އަފްޣާނިސްތާނު އިރުމަރީގައި އޮންނަ ޚޯސްޓް ޕްރޮވިންއަށް ދިން ހަމަލާއެއްގައި ބީބީސީގެ ރިޕޯޓަރަކު މަރުވެއްޖެއެވެ.
އެ ޕްރޮވިންސްއަށް ލިބުނު ހަމަލާތަކުގައި ގާތްގަނޑަކަށް 40 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ޖަރނަލިސްޓުން ވެސް ހިމެނޭ ކަމަށް ބީބީސީ އިން ރިޕޯޓް ކޮށްފައިވެއެވެ.
އަހްމަދު ޝާހް، 29، ވަނީ އަފްޣާނުގެ ބީބީސީ ގޮފީގައި މަސައްކަތް ކުރާތާ އަހަރަކަށްވުރެން ގިނަ ދުވަސްވެފައެވެ.
ބީބީސީގެ ދުނިޔޭގެ ޚިދުމަތްތަކާ ބެހޭ ޑިރެކްޓަރ ޖޭމީ އެންގަސް ނެރުނު ސްޓޭޓްމެންޓެއްގައި ވިދާޅުވީ ޝާހަކީ އެންމެންގެ ތެރޭގައި މަގުބޫލް އަދި އިހްތިރާމް ލިބިފައި ޖާރނަލިސްޓެއް ކަމަށެވެ.
"މިއީ ވަރަށް ބޮޑު ހިތާމައެއް. އަޅުގަނޑުގެ ތައުޒިޔާ ހިތުގެ ފުންމިނުން އަހުމަދު ޝާހްގެ އާއިލާ އަށާއި ރައްޓެހިން، އަދި ބީބީސީގެ އަފްޣާން ގޮފީގެ މީހުންނަށް އަރިސް ކުރަން" ޖޭމީ އެންގަސް ވިދާޅުވިއެވެ. "މި ދަތި ދަނޑިވަޅުގައި އާއިލާއަށް ކޮށްދެވޭނެ ހުރިހާ ކަމެއް އަޅުގަނޑުމެން މިދަނީ ކުރަމުން"
ބީބީސީ އަށް މައުލޫމާތު ދެމުން ޚޯސްޓްގެ ޗީފް ޕޮލިސް އޮފިސަރ ވިދާޅުވީ ޝާހް ގަޔަށް ބަޑި ޖަހާފައިވާ މީހާއަކީ ކާކުކަން ނޭނގުނު ނަމަވެސް އެހަމަލާގެ ފަހަތުގައިވާ ސަބަބު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބީބީސީއަށް މައުލޫމާތު ދެމުން އާންމުން ބުނެފައި ވަނީ ޝާހް ގަޔަށް ބަޑިޖަހާފައި ވަނީ ބައިސްކަލުން ދަނިކޮށް ކަމަށާއި މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ.
އަފްޣާނިސްތާނުގެ ސިވިލް ހަނގުރާމަ 1990 ވަނަ އަހަރުތަކުގައި ފެށި ފަހުން ޝާހަކީ އަފްޣާނިސްތާނުގައި ފަސްވަނައަށް މަރުވި ބީބީސީގެ މުވައްޒެފެވެ.