އެމެރިކާގެ ހަވާއީގައި އަލިފާން ފަރުބަދައެއް ގޮވުމާއެކު އެ ސްޓޭޓަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ހަވާއީގެ އެންމެ ބޮޑު ރަށް ކަމަށްވާ "ދަ އައިލެންޑް އޮފް ހަވާއީ" އަށް އައި ބިނެހުލަމީ 6.9 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމެއް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވެއެވެ. މި ބިންހެލުމަކީ 1975 ވަނަ އަހަރުގެ ފަހުން އެ ސްޓޭޓަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވަނީ ބުނެފައެވެ. މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރެއް ދީފައިނުވާއިރު އެ ރަށުގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓް ކެނޑިފައެވެ.
މި ބިންހެލުން އައިސްފައިވަނީ ހަވާއީގައި ހުންނަ "ކިލާއޫ" އަލިފާން ފަރުބަދަ ގޮވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. މި އަލިފާން ފަރުބަދަ ގޮވުމާއެކު ޖައްވުގެ ތެރެއަށް 100 ފޫޓާއި ހަމައަށް ލާވާ އަރައިގެން ދިޔަ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެމެރިކާގެ ސިވިލް ޑިފެންސް އޭޖެންސީއިން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބަކަށް ބަދަލުވުމަށް އަންގާފައެވެ. ޖައްވުގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ސަލްފަރ ޑިއޮކްސައިޑް ހުރުމާއެކު އޭގެ އަސަރުކުރާ އެއްވެސް މީހަކަށް އެހީތެރިކަން ފޯރުކޮށް ނުދެވޭނެ ކަމަށް ވެސް ސިވިލް ޑިފެންސް އޭޖެންސީއިން ވަނީ ބުނެފައެވެ.
ހަވާއީގެ މޭޔަރުގެ ތަރުޖަމާނު ޖެނެޓް ސްނެއިޑާ ބުނެފައިވަނީ ނުރައްކާތެރި މިންވަރަކަށް ސަލްފާ ޑިއޮކްސައިޑް ހުރުމާއެކު ރައްކާތެރި ހިސާބަކަށް މީހުން ބަދަލުވުމުގައި ވެސް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. ފުރަތަމަ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ވެސް މިއީ ނުރައްކާތެރި ކަމެއް ކަމަށާއި ރައްކާތެރިކަމަށް ބޭނުންކުރާ އެކިއެކި ވަސީލަތްތަކާއެކު ވެސް އެމީހުންނަށް އެ ސަރަހައްދުތަކަށް ނުދެވޭނެ ކަމަށް ޖެނެޓް ބުނެފައިވެއެވެ. ގާތްގަނޑަކަށް 1700 މީހުން އެކި ސަރަހައްދުތަކަށް ބަދަލުވާން ޖެހޭ ކަމަށް ބެލެވެއެވެ.
"ކިލާއޫ" އަކީ ދުނިޔޭގެ އެންމެ އެކްޓިވް އަލިފާން ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ އަލިފާން ފަރުބަދައެކެވެ.