ކ. މާލެ
|
1 މެއި 2018 | އަންގާރަ 04:05
ފިލިޕީންސްގެ ރައީސް، ރޮޑްރިގޯ ޑޫޓާޓޭ
ފިލިޕީންސްގެ ރައީސް، ރޮޑްރިގޯ ޑޫޓާޓޭ
އެންޑީޓީވީ
ފިލިޕީންސް - ކުވެއިތު
ފިލިޕީންސްގެ ރައްޔިތުންނަށް ކުވެއިތުގައި މަސައްކަތްކުރުން ދާއިމީކޮށް މަނާކޮށްފި
ކުވެއިތުގައި މަސައްކަތް ކުރަމުންދާ ފިލިޕީންސްގެ ރައްޔިތުންނަށް އަނިޔާ ކުރާކަމަށް ތުހުމަތުކޮށް އެ ތަނުގައި މަސައްކަތް ކުރުން މަނާކޮށް ވަގުތީ އަމުރެއް މި އަހަރުގެ ފެބްރުއަރީ މަހުވަނީ ނެރެފައި
އެ ކަންތައް ދާއިމީ ކުރިކަން ރައީސް ޑޫޓާޓޭ އިއުލާން ކުރެއްވީ އާދިއްތަ ދުވަހު
އެގޮތަށް ޑުޓާޓޭ ނިންމެވީ އެ ގައުމުގެ ރައްޔިތެއްގެ ހަށިގަނޑު އައިސްއަލަމާރިއެއް ތެރެއިން ކުވެއިތު ސިޓީން ފެނުމާ ގުޅިގެން

ފިލިޕީންސްގެ ރައްޔިތުންނަށް ކުވެއިތުގައި މަސައްކަތް ކުރުން ދާއިމީކޮށް މަނާ ކުުރުމަށް ރައީސް ރޮޑްރިގޯ ޑުޓާޓޭ ނިންމަވައިފިއެވެ.

ކުވެއިތުގައި މަސައްކަތް ކުރަމުންދާ ފިލިޕީންސްގެ ރައްޔިތުންނަށް އަނިޔާ ކުރާކަމަށް ތުހުމަތުކޮށް އެ ޤައުމުގައި މަސައްކަތް ކުރުން މަނާކޮށް ވަގުތީ އަމުރެއް މި އަހަރުގެ ފެބްރުއަރީ މަހު ނެރެފައިވާއިރު، ދާއިމީކޮށްފައިވަނީ އާދިއްތަ ދުވަހެވެ.

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު ފިލިޕީންސްގެ ދެކުނުގައި އޮންނަ މިންޑަނައޯގެ ޑަވާއޯ ސިޓީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑުޓާޓޭ ވިދާޅުވީ އެކަންތައް ދާއިމީ ކޮށްފައިވާކަމަށާއި ކުވެއިތުގައި މަސައްކަތް ކުރުމުގެ ފުރުސަތު، ހާއްސަކޮށް ގޭގޭގައި މަސައްކަތް ކުރުމަށް، އެއްވެސް ރައްޔިތަކަށް ނުދޭނެކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ކުވެއިތުގެ ކަމާބެހޭ ފަރާތަކުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް، ކުވެއިތުންވަނީ ފިލިޕީންސުން އެ ގައުމަށް ކަނޑައަޅާފައިވާ ސަފީރު މިދިޔަ ބުދަ ދުވަހު ޤައުމުން ބޭރުކޮށްލާފައެވެ. އަދި އެ ގައުމުން ފިލިޕީންސަށް ކަނޑައަޅާފައިވާ ސަފީރުވެސް އަނބުރާ ގެންގޮސްފައެވެ.

ފެބްރުއަރީގައި ނިންމި ނިންމުން ދާއިމީ ކުރަން ޑުޓާޓާ ނިންމެވި އިރު ދެ ގައުމުން ދިޔައީ އެކަންތައް އިސްހާލް ކުރެވޭނެ ގޮތަކާ މެދު މަޝްވަރާ ކުރަމުންނެވެ.

ފިލިޕީންސްގެ ރައްޔިތުން ކުވެއިތުގައި މަސައްކަތް ކުރުން މަނާ ކުރުމަށް ޑުޓާޓޭ ނިންމެވީ ކުވެއިތުގައި މަސައްކަތްކުރަމުންދިޔަ އެ ގައުމުގެ ރައްޔިތެއްގެ ހަށިގަނޑު އައިސްއަލަމާރިއެއް ތެރެއިން ފެނުމާ ގުޅިގެންނެވެ. މި ހާދިސާ ކުވެިއިތު ސިޓީގައި ހިނގާފައިވާއިރު، އެ އަންހެން މީހާގެ ހަށިގަނޑު ފެނިފައިވަނީ އެގޮތަށް އޮންނަތާ އެއް އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ކުވެއިތުގައި ދިރިއުޅޭ ލުބްނާންގެ ރައްޔިތެއްކަަމަށްވާ ނާދެރް އިއްސަމް އައްސާފް ވަނީ ޖޮއާނާ ޑެމަފެލިސް މަރާލިކަމް މާޗް މަހު އެއްބަސް ވަފައެވެ. އަދި ޖޮއާނާއާ އެކު އާނާގެ އަންހެނުން، ސޫރިއާގެ ރައްޔިތެއް، މަރާލާފައިވާކަމަށް ވެސް އޭނާ އެއްބަސް ވެފައިވެއެވެ.

ފިލިޕީންސްގެ ގިނަ ރައްޔިތުން މިހާރުވެސް ކުވެއިތުގައި މަސައްކަތް ކުރަމުން ދާއިރު، ޑުޓާޓޭ ވިދާޅުވީ މިހާރު ކުވެއިތުގައި ތިބި މީހުން ބޭނުމިއްޔާ މަޑު ކުރެވޭނެކަމަށާއި، އަނބުރާ ގައުމަށް އަންނަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެހީ ލިބިގެންދާނެކަމަށެވެ.

- ކޮމެންޓް