އެމެރިކާއިން ކިއުބާގެ ގުއަންޓަނާމޯ ބޭ ގައި ހިންގާ އަސްކަރީ ޖަލުގައި ބަންދު ކޮށްފައިވާ ސަޢޫދީގެ ރައްޔިތެއް ކަމަށްވާ އަޙްމަދު އަލްދަރްބީ ސަޢޫދީއާއި ޙަވާލު ކޮށްފިއެވެ.
އަލްދަރްބީއަކީ 2002 ވަނަ އަހަރު ޔަމަނު ކަނޑުން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް ބޮމުގެ ހަމަލާއެއް ދިންކަމަށް 2014 ވަނަ އަހަރު އިއުތިރާފް ވެފައިވާ ކުށްވެރިއެކެވެ. މިކަން ހާމަކޮށްފައިވަނީ ބުދަ ދުވަހު އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން ނެރުނު ބަޔާނެއްގައެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެރިކަމަށް ވަޑައިގަތް ފަހުން ގުއަންޓަނާމޯ ޖަލުން ދޫކޮށްލި ފުރަތަމަ ޤައިދީއެވެ.
ކިއުބާގެ ގުއަންޓަނާމޯ ބޭ ގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒުގައި ހުންނަ މި ޖަލަކީ ބޮޑެތި ޓެރަރިސްޓުން ބަންދުކުރުމަށް އެމެރިކާއިން ޤާއިމް ކުރި ޖަލެކެވެ. 2001 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކްގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރަށް ހަމަލާދިނުމާއި ގުޅިގެން އެމެރިކާއިން ފެށި ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ހައްޔަރުކުރި ގިނަ ބަޔަކު ބަންދުކޮށްފައި ވަނީ މިޖަލުގައެވެ.
ގުއަންޓަނާމޯ ބޭ ޖަލު ބަންދުކުރުމަށް އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ގިނަ ޖަމްއިއްޔާތަކަކުން ދަނީ ގޮވާލަމުންނެވެ. މިޖަލަކީ އިންސާނީ ހައްޤުތަކަށް އަރައިގަތުމަށާއި، ޤައިދީންނަށް އަނިޔާކުރުމުގައި މަޝްހޫރު ޖަލެކެވެ. ޖަލު ބަންދުކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ މަސައްކަތްޕުޅު ކުރެއްވިއެވެ. އެހެން ނަމަވެސް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ އެޖަލު ހިންގުމަށް ތާޢީދުކުރައްވާ ބޭފުޅެކެވެ. ޓްރަމްޕް ވަނީ ގުއަންޓަނާމޯ ބޭ އަށް އަދިވެސް ޤައިދީން ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ބުދަ ދުވަހު، ގުއަންޓަނާމޯ ބޭ އާއި ބެހޭ ސިޔާސަތުތަކެއް ކަނޑައަޅައި، އެމެރިކާގެ ދިފާޢީ ވަޒީރު ޖޭމްސް މެޓިސް ވަނީ ރައީސް ޓްރަމްޕްއަށް އަރުވާފައެވެ. އެހެން ނަަމަވެސް ޕެންޓަގަން އިން އޭގެ ތަފްޞީލް ހާމަކޮށްފައެއް ނުވެއެވެ.
ގުއަންޓަނާމޯ ޖަލުގައި ސަޢޫދީގެ ރައްޔިތަކު އަނބުރާ ޤައުމަށް ފޮނުވާލިއިރު، ސަޢޫދީ އާއި އެމެރިކާއާއި އެކު މިހާރު ގާތް ގުޅުމެއް އޮވެއެވެ. ޚާއްސަކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ސަޢޫދީގެ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން އާއި ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެއެވެ.