ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ދިރާގާ އުރީދޫގެ ނަންބަރުތަކުން އެއް ނެޓްވޯކުން އަނެއް ނެޓްވޯކަށް ގުޅުމުގައި ދިމާވި މައްސަލަ މިހާރު ކުރެވިފައިވާ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އުރީދޫ މޯލްޑިވްސް މީޑިއާ އޮފިޝަލް ވިދާޅުވީ އެއް ނެޓްވޯކުން އަނެއް ނެޓް ވޯކަށް ގުޅުމުގައި މައްސަލަތަކެއް ދިމާވީ ދެ ކުންފުނީގެ އިންޓާނެލަ ނެޓްވޯކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިރާގާއި އުރީދޫގެ ނެޓްވޯކަށް މިއަދު ހެނދުނު ދިމާވި މައްސަލައާ ގުޅިގެން އެއްނެޓްވޯކުން އަނެއް ނެޓްވޯކުގެ ނަންބަރުތަކަށް ގުޅޭ ގޮތް ވަނީ ނުވެފައެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދެ ކުންފުނިން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.