ލުބުނާނުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ފަށައިފިއެވެ.
އާދީއްތަ ދުވަހު ލުބުނާނުގައި ވޯޓުލުން ފެށިއިރު، ޤާނޫނު ހަދާ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމުގެ ފުރުޞަތު އެ ޤައުމުގެ ރައްޔިތުންނަށް ލިބިގެން މި ދިޔައީ 9 އަހަރަށް ފަހުއެވެ. އަދި މިއީ އެ ޤައުމާއި އެތައް ގޮތަކުން ގާތް، އަވަށްޓެރި ސީރިއާގެ ދާހިލީ ހަނގުރާމަ، 2011 ވަނަ އަހަރު ފެށިފަހުން ލުބުނާނުގައި ބާއްވާ ފުރަތަމަ އާންމު އިންތިޚާބުވެސްމެއެވެ.
އަހަރު ތަކަކަށްފަހު މި އިންތިޚާބު ބޭއްވިގެންދާއިރު، ސީރިއާ ހަނގުރާމަ އާއި ގުޅިގެން ލުބްނާނުގެ އެކި ފިކުރުތަކުގެ ގްރޫޕްތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މި އިންތިޚާބު ވަނީ އެކި ފަހަރުމަތިން ފަސްކޮށްފައެވެ.
ލުބުނާނުގައި އާންމު އިންތިޚާބެއް ބޭއްވުމަށް މަގުފަހިވެފައި މިވަނީ 1960 ވަނަ އަހަރުއްސުރެ އެ ޤައުމުގައި ބޭނުންކުރަމުންދާ އިންތިޚާބާއި ބެހޭ ޤާނޫނު އަލުން އެކުލަވާލައި ފާސްކުރުމުންނެވެ. އަލަށް އެކުލަވާލި ޤާނޫނުގައި ލުބުނާނުން ބޭރުގައި ދިރިއުޅޭ އެ ޤައުމުގެ ރައްޔިތުންނަށްވެސް ވޯޓު ލުމުގެ ޙައްޤު ވަނީ ދީފައެވެ. ލުބުނާނުން ބޭރުގައި، އެކި ޤައުމުތަކުގައި އެ ޤައުމުގެ ނުވަ ލައްކަ އަށްވުރެ ގިނަ ރައްޔިތުން ދިރި އުޅެމުން ދާއިރު، މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ އޭގެ ތެރެއިން 83000 މީހުންނެވެ.
ލުބުނާނުގެ ރައްޔިތުން މި އިންތިޚާބުގައި ވޯޓުލާން ނުކުތްއިރު، ކުރިއާއި އަޅާބަލާއިރު މި އިންތިޚާބުގައި ގިނަ އަދަދެއްގެ އަންހެން ކެނޑިޑޭޓުން ވާދަކުރެއެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ވާދަކުރި އަންހެން ކެނޑިޑޭޓުންގެ އިންސައްތަ އަކީ 1.7 ނަމަވެސް މިފަހަރުގެ އިންތިޚާބުގައި އެ އަދަދު ވަނީ 10 އިންސައްތައަށް އުފުލިފައެވެ. އަދި 2009 ވަނަ އަހަރު ލުބްނާނުގެ ޤާނޫނުހަދާ މަޖިލީހުގެ 128 ގޮނޑީގެ ތެރެއިން 4 ގޮނޑިއަށް އަންހެނުން އިންތިޚާބުވިއިރު، މިފަހަރުގެ އިންތިޚާބުގައި ގިނަ އަދަދެއްގެ އަންހެނުން އިންތިޚާބު ވާނެކަމަށް ބެލެވެއެވެ.
މީގެ އިތުރުން މި އިންތިޚާބުގައި ރިކޯޑް އަދަދަކަށް މަދަނީ އެކްޓިވިސްޓުންނާއި މިނިވަން ކެނޑިޑޭޓުންވެސް ވާދަކުރެއެވެ.