ކ. މާލެ
|
6 މެއި 2018 | އާދީއްތަ 17:47
މަޖިލިސް މެމްބަރު އަހުމަދު ފާރިސް މައުމޫން
މަޖިލިސް މެމްބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
މެމްބަރު ފާރިސް މައުމޫން
ސަރުކާރު ވައްޓާލަން ހިންގި ކަންކަމުގެ މޭސްތިރިއަކީ ފާރިސް: ދައުލަތް
ދައުވާ ސާބިތު ކުރުމަށް 32 ހެއްކާ ގަރީނާ ދައުލަތުން ހުށަހެޅި
އަންނަ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ދިފާއީ ހެއްކާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ
ދައުލަތުން ހުށަހެޅި ގިނަ ހެކީން ސިއްރު

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް އުޅުމާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ އެންމެ އިސްފަރާތަކީ އަދި އެކަމުގެ މޭސްތިރިއަކީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފަރިސް މައުމޫން ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ ގާނޫނީ ވަކީލުން އެގޮތަށް ވިދާޅުވެފައިވަނީ ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި، ދައުލަތުގެ ފަރާތުން ފާރިސްގެ މައްޗަށް ކުރާ ދައުވާ އިއްވުމަށްފަހުގަ އެވެ.

ފާރިސްގެ މައްޗަށް ކުރާ ޓެރަރިމަޒްގެ ދައުވާގައިވާ ގޮތުން 2013 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަން އުޅުމާއި، މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު އިލްހާމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ އިތުރުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ވެސް ފާރިސް ބައިވެރިވި ކަމަށް ދައުވާގައިވެ އެވެ. އަދި އެ އަމުރު ނެރުމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ލައްވައި، ބައެއް ފުލުހުން މަގުމައްޗަށް ނެރެގެން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ.

އެ ދައުވާ ސާފުނުވާ ކަމަށާއި ރިޝްވަތު ދިން ގާޒީންގެ ނަމުގެ އިތުރުން ރިޝްވަތު ދިނީ ކިތައް ގާޒީންނަށް ކަމެއްވެސް ދައުވާއިން ސާފުނުވާ ކަމަށް ފާރިސްގެ އިތުރުން ފާރިސްގެ ގާނޫނީ ވަކީލުން ވެސް ވިދާޅުވި އެވެ. އެހެންނަމަވެސް ފާރިސް ވިދާޅުވީ ޖިނާއި ކުށެއް ކޮށްފައިވާނެތީވެ، ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ. 

އެ ދައުވާއަށް ފާރިސް އިންކާރު ކުރެއްވުމުން އެ ދައުވާ ފާރިސްގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ވަނީ 32 ހެއްކާއި ގަރީނާ ހުށަހަޅާފަ އެވެ. 

ހެކީގެ ތެރޭގައި ސިއްރު 17 ހެކިވެރިއަކާއި ހަތް ފުލުހަކާއި ހަތަރު ސިއްރު ލިޔުމެއްގެ އިތުރުން އިތުރު ބައެއް ހެކިތަކެއް ވެސް ހިމެނެ އެވެ.

ސިއްރު ހެކިވެރިންނަކީ ފާރިސް ރިޝްވަތު ދިންކަން ސާބިތު ކުރުމަށާއި ސަރުކާރު ވައްޓާލަން އުޅުނުކަން ސާބިތު ކުރުމުގެ އިތުރުން ހަމަނުޖެހުން ހިންގަން އުޅުނުކަން ސާބިތުކުރަން ހުށަހެޅި ހެކިންނެވެ.

ދައުލަތުން ހެއްކާގައި ގަރީނާ ހުށަހެޅުމުން ގާޒީ އަހުމަދު ހައިލަމް ވަނީ ފާރިސަށް ވެސް ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވާފަ އެވެ. ނަމަވެސް ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވީ ދައުވާ ސާފުނުވާތީއާއި ރިޝްވަތު ދިނީ ކޮން ފަނޑިޔާރުންނަށް ކަމެއް ވެސް ސާފުނުވާތީ ހެކިން ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދެއްވުމަށް އެދިލައްވާފަ އެވެ. 

ނަމަވެސް ގާޒީ ހައިލަމް ވިދާޅުވީ މެއި މަހުގެ 10 ދުވަހުގެ 12:00 ހެއްކާއި ޝަރީއަތަށް ހުށަހަޅަން ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށެވެ. 

ގާޒީ ހައިލަމް އެގޮތަށް ވިދާޅުވުމުން ފާރިސްގެ ވަކީލުން ވިދާޅުވީ ދައުވާ ސާފުނުވާތީ ހެކި ހުށަހެޅުމަށް ފާރިސްއާ ވެސް މަޝްވަރާކުރަންޖެހޭ ކަމަށާއި އަދި މި ދައުވާއާ ގުޅިގެން ފާހަގަކުރަން ބޭނުންވާ ގިނަ ކަންކަން ހުރިކަން ފާހަގަ ކުރެއްވުމުންވެސް މިމަހުގެ 10 ވަނަ ދުވަހަށް ހެއްކާއި ލިޔެކިޔުންތައް ހުށަހެޅުމަށް ގާޒީ ވިދާޅުވިނަމަވެސް އެއީ އެކަށީގެންވާ ވަގުތެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ސަބަބަކީ ފާރިސްއަކީ މިނިވަންކަމާއެކު އުޅެވޭ ހާލަތެއްގައިހުރި ބޭފުޅެއް ނޫންކަމަށާއި ފާރިސް ހުންނެވީ ކ. މާފުށީ ޖަލުގައި ކަމަށެވެ. އެހެންކަމުން ފާރިސްއާ ބައްދަލު ކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވާއިރު، ވަކީލުން މަސައްކަތްކުރައްވަނީ ވެސް ހަމައެކަނި މިމައްސަލަގައި ނޫންކަމަށްވާތީ ހަތަރު ދުވަހަކީ އެކަށީގެންވާ ވަގުތެއް ނޫންކަމަށެވެ. 

މި ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާ 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ ކަން ފާހަގަ ކުރައްވައި، ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވީ އެފަދަ ދައުވާއަކަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށާއި މި ދައުވާއާ ގުޅިގެން ދައުލަތުން ހުށަހެޅި ގިނަ ހެއްކާއި ގަރީނާތައް ސިއްރުކޮށްފައިވާތީ އެއީ ދައުވާއިން ދިފާއުވުމަށް އެޅޭ ވަރަށްބޮޑު ހުރަހެއް ކަމަށެވެ. 

ފާރިސްގެ އިތުރުން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މަޖިލީހުގެ މެމްބަރުން ކަމަށްވާ އިލްހާމާއި ސިނާނުގެ އިތުރުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެ ބޭފުޅުންނަށް ކުރާ ދައުވާތައް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
7 މެއި 2018 | ހޯމަ 06:12
ފަސީ
މި ސަރުކާރު ވެއްޓޭނެ. ނިކަންދެކިބަލަ ދުނިޔޭގެ ތާރީޚުގައި ހިނގާފައިހުރި ހާދިސާތައް. ހަމަ ވަޤުތު ޖެހުނީ ވެއްޓުނީ. އެކަމަކަށް ލަހެއްފަހެއް ނޮއޮންނާނެ. އެދުވަސް ދެކެން ކެތްމަދުވެފަ ހުރިން.