އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވާނީ ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގައިވާ ހަތިޔާރު ގެންގުޅުން މަނާ ސަރަހައްދު ކަމަށްވާ ޑީއެމްޒީގައި ކަމަށް މަސްދަރުތަކާއި ހަވާލާދީ ސީއެންއެން އިން ބުނެފިއެވެ.
ޑީއެމްޒީގައި ދެބޭފުޅުން ބައްދަލުކުރެއްވުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް އަށް ބާރު އެޅުއްވީ މިދިޔަ ހުކުރު ދުވަހު ހަމަ އެސަރަހައްދުގައި، ޑީއެމްޒީގެ ކޮރެއާ ފަޅީގައި ޕަންމުންޖޮމްގައި ކިމް އާއި ބައްދަލުކުރެއްވި ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ-އިން އެވެ.
ޓްރަމްޕް އާއި ކިމް ވަރަށް އަވަހަށް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގެ ބައެއް ބައިތައް އުތުރު ކޮރެއާގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސީއެންއެން އާއި މައުލޫމާތު ހިއްސާކުރި މަސްދަރުން ބުނެއެވެ. ޑީއެމްޒީއަކީ އެކަހެރިކޮށް އޮތް އުތުރު ކޮރެއާގެ ލީޑަރަށް އެންމެ ފަސޭހައިން މަޝްވަރާތަކަށް ވަޑައިގެންނެވޭނެތަންކަމާއި، އަދި މީޑިއާގެ ފަރާތްތަކަށް ވެސް އެންމެ ފަސޭހައިން އެ ބައްދަލުވުމެއްގެ މައުލޫމާތު ގެެނެސްދޭވެނެ ސަރަހައްދުކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.
ދެކުނު ކޮރެއާއިން ވަނީ ޑީއެމްޒީގައި އެމެރިކާ އާއި އުތުރު ކޮރެއާގެ ބައްދަލުވުން ބޭއްވުމަށް ތާޢިދުކޮށްފައެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ މަސްދަރުތަކުން ބުނާ ގޮތުގައި މިދިޔަ ހުކުރު ދުވަހު ދެ ކޮރެއާގެ ވެރިން ކުރިއަށްގެންދިޔަ ބައްދަލުވުމަށް ލިބުނު މީޑިއާ ސަމާލުކަމާއި، ޓީވީއިން އެމަންޒަރުތައް ވަގުތުން ދުރަށް ދެއްކުން ވެގެން ދިޔައީ ޓްރަމްޕް ވަރަށް ހިތްޕުޅާވި ކަމަކަށެވެ. އަދި ދެ ކޮރެއާގެ ވެރިން ސަރަަހައްދީ އިމުގެ މަތީގައި ތިއްބަވައިގެން ސަލާމް ކުރެއްވި ގޮތަށް އެކަން ކުރައްވަން ޓްރަމްޕް ބޭނުންފުޅުވެއެވެެ. އަދި މިއީ އެމެރިކާގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު އުތުރު ކޮރެއާގެ ލީޑަރާއި ބައްދަލުކުރައްވާނެ ފުރަތަމަ ފަހަރުކަމުން، އެމަންޒަރުތައް ޓީވީތަކުން ރަނގަޅަށް ދައްކަން ޓްރަމްޕް ބޭނުންފުޅުވެއެވެ. ހަމައެއާއިއެކު، މަޝްވަރާތައް އެމަނިކުފާނު ބޭނުންފުޅު ގޮތަށް ކުރިއަށް ނުދާނަމަ، މަޝްވަރާތަކުން ތެދުވެވަޑައިގެން ޓްރަމްޕް ނިކުމެވަޑައިގަންނަވާ މަންޒަރު ވެސް ވަގުތުން ޓީވީތަކުން ދެއްކުމަށް އެމަނިކުފާނު ބޭނުންފުޅުވެއެވެ.
ޑީއެމްޒީގައި މަޝްވަރާތައް ބޭއްވުމަށް އުތުރު ކޮރެއާއިން އެއްބަސްވާ ކަމަށް ރިޕޯޓްތައް ބުނިނަމަވެސް، އެމެރިކާގެ އިސް ޑިޕްލޮމެޓުން އަދިވެސް ގެންދަވަނީ މި މަޝްވަރާތައް ސިންގަޕޫރުގައި ބޭއްވޭތޯ މަސައްކަތްކުރަމުންނެވެ. ސިންގަޕޫރަކީ އެމެރިކާގެވެސް ގާތް ބައިވެރިއަކަށް ވެފައި، އުތުރު ކޮރެއާއާއި ސިޔާސީ ގުޅުން ބާއްވާ ޤައުމަކަށްވުމުން، އެޤައުމު ވެގެންދާނީ މި މަޝްވަރާތަކަށް އެންމެ އެކަށީގެންވާ އެއް ޤައުމަށެވެ. ސަބަބަކީ ޓްރަމްޕް އާއި ކިމްވެސް ދަތުރުކޮށްފައި އެޤައުމަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާތީއެވެ.
ސިންގަޕޫރަކީ މިފަދަ އެހެން ބައްދަލުވުންތައްވެސް ބޭއްވި ޤައުމެކެވެ. އެގޮތުން ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގް 2015 ވަނަ އަހަރު ޓައިވާނުގެ އޭރުގެ ރައީސް މާ ޔިންޖިއު އާއި ބައްދަލުކުރެއްވީވެސް ސިންގަޕޫރުގައެވެ. އެއީ ޗައިނާއިން ވަކިވެ، ޓައިވާނުން 1949 ވަނަ އަހަރު މިނިވަންކަން އިއުލާންކުރި ފަހުން، ދެޤައުމުގެ ވެރިން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
އެހެން ނަމަވެސް ސިންގަޕޫރުގައި ބައްދަލުވުން ބާއްވާނަމަ ކިމް އަށް ބައްދަލުވުމަށް ވަޑައިގަތުމަށް ދަތިފުޅުވާނެއެވެ. ސަބަބަކީ އުތުރު ކޮރެއާގެ މަތިންދާބޯޓުތަކުގެ ޙާލަތު ދަށްކަމުން ކިމްއަށް އެމަތިންދާބޯޓުތަކުގައި ސިންގަޕޫރަށް ވަޑައިގަތުމަކީ މުސްތަހީލުކަމެކެވެ.
ބައްދަލުވުން ބާއްވާނެ އެހެން ތަނެއްގެ ގޮތުގައި ދެން އޮތީ އުތުރު ކޮރެއާގެ އުތުރުން އޮންނަ މޮންގޯލިއާގެ ވެރިރަށް އުލާންބާތަރެވެ. އުލާންބާތަރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްދަލުކުރެއްވުމަށް މޮންގޯލިއާއިން ވަނީ ދައުވަތު ދީފައެވެ. މަތިންދާބޯޓުގައި ވަޑައިގަތުމުގެ ބަދަލުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް އަށް އޭނާގެ ބައްޕާފުޅު އަދި އުތުރު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮން އިލް ދަތުރުކުރެއްވުމަށް ބޭނުންކުރެއްވި ރޭލު ބޭނުން ކުރައްވައިގެން އުލާންބާތަރަށް ވަޑައިގެންނެވޭނެއެވެ. އެހެން ނަމަވެސް އުލާންބާތަރަށް ވަޑައިގަތުމަށް ޑޮނަލްޑް ޓްރަމްޕް ވަރަށް ދިގު ދަތުރުފުޅެއް ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
އެމެރިކާގެ ވެރިރަށް ވޮޝިންޓަނާއި، އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގް އަދި ޗައިނާގެ ވެރިރަށް ބެއިޖިންގ ގައިވެސް ބައްދަލުވުން ބޭއްވުމަށް ހުށަހެޅުނެވެ. އެހެން ނަމަވެސް މިއިން ކޮންމެ ރަށަކީވެސް ވަކި ފަރާތަކަށް ބުރަވާނެ ރަށަކަށް ވާތީ، މިއިން ރަށެއްގައި ބައްދަލުވުން ނުބާއްވާނެއެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް އާއި އެމެރިކާގެ ރައީސް ޓްރަމްޕް ބައްދަލުކުރައްވާނެ ސީދާ ތާރީޚް އަދި އިއުލާން ނުކުރި ނަމަވެސް، މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ބައްދަލުވުން ބާއްވާނެކަމަށް ބެލެވެއެވެ.