ވެރިކަމަށް ވަޑައިގަތުމަށްފަހު ޗައިނާގެ އިންވެސްޓަރުން ބޭރުކުރާނެކަމަށް ޒިމްބާބްވޭގެ އިދިކޮޅު ލީޑަރެއްކަމަށްވާ ނެލްސަން ޗަމީސާ ވިދާޅުވެއްޖެއެވެ.
މެއި ޑޭ ފާހަގަކުރުމަށް ޒިމްބާބްވޭގެ ވެރިރަށް ހަރާރޭގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޗަމީސާ ވިދާޅުވީ ޗައިނާގެ އިންވެސްޓަރުން އެޤައުމުގެ ޤުދުރަތީ ވަޞީލަތްތައް އެއްކޮށް ހުސްކުރަމުންދާކަށެވެ.
އުމުރުން 40 އަހަރުގެ ޗަމީސާވަނީ ފެބްރުއަރީ މަހު އިދިކޮޅު މޫވްމަންޓް ފޮރ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ)ގެ ލީޑަރުކަމާއި ހަވާލުވަޑައިގެންފައެވެ. އޭނާ އެމަޤާމާއި ހަވާލުވެވަޑައިގަތީ ކުރީގެ އިދިކޮޅު ލީޑަރު މޯގަން ސްވާންގިރާއީ ކެންސަރު ބަލީގައި ނިޔާވުމާއި ގުޅިގެންނެވެ. އެމްޑީސީގެ ލީޑަރޝިޕާއި ޗަމީސާ ހަވާލުވެވަޑައިގަތަސް، ކުރީގެ ނައިބު ރައީސް ތޮކޮޒާނީ ކޫޕޭގެ ފެކްޝަނުން އެމްޑީސީ ތެރެއިންވެސް އޭނާއަށް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
ޒިމްބާބްވޭގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ޖުލައި މަހުގައެވެ. މިއީ ދިގު މުއްދަތެއް ވަންދެން ވެރިކަން ކުރެއްވި ރޮބަރޓް މުގާބޭގެ ވެރިކަމަށްފަހު އެޤައުމުގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބެވެ. މި އިންތިޚާބުގައި ވެރިކަންކުރާ ޒާނޫ-ޕީއެފް ޕާޓީގެ ފަރާތުން މިހާރުގެ ރައީސް އެމަރސަން ނަންގަގްވާ އިންތިޚާބަށް ނިކުންނަވާނެއެވެ.
ނަންގަގްވާއަކީ މުގާބޭގެ ނައިބު ރައީސްކަން ކުރެއްވި، އޭނާގެ އަރިސް ބޭފުޅެކެވެ. އެހެން ނަމަވެސް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭއަށް ވެރިކަން ހޯއްދަވައިދެއްވުމަށް މަގު ފަހިކުރެއްވުމަށް ނިމިިދިޔަ އަހަރުގެ ފަހުކޮޅު މުގާބޭ ވަނީ ނަންގަގްވާ މަޤާމުން ދުރުކުރައްވާފައެވެ. އަދި އެކަން ވެގެން ދިޔައީ މުގާބޭ ވެރިކަމުގެ ނިމުމުގެ ފެށުމަށެވެ.
ޗައިނާގެ އިންވެސްޓަރުން ބޭރުކުރާނެކަމަށް އިދިކޮޅުން ބުނަމުންދާއިރު، ނަންގަގްވާ އަކީ 'އިރުމައްޗަށް އިސްކަންދޭ ސިިޔާސަތެއް' ގެންގުޅުއްވާ، ޗައިނާ އާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އަދި ޗައިނާއަކީ ޒިމްބާބްވޭއިން ހަތަރުވަނަޔަށް އެންމެ ގިނަ ވިޔަފާރީގެ ގުޅުންތައް ބާއްވާ ޤައުމެވެ. ޒިމްބާބްވޭ އަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެވެސް ބައިވެރިއެކެވެ. ޗައިނާއިން ވަނީ ޒިމްބާބްވޭގައި އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކޮށްފައެވެ.