އެމެރިކާގެ ޓުވިންޓަވަރަށް ދިން ހަމަލާގައި، ގެއްލުން ލިބުނު މީހުންނަށް ހަ ބިލިއަނަށް ވުރެ ގިނަ ޑޮލަރު ދިނުމަށް އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު އިއްވި ހުކުމުގައި ޓުވިންޓަވަރަށް ދިން ހަމަލާގައި މަރުވި 1000 އަށް ވުރެ ގިނަ މީހުންގެ ޒިންމާ ނަގަން އީރާނާއި، އީރާނުގެ ސިފައިންގެ ގޮތްޕެއް ކަމަށްވާ، 'އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް' ގެ އިތުރުން އީރާނުގެ ސެންޓްރަލް ބޭންކުން ޖެހޭނެ ކަމަށް ހުކުމުގައި ވަނީ ނިންމާފައެވެ.
އީރާނުން ދެއްކުމަށް އަންގައިފައިވާ ފައިސާ ހަ ބިލިއަނަށް އަރާ ގޮތް ކޯޓުން ވަނީ ހާމަކޮށްފައެވެ. ހަމަލާގައި ގެއްލުން ލިބުނު ކޮންމެ މީހެއްގެ ހަޔާތުގެ ބައިވެރިއާއަށް 12.5 މިލިއަން ޑޮލަރު، ކޮންމެ ބެލެނިވެރިއަކަށް 8.5 މިލިއަންޑޮލަރު، ކޮންމެ ދަރިއަކަށް 8.5 މިލިއަން ޑޮލަރު އަދި އެއްބަނޑު އެއްބަފާ ކޮންމެ ކުއްޖަކަށް 4.25 މިލިއަން ޑޮލަރެވެ.
އޭގެ އިތުރުން ސެޕްޓެމްބަރ 11، 2001 ވަނަ އަހަރުން ފެށިގެން ކޯޓުގެ ހުކުމް އިއްވި ތާރީޚާ ހަމައަށް ކޮންމެ އަހަރަކު ވެސް %4.96 ރިބާ ހުކުމް ކުރި ފައިސާގެ ތެރެއަށް ވަންނާނެ ކަމަށް ވަނީ ނިންމައިފައެވެ.
ހުކުމް މިގޮތަށް ކުރިއިރު އީރާނުން ކޯޓުގައި ދިފާއުވެ ވާހަކަ ދައްކާފަ ވެސް ނުވެއެވެ.
ހުކުމް އިއްވި ގާޒީ މީގެ ކުރިން، 2011 ވަނަ އަހަރުއާއި 2016 ވަނަ އަހަރުވެސް ވަނީ މިކަހަލަ ހުކުމް ތަކެއް އިއްވާފައެވެ. އީރާނުން އެތަކެއް ބިލިއަން ޑޮލަރެއް ޓުވިން ޓަވަރުގެ ހަމަލާގައި ގެއްލުންވި ފަރާތްތަކަށް ދޭންޖެހޭނެ ކަމަށް އޭރު ވެސް ވަނީ ބުނެފައެވެ.
އެހެންނަމަވެސް އީރާނުން މިކަމަކަށް އެއްވެސް ބަހެއް ނުބުނެއެވެ.