މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދިވެހި ދައުލަތުގައި ކަމަށް ޕަބްލިކް ސާވިސް މީޑިއާ(ޕީއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުލްލަތީފް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ދީނީ ޓީވީ "މުންނާރު" އިފްތިތާހު ކުރުމަށް ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައ ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވީ ކޭބަލް ޓީވީ އާއި މައުލޫމާތު ފެތުރުމުގައި ދިވެހި ދައުލަތުގެ ފުރިހަމަ ބާރާއި އިހުތިޔާރު، ކޮންޓްރޯލް އޮންނަންޖެހޭ ކަމަށެވެ. އަދި އެއީ ދުނިޔޭގެ ކޮންމެ ހުރިހާ ގައުމެއްގައި ވެސް އެކަން އޮންނަ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އިކްރާމް ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ދައުރު ފަނޑުކޮށްލެވޭނެ ފަދަ މަސައްކަތްތަކެއް ބައެއް ބޮޑެތި ކުންފުނިތަކުން ކުރަމުންދާ ކަމަށާއި އެކަމާ މެދު ވިސްނަންޖެހޭ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްއާއި ޗެނަލް13 ގެ އިތުރުން އަވަސް ނޫހުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ ބޮޑެތި ކުންފުނިތަކުން ވިޔަފާރި އުސޫލަށް މީޑިއާތައް ހިންގުމުގެ ތެރެއަށް ވަންނަން ފަށާފައިވާ ކަމަށެވެ.
މަނިކު ވިދާޅުވީ ބޮޑެތި ކުންފުނިތަކުން މީޑިއާތައް ހިންގުމުގެ ތެރެއަށް ވަނުމަކީ ނުރައްކާތެރިކަމެއް ކަމަށާއި އެކަމުގެ ސަބަބުން މީޑިއާތައް ބަލިކަށިވެގެން ހިނގައިދާނެ ކަމަށެވެ. އަދި އެ ކަމެއް ފަށައިގެން އުޅެނީ ގާނޫނުގެ ކޮން ފޮޅުވަތަކުން ކޮން އަކުރަކުން ކޮން ފިއްޔަކުން ބާރު ލިބިގެން ކަމެއް ނޭނގޭ ކަމަށް ވިދާޅުވެ މަނިކު ވަނީ ސިޔާސަތު ބައްޓަން ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ގޮވާލައްވާފަ އެވެ.
މަނިކު ވިދާޅުވީ މިހާރު އޮތް ގާނޫނުގެ ތެރެއިންވެސް އެ ކަމަށް ހައްލު ހޯދޭނެ ކަމަށެވެ. އަދި ކަމާބެހޭ މުއައްސަސާއިން އެ ކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.