުރިއަށް ނުދިޔައީކަމަށެވެ. އެހެން ނަމަވެސް މިމަހުގެ ފަހުކޮޅު ޓޯޓަލްއާއިއެކު އަލުން އެކުލަވާލެވޭ އެއްބަސްވުމުގެ ދަށުން އޮމާންކަމާއިއެކު މަސައްކަތް ކުރިއަށްދާނެކަމަށް ޑަސަނަޔަކަ ވިދާޅުވިއެވެ. 

ޓޯޓަލް ކުންފުނިން މީގެ ކުރިން ލަންކާ ސަރުކާރާއިއެކު ސޮއެކުރި 2 އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން 50،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދިރާސާކުރުމަށް އެއްބަސްވިއެވެ. އޭރު ވި އެއްބަސްވުމުގެ އަގަކީ 25 މިލިއަން އެމެރިކާ ޑޮލަރެވެ.

ޑަސަނަޔަކަ ވިދާޅުވީ މިފަހަރުގެ ޕްރޮޖެކްޓަށް ޓޯޓަލް ކުންފުނިން 3 މިލިއަން ޑޮލަރާއި 10 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް އިންވެސްޓްކުރާނެކަމަށާއި، މަސައްކަތް ކުރިއަށްގެންދާނީ ޝްލަމްބަރގަރގެ ސަބްސިޑަރީ ކުންފުނި އީސްޓަރން އިކޯ ހޯލްޑިންގ ލޓޑ އިންކަމަށެވެ. 

ޑަސަނަޔަކަ ވިދާޅުވީ ޚަރަދުތައް އަނބުރާ ލިބެންދެން ޕްރޮޖެކްޓް މާކެޓްކުރުމުގެ މަސައްކަތް ކުރާނީ ޓޯޓަލްއިންކަމަށެވެ. 

މިދިރާސާއިން ހޯދާ މައުލޫމާތު ހުންނާނީ ލަންކާ ސަރުކާރުގެ ބެލުމުގެ ދަށުގައިކަމަށާއި، ތެޔޮ ފެނިއްޖެނަމަ ތެޔޮ ނަގާނެ ގޮތާއި، މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ އެއްބަސްވުމަކަށް އައުމަށް ޓޯޓަލް ކުންފުންޏަށް އެއް އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ލަންކާ ސަރުކާރުން ބުނެއެވެ. 

ލަންކާއަކީ ތެޔޮ އިމްޕޯޓްކުރުމަށް ބަރޯސާވެފައިވާ ޤައުމެކެވެ. މިދިޔަ އަހަރުވެސް ތެޔޮ އެތެރެކުރުމަށް އެޤައުމުން 3.2 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

- ކޮމެންޓް