ވިދާ، ގުގުރުމާއެކު ބާރުގަދަ ހިރަފުހުގެ ތޫފާންތަކެއް އިންޑިއާގެ އެކި ހިސާބުތަކަށް އެރުމާއިގުޅިގެން 116 މީހުން މަރުވެ، 250 ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
އިންޑިއާގެ އުތުރުގެ ހިސާބުތަކަށް އަނދިރިކަން ގެނައީ ގަޑިއިރަކު 130 ކިލޯމީޓަރުގެ ބާރުމިނުގައި ޖެހުނު ވަޔާއެކު އަވަސް ދުވެއްޔެއްގައި ދަތުރުކުރި ހިރަފުސް ވިލާތަކެކެވެ. އެ ތޫފާނުގެ ސަބަބުން އެތަކެއް ކުދި ގެތަކެއް ހަލާކުވެ ބައިވަރު މީހުން ޒަހަމްވުމުގެ އިތުރުން އެތައް ބަޔަކު މަރުވިއެވެ.
ރާޖަސްތާނު، ޕަންޖާބު އަދި އުއްތަރު ޕްރަދޭޝްގެ ސަރަހައްދުތަކުގައި ފާރު ،ގަސް އަދި ކަރަންޓު ދަނގަނޑު ފަދަ ތަކެތި ވެއްޓިފައިވީއިރު އޮފިޝަލުން ބުނަނީ އެހިސާބުތަކުގައި މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެކަމަށް ބެލެވޭކަމަށެވެ.
އިންޑިއާގެ ގިނަ ހިސާބުތަކަކަށް އަދިވެސް ދަނީ ބާރުވަޔާއިއެކު ބޯކޮށް ވާރޭ ވެހެމުންނެވެ.
މިފަދަ ތޫފާންތަކުގެ ސަބަބުން އިންޑިއާގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ އަދަދު މަދުނޫންކަމުގައިވިޔަސް މިފަހަރު ކުރިމަތިވަމުންދާ ތޫފާންތަކަކީ ފަހުގެ ގަރުނުތަކުގައި ދިމާވި ތޫފާންތަކާ އަޅާބަލާއިރު ދިމާވި އެންމެ ނުރައްކާތެރި އެއް ތޫފާނަށްވާނެއެވެ.
އިންޑިއާގެ ރާޖަސްތާނުގެ ރިސޯޓުގެ ވެރިޔާ ޝިވާމް ލޯހިއާ އެ މަންޒަރު ސިފަކޮށްދެމުން ބުނީ އޭނާގެ ކާރު ވަޔާ ހިންގާދާނެ ކަމުގެ ބިރު ހީވުމުން ކާރުން ފައިބައިގެން، ސަލާމަތްތެރިކަން ހޯދަން ދުވެފައި ދިޔަކަމަށެވެ. އޭނާ ބުނި ގޮތުގައި މިހާ ނުރައްކާތެރި ތޫފާނެއް ނުފެންނަތާ 25 އަހަރުވެއްޖެއެވެ. ބިރުވެރި ހުވަފެނެއްހެން އެމަންޒަރު ސިފަކުރަމުން އޭނާ ބުނީ އެންމެން އެވަގުތު މަގުމަތީގައި ދުވާތަން ފެންނަމުން ދިޔައިރު ވަށައިގެން ހުރި ގަސްތަކާ ގެތައް ވެއްޓޭތަން ފެނުނުކަމަށެވެ.
މިދިޔަ މަހު އުއްތަރު ޕްރަދޭޝްއަށް އެރި މިފަދަ ތޫފާނެއްގެ ސަބަބުން 15 މީހަކު މަރުވެ، ތާޖް މަހަލް ކައިރީގައި ހުރި ދެ މުންނާރު ހަލާކުވެފައިވެއެވެ.
އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހާ ހިސާބަށް އިންޑިއާގެ ގިނަ ހިސާބުތަކަކަށް އިތުރު ތޫފާންތަކެއް ކުރިމަތިވާނެކަމަށެވެ.
އަދި އިންޑިއާގެ ސަރުކާރުން ވަނީ ވީހާވެސް އަވަހަށް މަރުވި މީހުންގެ އާއިލާތަކަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައެވެ. ކޮންމެ އާއިލާއަކަށް ގާތްގަންޑަކަށް 6000 ޑޮލަރު ދޭގޮތަށް ހަމަޖެހިފައިވެއެވެ.