ރޮމޭނިއާގެ ލަވަކިޔުންތެރިޔާ ޔޫލިއާ ވަންތޫރާއި ސަލްމާން ޚާނާއި ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެން ނަމަވެސް، ދެމީހުންކުރެ މީހެއްގެ ފަރާތުން މިކަން ކަށަވަރުވެފައެއް ނުވެއެވެ.
ޔޫލިއާ އިންޑިޔާގައި އޭނާގެ ލަވަކިޔުމުގެ ހުނަރު ދައްކަމުން އަންނައިރު، އޮންސްޓޭޖްގެ ފުރަތަމަ ހުށަހެޅުމުގައި ސަލްމާން ޚާންގެ ލަވަތަކަށް ލޫލިއާ ނެށި ޚަބަރަކީ އަނެއްކާވެސް މި ދެ ފަންނާނުންގެ ނަން ގުޅިގެން ދިޔަ ޚަބަރަކަށެވެ.
އިންޑިޔާގައި އޮތް އެވޯޑް ދިނުމުގެ ހަފްލާއެއްގައި ލޫލިއާ ސަލްމާން ޚާންގެ ފާހަގަކޮށްލެވޭ ލަވަތަކަށް ހުށަހެޅުންތައް ހުށަހަޅައިދީފައި ވާއިރު، މި ދެ ފަންނާނުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް އަނެއްކާ ވެސް މިވަނީ އިތުރު ބާރެއް ލިބިފައެވެ. ސަލްމާނަކީ ހަމައެކަނި ގާތް ރަޙުމަތްތެރިއެއް ކަމަށް ޔޫލިއާ ބުނި ނަމަވެސް، ސަލްމާން ބައިވެރިވާ ހުރިހާ ހަފްލާތަކަކާއި ޕާޓީތަކެއްގައި ގާތުގައި ޔޫލިއާ ހުންނަ ކަމީ އެއީ އިއްތިފާޤެއް ނުވަތަ ގާތް ރަޙުމަތްތެރިއެއްގެ ހައިސިއްޔަތުން ބައިވެރިވާ ބައިވެރިވުމެއް ކަމާމެދު އެތައް ބަޔަކު ސުވާލު އުފައްދައެވެ. ސަލްމާންގެ ޚާންދާނުގެ ބައެއް ޙަފްލާތަކާއި، ރަޙުމަތްތެރިންގެ ކައިވެނި ޙަފްލާތަކަށްވެސް ޔޫލިއާއާއި ސަލްމާން އެކީގައި ދާ މަންޒަރު ނޫސްވެރިންގެ ކެމެރާތަކަށްވެސް ވަނީ އަރާފައެވެ. ވަކިން ޚާއްޞަކޮށް ސަލްމާންގެ މަންމައާއި ދައްތައާ އެކު އެއާޕޯޓުން ޔޫލިއާ ފެނުމާއެކު އެވާހަކަތައް ވަނީ ހަލުވިކަމާއެކު ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އަރާފައެވެ.
ބޮލީވުޑްގައި ފައިތިލަ ސާބިތުކުރުމަށް މަސައްކަތްކުރަމުން އަންނަ ޔޫލިއާ ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ އިވެންޓްތަކުގައި އަންނަނީ ބައިވެރިވަމުންނެވެ. އެހެންނަމަވެސް، އޭނާގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓް ޚާއްޞަ ވެގެން ދިޔަ މައިގަނޑު ސަބަބަކީ ދާދިފަހުން އޮތް ސްޓާރޑަސްޓް އެވޯޑް ޙަފްލާގައި ސަލްމާންގެ ލަވަތައް އެކުލެވޭ ޕްލޭލިސްޓަކަށް ޕާފޯމް ކުރުމާއި ގުޅިގެންނެވެ. ޙަފްލާއަށް ދިރުން ގެނެސްދިން އެ ހުށަހެޅުންތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ސަލްމާނާއި ޔޫލިއާގެ ގުޅުން ކިތައްމެ ސިއްރު ކުރަން މަސައްކަތްކުރިޔަސް އެކަން ބޭޒާރުވަމުން އަންނަ ކަމަށް ބުނެފައެވެ.
ޔޫލިއާ ވަނީ ދާދިފަހުން މަޝްހޫރު މިއުޒީޝަން ހިމޭޝް ރޭޝައްމިޔާގެ އާ އަލްބަމް "އާޕްސޭ މޯސީޤީ" އަށް ލަވައެއް ރިކޯޑް ކޮށްފައެވެ.