އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ހޯމަ ދުވަހު ހުކުމް ކުރާނެ ކަމަށް ބެލެވިއްޖެއެވެ.
ހޯމަ ދުވަހު އޮތީ އެ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމެވެ. ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ހުލާސާ ބަޔާން އިއްވުމަށްފަހު، ހުކުމް ކުރާނެ ކަމަށް ބެލެވޭ ކަމަށް އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުންގެ ޓީމުން ވެސް ވަނީ ބުނެފައެވެ.
ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވެއްޖެނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެ ދައުވާއަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައިފިނަމަ އުއްތަމަފަނޑިޔާރުގެ މަގާމު ގެއްލޭނެއެވެ.
ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އުއްތަމަފަނޑިޔާރުގެ މައްޗަށް އުފުލާފައި ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ފޮނުވާ ލިޔުންތައް ނުލިބޭ ގޮތަށް، އެ ކޯޓުގެ ގަވަމެންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް މެދުކެނޑާލަން އެންގެވި ކަމަށް ބުނެއެވެ. އެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހަތަރު ހެއްކެއް ހުށަހެޅިއެވެ. ނަމަވެސް އުއްތަމަފަނޑިޔާރާ ދެކޮޅަށް ހެކިބަސް ދީފައި ވަނީ އެންމެ މީހަކެވެ. އަޑު ބަދަލުކޮށްގެން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، އުއްތަފަނޑިޔާރާ ދެކޮޅަށް ސިއްރުން ހެކިބަސް ދިނީ ސުޕްރީމް ކޯޓުގެ މުވައްޒަފެކެވެ.
އާދީއްތަ ދުވަހު ބޭއްވި އެ މައްސަލާގެ އަޑުއެހުމުގައި ދިފާއީ ހެކީގެ ގޮތުގައި ފަސް މީހެއްގެ ހެކިބަސް އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ހުށަހެޅުއްވިއެވެ. ނަމަވެސް ދިފާއީ ހެކީގެ ގޮތުގައި ޝަރީއަތަށް ހެކިބަސް ނަގާފައި ވަނީ އެންމެ މީހެއްގެއެވެ.