އިސްރާއީލުގެ އަޅުވެތި ކަމުން ފަލަސްތީނު މިނިވަން ކުރުމަށް މަސައްކަތް ކުރަމުންދާ ޖަމާއަތެއް ކަމަށްވާ ފަލަސްތީނުގެ "ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)" ގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާމަނަކަށް، ފަލަސްތީނުގެ ލީޑަރު މަހްމޫދު އައްބާސް ހޮވިވަޑައިގެންފިއެވެ.
މަހްމޫދު އައްބާސް ޕީއެލްއޯގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވީ ޕީއެލްއޯގެ ނެޝަނަލް ކައުންސިލުން ހުޅަނގު އައްސޭރީގެ ރާމަﷲ ގައި ބޭއްވި ހަތަރު ދުވަހުގެ ބައްދަލުވުމަކަށްފަހުގައެވެ. ޕީއެލްއޯގެ އެންމެ އިސް ބޮޑީ އަކީ އެ ޖަމާއަތުގެ އެގްޒެކެޓިވް ބޮޑީ ކަމަށްވާއިރު، އެ ބޮޑީ ހޮވަނީ ޕީއެލްއޯގެ ނެޝެނަލް ކައުންސިލުންނެވެ.
ޕީއެލްއޯގެ ނެޝެނަލް ކައުންސިލުގެ ބައްދަލުވުމަކަށް މަހްމޫދު އައްބާސް ގޮވާލެއްވީ، އިސްރާއީލުގެ ވެރިރަށަކީ ޖެރޫސަލަމް ކަމަށް އެމެރިކާ އިން ގަބޫލުކުރާކަން، ރައީސް ޓްރަމްޕް އިއުލާންކުރެއްވުމާ ގުޅިގެންނާއި އަދި އެމެރިކާގެ އެމްބަސީ ޖެރޫސަލަމް އަށް ބަދަލުކުރާކަން އިއުލާން ކުރުމާ ގުޅިގެން އެކަމަށް ރައްދު ދޭނީ ކޮންގޮތަކަށް ކަމާމެދު އުސޫލުތަކެއް އެކުކަވާލުމަށެވެ.
ޕީއެލްއޯގެ ނެޝަނަލް ކައުންސިލުގެ ބައްދަލުވުމެއް ހޯމަ ދުވަހު ފެށިއިރު މިއީ 22 އަހަރުތެރޭ ބާއްވާ، އެ ކައުންސިލުގެ ފުރަތަމަ ބައްދަލުވުމެވެ.
ޕީއެލްއޯ ގެ އެގްޒެކެޓިވް ކޮމިޓީ ޗެއާމަންކަމުގެ މަގާމަކީ ވޯޓަކުން އިންތިޚާބު ކުރާ މަގާމެއް ނޫނެވެ. ޕީއެލްއޯ ގެ އެގްޒެކެޓިވް ކޮމިޓީ އަށް ޗެއާމަނަކު ހޮވަނީ ޕީއެލްއޯގެ އެކި ފެކްޝަންތަކާ މަޝްވަރާ ކުރުމަށްފަހުގައެވެ.
ޕީއެލްއޯގެ ނެޝަނަލް ކައުންސިލުގެ ބައްދަލުވުން، ހަމާސް އާއި އިސްލާމިކް ޖިހާދް ވަނީ ބޯއިކޮޓްކޮށްފައެވެ. އަދި ޕީއެލްއޯގެ ބައެއް ފެކްޝަންތަކުންވެސް ބޯއިކޮޓް ކުރިއެވެ.