އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އަމުރު ނެރުމުގައި މިހާރު ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަމުން ގެންދަވާ ތިން ފަނޑިޔާރުން އެއްވެސް ރިޝްވަތެއް ހިފައި، އަދި ނުފޫޒެއްގައި ޖެހިފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް ތަޙުޤީޤުގައި ލިބިފައިނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުން ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން އާދިއްތަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަލީ ހަމީދުގެ ދިފާއީ ވަކީލު މަހްފޫޒު ސައީދާއި، ސަފާ ޝަރީފު ވަނީ ފަސް ފަނޑިޔާރުން ނެރުނު އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި މިހާރު މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ މައްޗަށް އެ އަމުރާ ގުޅިގެން އެއްވެސް ތުހުމަތެއް ނުކުރެވޭތޯ ސާފު ކޮށްފައެވެ. މަހްފޫޒު ވިދާޅުވީ ފަސް ފަނޑިޔާރުން ނެރުނު އަމުރަކާ ގުޅިގެން ދެ ފަނޑިޔާރަކު ހައްޔަރުކޮށް ތަހްގީގު ހިންގައި ދައުވާ ކުރުން އެއީ ހަމަހަމަ ކަމުގެ އުސޫލާ ޚިލާފު ކަމެއް ކަމަށެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި ދައުލަތުގެ ވަކީލު އަހްމަދު ނައުޝާދު ވަނީ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އަލީ ހަމީދާއި އަބްދުﷲ ސައީދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތަޙުޤީޤު ފުރިހަމަ ކޮށްފައިކަމަށް ވިދާޅުވެފައެވެ. އަދި ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުންގެ މައްޗަށް ދައުވާ ކޮށްފައިނުވަނީ ފެބްރުއަރީ އެކެއްގައި އަމުރު ނެރުމުގައި ތިން ފަނޑިޔާރުން ޤާނޫނާ ޚިލާފު ކަމެއް ހިންގާފައިވާކަން ފުލުހުން ހިންގި ތަޙުޤީޤުން ފެންނަން ނެތުމުންކަމަށް ނައުޝާދު ވިދާޅުވިއެވެ. އަދި އެ އަމުރު ނެރުމަށް ތިން ފަނޑިޔާރުން އެއްވެސް ރިޝްވަތެއް ހިފާފައިވާކަންވެސް ތަޙުޤީޤަށް އެނގިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި އެހެންމެ ދައުވާ ކޮށްގެން އުޅެނީ އަމުރު ގޯސްވެގެން ނޫން ކަމަށާއި ރިޝްވަތުހިފައި، ޙުކުމެއް ނެރެ، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތައް ނުރައްކާތެރިވާ ފަދަ ހާލަތެއް ގެނައުމަށް މަސައްކަތް ކޮށްފައިވާތީ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.
މި އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ މި މައްސަލައަށް ބައެއް ފަރާތްތަކުން ދީފައިވާ ބަޔާންތަކެއް ލީކްވެފައިވާކަން ފާހަގަ ކުރައްވައި އެ ބަޔާންތަކާ ހަވާލާދީ ދައުލަތާ ސުވާލު ކުރައްވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މައްސަލަ ބައްލަވާ ބައްލަވާ ގާޒީ ވިދާޅުވީ، އެއީ ކޯޓު އަމުރެއްގެ ދަށުން ސިއްރު ކުރެވިފައިވާ ބަޔާންތަކަކަށްވާތީ އެ ބަޔާންތަކުގެ ވާހަކަ ކޯޓުގެ އަޑުއެހުމުގައި ނުދެއްކޭނެ ކަމަށެވެ. އަދި ބަޔާންތައް ލީކްވި ގޮތް ތަޙުޤީޤީ އިދާރާއަށް އަދިވެސް ހޯދިފައިނުވާކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ ސިއްރު ބަޔާންތަކުގެ ވާހަކަ ޝަރީއަތުގައި ދެއްކުމަކީ ޝަރީއަތުގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ.
ދައުލަތުން އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، 2013 ވަނަ އަހަރުން ފެށިގެން އިތުރުބަޔަކާ ބައިވެރިވެގެން ރިޝްވަތު ހިފައި، ކޯޓުތަކަށް ނުފޫޒު ފޯރުވައި، އަލީ ހަމީދު ބައެއް އަމުރުތައް ނެރުއްވާފައިވާ ކަމަށެވެ. އަދި ޤާނޫނު އަސާސީން ދައުލަތް ހިންގުމަށް ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުވައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްލަހަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ. އޭގެ އިތުރުން ޤާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތްކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް މެދުވެރިކުރުވާފައިވާ ކަމަށްވެސް އަލީ ހަމީދު މައްޗަށް ތުޙުމަތުކޮށްފައިވެއެވެ.
އަލީ ހަމީދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ މި ދައުވާއާ ގުޅިގެން ދައުލަތުން ކުރާ ތުޙުމަތުތަކާ ގުޅިގެން އަސަރާއެކު ރައްދު ދެއްވާފައެވެ. އެގޮތުން ނުވަ މީހަކު މިނިވަން ކުރުމަށް އަމުރުކޮށް އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނީ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ކޯޓުން ކޮށްފައިވާ ޙުކުމްތަކާމެދު ކަންބޮޑުވެ އިންސާފާ މެދު ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދަމުންދާތީ ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ. އަދި ހުކުމްތަކާ ގުޅިގެން ކޮންމެ ދުވަހަކު އެތައް ސިޓީއެއް ސުޕްރީމް ކޯޓަށް ލިބެމުންދާތީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އެކަމާމެދު މަޝްވަރާ ކުރުމަށް މަޖިލީހެއް ބާއްވައި، ހައްލެއް ގެނެވޭނެ ގޮތަކާމެދު މަޝްވަރާ ކުރެވުނު ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ. އަދި އެއަށްފަހު ފަނޑިޔާރުންނަށް ނިންމުނީ ރައްޔިތުންނަށް ގަބޫލު ކުރެވޭނެ ގޮތައް އިންސާފުވެރި ޝަރީއަތްތަކެއް ހިންގުމަށްޓަކައި ފުރުސަތު ލިބޭނެ ގޮތަށް ނުވަ ބޭފުޅަކު ދޫކޮށްލަން އަމުރު ކުރުމަށް ކަމަށެވެ.
ރާއްޖޭގެ ކޯޓުތަކުން ނެރުނު އަމުރުތަކާ ގުޅިގެން ވަކި ވަކި ފަނޑިޔާރުންނާއި ގުޅޭ ގޮތުން އެތައް ސިޓީއެއް އައިސްފައިހުރިއިރު ބޭރު ދުނިޔެއިންވެސް ގޮވަމުން ދިޔައީ ބޭ އިންސާފު ޝަރީއަތުގެ ވާހަކަކަން ފާހަގަ ކުރައްވައި އަލީ ހަމީދު ވިދާޅުވީ، އެ ސަބަބައްޓަކައި އަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން އެކެއް ފެބްރުއަރީގައި އަމުރު ނެރުނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް ތުޙުމަތުކުރާ ކަންތައްތަކެއް ކޮށްގެން ނޫން ކަމަށާއި ރައްޔިތުންނަށާއި ދައުލަތައް ގެއްލުން ދިނުމުގެ ބޭނުމުގައި އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި އެ ދައްކާ ވާހަކަތައް މާތްﷲ ދެނެވޮޑިގެންވާނެ ކަމަށް ވިދާޅުވެ އަސަރަކާއެކު ކަން ހިނގިގޮތް ވިދާޅުވެ ދެއްވިއެވެ.
އެ ވާހަކަތައްފަހު ގާޒީ ވިދާޅުވީ އެ ވާހަކަތައް ޝަރީއަތުން އަހައިފި ކަމަށާއި އެކަން ސާބިތުވެގެންދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކި ގަރީނާތަކަށްފަހު ކަމަށެވެ. މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ 32 ހެއްކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި 16 މީހަކު ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅާފައިވާއިރު ހަތަރު ލިޔުމެއްވެސް ސިއްރު ލިޔުންގެ ގޮތުގައި ކޯޓަށް ހުށަހަޅާފައިވެއެވެ.