އެމެރިކާއިން މަސައްކަތް ކުރަނީ މުސްލިމުން މުސްލިމުންނާ ޖައްސާ، މެދު އިރުމައީގައި އިތުރު 'ސަރަހައްދީ ކާރިސާ'ތައް އުފެއްދުމަށް ކަމަށް އިރާންގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ ތުހުމަތު ކުރައްވައިފިއެވެ.
ޚާމަނާއީ މިހެން ވިދާޅުވެފައި މިވަނީ، އެމެރިކާގެ ނިއު ޔޯކްގެ ގިނަ ޔަހޫދީ ޖަމިއްޔާތަކުގެ އިސްވެރިންނާ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަޙުދު މުހައްމަދު ބިން ސަލްމާން 'ސިއްރު' ބައްދަލުވުމެއް މާޗް 27ގައި ކުރިއަށް ގޮސްފައިވާ ވާހަކަ ރިޕޯޓްކޮށްފައިވަނިކޮށެވެ. އަދި މި ބައްދަލުވުުގައި ފަލަސްތީނުގެ މައްސަލައަށް ވުރެ ސައުދީ އަރައްބިއްޔާއިން ބަލަން ޖެހޭ 'މާ މުހިއްމު' މައްސަލަތައް އެބަހުރިކަމަށް މުހައްމަދު ބިން ސަލްމާން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި، 'މެދުއިރުމަތީގައި އިރާނުގެ ބާރު އިތުރުވުން' ފާހަގަ ކުރައްވާފައިވެއެވެ.
32 އަހަރުގެ މުހައްމަދު ބިން ސަލްމާންގެ މި ބައްދަލުވުމަށް އިޝާރާތް ކުރައްވާ ޚާމަނާއީ ވިދާޅުވެފައިވަނީ، އިރާންއާ ކުރިމަތިލެވޭނެ އެއް ގޮތަކީ "ތަޖުރިބާ ނެތް" ލީޑަރުން ބޭނުންކޮށްގެންކަމަށެވެ. އަދި އެމެރިކާއިން މަސައްކަތް ކުރަމުން ދަނީ އިރާނާއި ސައުދީ އަރައްބިއްޔާއާ ޖެއްސުމަށްކަމަށާއި، އެ ގައުމުން ބޭނުންވަނީ ސަރަހައްދީ ކާރިސާއެއް އުފެއްދުމަށްކަމަށް ޚާމަނާއީ ތުހުމަތު ކުރެއްވިއެވެ.
އިރާންގެ ދައުލަތުގެ ޓީވީގައި ހޯމަ ދުވަހު ވާހަކަ ދައްކަވަމުން، ޚާމަނާއީ ވަނީ މެދު އިރުމައްޗާ ނުކުޅުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ. އަދި އިރާނާ ކުރިމަތީލާ ކޮންމެ ފަރާތެއްވެސް ބަލިކުރާނެކަމަށް ޚާމަނާއީ ވިދާޅުވިއެވެ.
"އެމެރިކާއިން މަސައްކަތް ކުރަނީ އިރާނާ ކުރިމަތިލުމަށް ސައުދީ އަރަބިއްޔާއަށް ބާރު އަޅަން... އެ މީހުންގެ ބޭނުމަކީ އިތުރު ސަރަހައްދީ ކާރިސާ އުފެއްދުން... މުސްލިމުންނާ މުސްލިމުން ހަނގުރާމަ ކުރުމަށް ބާރު އެޅުން،" ޚާމަނާއީ ވިދާޅުވިއެވެ.
އަދި 'ބުއްދި ހުރެއްޖެނަމަ އިރާނާ ކުރިމަތި ނުލާނެ' ކަމަށާއި ލައިފިނަމަ ބަލިވާނެކަމަށް ޚާމަނާއީ ވިދާޅުވިއެވެ.
މީގެ އިތުރުން، މެދެ އިރުމަތީގައި އިރާނުގެ ބާރު ކުޑަ ކުރަން އެއްވެސް ވަރަކަށް ގަސްތު ނުކުރައްވާކަން ފާހަގަ ކުރައްވާ ޚާމަނާއީ ވިދާޅުވީ، "މެދު އިރުމަތިން ދާން ޖެހެނީ އެމެރިކާ" ކަމަށެވެ.
ސަރަހައްދުގެ ބާރާ ހެދީ ސައުދީ އަރަބިއްޔާއާއި އިރާން ހަނގުރާމަ ކުރާތާ އެތަކެއް އަހަރެއް ވެފައިވާއިރު، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދު އޮންނެވީ ސައުދި އަރަބިއްޔާއާ އެކުއެވެ.