މުޒާހަރާއެއްގެ ތެރެއިން ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ހައްޔަރުކޮށްފިއެވެ.
ހޮނިހިރު ދުވަހު ނަވަލްނީ ހައްޔަރު ކޮށްފައިވަނީ ވެރިރަށް މޮސްކޯގައި ރައީސް ވްލަޑިމިއަރ ޕުޓިން އާއި ދެކޮޅަށް ކުރެވުނު މުޒާހަރާއެއްގެ ތެރެއިންނެވެ. އެހެން ނަމަވެސް އާދިއްތަ ދުވަހު ހެނދުނު އޭނާ ވަނީ ދޫކޮށްލާފައެވެ.
މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ނަވަލްނީ ހައްޔަރުކުރިއެވެ. އަދި ކޮންމެ ފަހަރަކުވެސް ހަފްތާއެއްހާ ދުވަހު އޭނާ ހައްޔަރުގައި ބެހެއްޓުމަށްފަހު ދޫކޮށްލައެވެ. ނަވަލްނީ ދޫކޮށްލާފައިވަނީ ހުއްދައަކާއި ނުލައި އެއްވުމާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި ދައުވާކުރުމަށް ނިންމުމަށްފަހުއެވެ. ނަވަލްނީއަކީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ޕުޓިން އާއި ދެކޮޅަށް ނިކުންނާނެކަމަށް ބެލެވުނު ކެންޑިޑޭޓެކެވެ. އެހެން ނަމަވެސް، ބޮޑެތި ތުހުމަތު ތަކެއްކޮށް، އޭނާއަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ސަރުކާރުން ބަންދުކުރިއެވެ.
ޕުޓިން ހަތަރުވަނަ ދައުރަކަށް މިހަފްތާގައި ހުވާ ކުރައްވާއިރު، އޭނާ އާއި ދެކޮޅަށް ރަޝިޔާގެ މޮސްކޯގެ އިތުރުން ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ސެއިންޓް ޕީޓަރސްބަރގްއާއި އެހެން ގިނަ ސިޓީތަކެއްގައިވެސް މުޒަހާރާ ކޮށްފައިވެއެވެ.
ހަފްތާ ބަންދުގެ މުޒާހަރާތަކުން ހާހެއްހާ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި މުޒާހަރާ ތަކަށް ދިޔުމުގެ ކުރިން ސަރުކާރުން ހުރަސް އަޅާފާނެތީ ނަވަލްނީ ހުކުރު ދުވަހު ހުރީ ސިއްރުތަނެއްގައި ފިލައެވެ.
2012 ވަނަ އަހަރުވެސް ޕުޓިން ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އެޤައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. އެމުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، ބައެއް މީހުން މަރުވެސްވިއެވެ.
މިއަހަރުގެ އިންތިޚާބު ޕުޓިން ކާމިޔާބުކުރެއްވީ މާބޮޑު ވާދަވެރިކަމެއް ނެތި، 76 އިންސައްތަ ކާމިޔާބު ކުރައްވައި ގެންނެވެ.