ކ. މާލެ
|
3 މެއި 2018 | ބުރާސްފަތި 08:27
މަތިންދާބޯޓު ވެއްޓުނު ސަރަހައްދުގެ މަގުތައް ބަންދުކޮށްފައި
މަތިންދާބޯޓު ވެއްޓުނު ސަރަހައްދުގެ މަގުތައް ބަންދުކޮށްފައި
ސީ.އެން.އެން
މަތިންދާބޯޓު ވެއްޓުން
އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ
5 މީހަކު ވަނީ މަރުވެފައި

އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި، 5 މީހުން މަރުވެއްޖެއެވެ.

އެމެރިކާގެ ދެކުނުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ޖޯޖިއާގެ ސަވާނާގެ އެއަރޕޯޓް ކައިރިއަށް ވެއްޓިފައިވަނީ އެއަރ ނޭޝަނަލް ގާޑްގެ މަތިންދާބޯޓެކެވެ. ޖޯޖިއާ އެއަރ ނޭޝަނަލް ގާޑުން ބުނީ ވެއްޓިފައިވާ މަތިންދާބޯޓަކީ ޕުއަޓޮރިކޯ އެއަރ ނޭޝަނަލް ގާޑުގެ ކާގޯ މަތިންދާބޯޓެއް ކަމަށާއި، މަތިންދާބޯޓު ވެއްޓުނީ އަސްކަރީ ތަމްރީނުތަކެއްގައި އުދުހެނިކޮށް ކަމަށެވެ. 

މަތިންދާބޯޓު ވެއްޓިފައިވާ މަންޒަރާއި، ބޯ ކަޅު ދުން އަރަމުން ދިޔަ މަންޒަރުތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. މަތިންދާބޯޓު ވެއްޓުނީ ހައިވޭ އަށް ކައިރިއަށް ނަމަވެސް، ބިންމަތީގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއްވިކަމެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ. ބިންމަތީގައި ތިބި ބަޔަކަށް އަނިޔާނުވީ މަތިންދާބޯޓު ދުއްވަން އިން ޕައިލެޓްގެ ހުށިޔާރުކަމުން ކަމަށް ބައެއް ނޫސްތަކުގައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަތިންދާބޯޓު ވެއްޓުމުން ޓްވިޓަރ މެދުވެރިކޮށް ހިތާމަފާޅުކުރައްވައި، މަރުވި މީހުންގެ އާއިލާތަކަށް ހިތްވަރު ދެއްވާފައެވެ. 

އެމެރިކާގެ އެއަރފޯސް އާއި ހަވާލާދީ އެޤައުމުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވެއްޓުނު މަތިންދާބޯޓަކީ މޫސުމާއި ބެހޭ މައުލޫމާތު އެއްކުރުމުގައި ބޭނުންކުރާ މަތިންދާބޯޓެކެވެ. އަދި މަތިންދާބޯޓު ވެއްޓިފައިވަނީ އެރިޒޯނާއަށް ދަތުރުކުރަމުން ދަނިކޮށެވެ. 

ވެއްޓުނު މަތިންދާބޯޓަކީ ޑަބްލިޔު ސީ - 130 މަރުކާގެ ކާގޯ މަތިންދާބޯޓެކެވެ. މިމަރުކާގެ މަތިންދާބޯޓުތަކުގައި އަބަދުވެސް 5 ފަޅުވެރިންގެ ޓީމެއް ދަތުރުކުރެއެވެ. 5 ފަޅުވެރިންގެ އިތުރުން ވެސް 4 މީހަކު މަތިންދާބޯޓުގައި ދަތުރުކުރިކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. 

މަތިންދާބޯޓުން ދަތުރުކުރި މީހުންނާއި މަރުވި މީހުންގެ މާބޮޑު ތަފްޞީލެއް އެމެރިކާގެ އެއަރފޯސްއިން ވެސް އަދި އެރިޒޯނާ އެއަރ ނޭޝަނަލް ގާޑާއި، ޕުއަޓޮރިކޯ އެއަރ ނޭޝަނަލް ގާޑުންވެސް ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް